Last Updated: April 25, 09:23
Thursday, April 25, 2024
ކުޅިވަރު

ޒިދާންގެ އެނބުރިއައުން ރެއާލުން މޮޅަކުން ފަށައިފި

ރެއާލް މެޑްރިޑްގެ ކޯޗު ޒައިނުއްދީން ޒިދާން. --ފޮޓޯ: ލަލީގާ

ނިމިދިޔަ ސީޒަނަށްފަހު ކުއްލި ގޮތަކަށް ރެއާލް މެޑްރިޑްގެ ކޯޗުކަން ދޫކޮށްލުމަށްފަހު އަލުން އެނބުރިއައިސް ޒައިނުއްދީން ޒިދާންގެ އިރުޝާދުގެދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސެލްޓާ ވިގޯ އަތުން 2-0 އިން މޮޅުވެއްޖެއެވެ.

ރެއާލަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ޖެހިޖެހިގެން ތިން ސީޒަނުގައި ހޯދައިދިން ޒިދާން އެ ޓީމަށް އަލުން ގެނައީ ސަންޓިއާގޯ ސޮލާރީ ވަކިކުރުމަށް ފަހު 2022 ވަނަ އަހަރުގެ ނިޔަލަށެވެ.

ރެއާލުން މި މެޗަށް ނިކުތީ ލީގުގައި އެންމެފަހުން ވަލަޑޮލިޑް އަތުން 4-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ފަސް ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ސާޖިއޯ ރާމޯސް އާއި މާސެލޯ އަދި އިސްކޯގެ އިތުރުން ގަރެތު ބޭލް އަށް ފުރަތަމަ އެގާރައިން ފުރުޞަތުދީފައިވާއިރު މި މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓީ ކޭލޯ ނަވާސް އެވެ. މީގެއިތުރުން، އެ ޓީމުގެ ބްރެޒިލް މިޑްފީލްޑަރު ކަސެމީރޯ ސަސްޕެންޝަނުގެ ސަބަބުން މި މެޗުގައި ނުކުޅެއެވެ.

ސެލްޓާ ވިގޯއާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ލަލީގާ

ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެން ނިމުނުއިރު މި ހާފުގައި ރެއާލްގެ ބޭލް އާއި މާސެލޯ އަށް ލަނޑުޖެހުމަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. އެގޮތުން، ބޭލް ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވެއެވެ.

ދެވަނަ ހާފުގެ ކުޅުނު ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި، ރެއާލަށް ލީޑް ނަގައިދިނުމަށް ބެންޒެމާ އަށް ރަނގަޅު ފުުރުޞަތެއްލިބި ބޭކާރުވެފައިވެއެވެ. މެޗުގެ 54 ވަނަ މިނެޓުގައި ބެންޒެމާ ފޮނުވާލި ހަމަލާ ސެލްޓާގެ ގޯލްކީޕަރު ރުބެން ބްލޭންކޯ މަތަކުރިއެވެ.

އޭގެ ދެ މިނެޓުފަހުން، ރެއާލުން ގޯލެއް ކާމިޔާބުކުރިއެވެ. ސެލްޓާގެ ޕެނަލްޓީއޭރިޔާބޭރުން ރެއާލްގެ ލޫކާ މޮޑްރިޗް ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަންއިރު އެ ޓީމުގެ ދެ ކުޅުންތެރިއަކު ސެލްޓާގެ ކީޕަރު ބްލޭންކޯގެ ކުރިމަތީގައި ހުރުމުން ރެފްރީ ވަނީ ވީއޭއާރްގެ އެހީ ހޯދުމަށްފަހު އެއީ ގޯލެއް ނޫންކަމަށް ނިންމާފައެވެ.

މި މެޗުގައި ރެއާލުން ކާމިޔާބުކުރި ފުރަތަމަ ލަނޑު، މެޗުގެ 62 ވަނަ މިނެޓުގައި ޖަހައިދިނީ އިސްކޯ އެވެ. މިއީ އެ ޓީމުގެ މާކޯ އަސެންސިއޯ އާއި ބެންޒެމާ ގުޅިގެން އުފެއްދި އެޓޭކަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

ރެއާލްގެ ދެވަނަ ލަނޑު، އެ ޓީމުގެ ގަރެތު ބޭލް (ކ) ފޮނުވާލަނީ. –ފޮޓޯ: ރޮއިޓާސް

އޭގެފަހުން، ރެއާލްގެ ލީޑް ފުޅާކުރުމަށް ބޭލް އާއި އަސެންސިއޯ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ސެލްޓާގެ ކީޕަރު ބްލޭންކޯ އެވެ.

މެޗު ނިމެން 13 މިނެޓަށްވެފައިވަނިކޮށް، ރެއާލްގެ ދެވަނަ ލަނޑުޖަހައިދީ އެ ޓީމަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ބޭލް އެވެ. ސެލްޓާގެ ޕެނަލްޓީއޭރިޔާތެރޭގައި ހުރެ ބޭލް ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ދަނޑީގައިޖެހިފައެވެ.

މި ނަތީޖާއާއެކު ރެއާލް އަދިވެސް އޮތީ ތާވަލްގެ ތިންވަނައިގައެވެ. އެ ޓީމަށް 28 މެޗުން 54 ޕޮއިންޓް ލިބިފައިވާއިރު އެންމެކުރީގައި އުޅޭ ބާސެލޯނާ ވަނީ 27 މެޗުން 63 ޕޮއިންޓް ހަމަކޮށްފައެވެ. މި މެޗުން ބަލިވި ސެލްޓާ އޮތީ 25 ޕޮއިންޓާއެކު ތާވަލްގެ ފުލުން ތިންވަނައިގައެވެ.