Last Updated: June 9, 13:52
Tuesday, June 9, 2026
ޚަބަރު

މަރާލި މީހުންގެ ތެރޭގައި ނިއުޒީލެންޑުގެ ގައުމީ ފުޓްސަލް ޓީމުގެ ކީޕަރެއް ހިމެނޭ

ކްރައިސްޗާޗު 17 މާރިޗު- ނިއުޒީލެންޑުގެ ކްރައިސްޗާޗުގެ ދެމިސްކިތަކަށް ހުކުރު ދުވަހުގެ ހުކުރު ގަޑީގައި ދިން ޓެރަރިސްޓު ހަމަލާގައި މަރުވި 50 މީހުންގެ ތެރޭގައި އެގައުމުގެ ގައުމީ ފުޓްސަލް ޓީމުގެ ކީޕަރު އަތާ އަލައްޔާން ހިމެނޭކަމަށް ނިއުޒީލެންޑުގެ ފުޓްބޯޅަ އިދާރާއިން ބުނެފިއެވެ.

އަތާ މަރާލާފައިވަނީ މިސްކިތުގައި ނަމާދަށް ހުއްޓާއެވެ.

ނިއުޒީލެންޑުގެ ފުޓްބޯޅަ އިދާރާއިން ބުނީ މަރާލި އަތާ އެގައުމުގެ ގައުމީ ފުޓްސަލް ޓީމަށް 19 މެޗު ކުޅެދީފައިވާ ކަމަށެވެ. އޭނާ އަކީ ގައުމީ ޓީމުގެ ގޯލް ބެލެހެއްޓި ކުޅުންތެރިއެކެވެ.

އަތާއަކީ ކުވައިތަށް އުފަން މީހެކެވެ. ނަމަވެސް ވަރަށް ކުޑައިރުއްސުރެން ފެށިގެން އަތާ ދިރިއުޅެފައިވަނީ ނިއުޒީލެންޑުގައެވެ.

އޮސްޓްރޭލިއާގެ ހައްދުފަހަނަޅާފައިވާ ޓެރަރިސްޓަކު ދިން ހަމަލާގައި ކުށެއް ނެތް 50 މުސްލިމުން ވަނީ ޝަހީދުކޮށްލާފައެވެ. މިއީ ނިއުޒީލެންޑުގެ ތާރީހުގައި ހިންގާފައިވާ އެންމެ ލާއިންސާނީ ހަމަލާކަމަށް މީޑިއާ ރިޕޯޓު ބުނެއެވެ.

ކްރައިސްޗާޗު ދެ މިސްކިތަށް ދިން ހަމަލާގައި ޝަހީދުވި މީހުންގެ ޖަނާޒާގެ ހަރަދު ސަރުކާރުން ކުރުމަށާއި ޝަހީދުވި މީހުންގެ އާއިލާތަކަށް ނިއުޒީލެންޑު ސަރުކާރުން އެހީވުމަށް ނިންމާފައިވާ ކަމަށް އެގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑެން ވަނީ ވިދާޅުވެފައެވެ.