Last Updated: June 10, 09:20
Wednesday, June 10, 2026
ޚަބަރު

ކަނޑު ދަތުރަށް ސަމާލުވާން އިލްތިމާސްކޮށްފި

މިދުވަސްވަރަކީ ރާއްޖެ އަށް މޫސުމް ގޯސްވެ ވިއްސާރަ، އަދި ކަނޑުގަދަ ދުވަސްވަރަކަށް ވެފައި ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރަމުންދާތީ ހިކި ފަސް ތަންތާގައި ތިބެ ފުރައިގެން ނުދިއުމަށާއި މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދީ، މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތުތައް ހޯދައިގެން ދަތުރު ފަތުރު ކުރުމަށް ކޯސްޓް ގާޑުން އިލްތިމާސްކޮށްފި އެވެ.

އަދި އުޅަނދުގެ މުއާސަލާތީ ސެޓްތައް ފުރުމުގެ ކުރިން ރަނގަޅުތޯ ޗެކް ކުރުމާއި، މި ނޫނަސް ކަނޑުދަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ހެދިފައިވާ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ވެސް ކޯސްޓްގާޑުން އިލްތިމާސް ކުރެ އެވެ.

މުދާ އުފުލާ އުޅަނދުފަހަރަށް މުދާ ބަރު ކުރުމުގައި އެކަށީގެންވާ ވަރަށް ވުރެ ބޮޑަށް ބަރު ނުކުރެއްވުމަށާއި، ދަތުރު ކުރައްވާ ފަސިންޖަރުންނަށް ފަސޭހަކަމާ އެކު ލައިފް ޖެކެޓް އަތު ޖެހޭނެ ގޮތަށް އެންމެނަށް ހަމަ ވާވަރަށް ލައިފް ޖެކެޓް ބެހެއްޓުމަށް ކޯސްޓް ގާޑުން އިލްތިމާސް ކުރެ އެވެ.

މީގެ އިތުރުން ހުރިހާ އުޅަނދެއްގައި ވެސް ދިޔަ ހިއްކާނެ ރަނގަޅު ނިޒާމުތަކެއް ބެހެއްޓުމަށާއި ކޮމިއުނިކޭޝަން ސެޓްތައް ރަނގަޅުތޯ ޗެކް ކުރުމުގެ އިތުރުން މި ނޫނަސް ކަނޑުދަތުރު ކުރުމުގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ހެދިފައިވާ ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތްތެވުމާ އެކު ދަތުރުތައް ރޭއްވެވުމުގައި ޚާއްޞަ ސަމާލު ކަމެއް ދެއްވުމަށް ކޯސްޓް ގާޑުން އިލްތިމާސް ކުރެ އެވެ.