Last Updated: April 20, 18:41
Saturday, April 20, 2024
ރިޕޯޓް

އެނަމާ ބޯޓް ބަންޑުން ޖަހާލިތާ 15 އަހަރު، މުޅި ގައުމަށް ހިތާމަވެރިކަން ގެނުވި ކަޅު ދުވަސް

އެއީ މީގެ 15 އަހަރު ކުރިއެވެ. 2004 ވަނަ އަހަރު މާރޗު މަހުގެ 17 ވަނަ ދުވަހުގެ ރޭ އިރާކޮޅު ހިނގާދިޔަ އެނަމާ ބޯޓުގެ ހާދިސާއެވެ. އެއީ ދިވެހި ރާއްޖޭގެ ތާރީޙުގައި ކަނޑުމަތީގައި ހިނގައިދިޔަ އެންމެ ހިތާމަވެރި ހާދިސާއެވެ.

އެ ދުވަހަކީ ފޯރިގަދަ ފުޓްބޯޅަ މެޗެއް ކުޅެވުނު ދުވަހެކެވެ. ދިވެހި ލީގަށް ކޮލިފައިވާން ޒޯންހަތެއްގެ ގދ.ތިނަދޫ މަސްވެރިންގެ ރޫހާއި، ގއ. ވިލިނގިލީ މަސްވެރިންގެ ކްލަބް ވިލިނގިއްޔާއި ބައްދަލުކުރި މެޗެވެ. މިމެޗުން ބަލިވި ޓީމުކަމަށްވާ ތިނަދޫ ޓީމުގެ ސަޕޯޓަރުން ބޯޓަށް އެރީ އިރު އޮއްސި 6:50 ހާއިރުއެވެ.

މެޗުން ބަލިވެ ކުރިމަތިވި ހިތްދަތިކަމާއެކުއެވެ. ދަތުރު ކުރަމުންދިޔައީ ގއ. ވިލިނގިލިން ގދ. ތިނަދޫއަށެވެ. އަނދިރިވެރިވި ވަގުތު ކުރަމުންދިޔަ ދަތުރު ވެގެން ދިޔައީ އެ ބޯޓުން ދަތުރުކުރި ބައެއް މީހުންގެ އެންމެ ފަހު ދަތުރަށެވެ. އެނަމާ ބޯޓު ބަންޑުން ޖަހާލީއެވެ. މިއަދު މިއީ އެ ހިތާމަވެރި ހާދިސާއަށް 15 އަހަރުވީ ދުވަހެވެ.

މިއަދު އެނަމާ ބޯޓު ބަންޑުންޖަހާލި ހާދިސާ އަށް 15 އަހަރު ފުރިގެން ދާއިރު، އެ ހާދިސާ ތިނަދޫ މީހުންގެ އިތުރުން ވެސް އެތައް ދިވެހިންނެއްގެ ހަނދާނުގައި އަދިވެސް އެބަހުއްޓެވެ. އެއީ މުޅި ގައުމަށް ވެސް ހިތާމަވެރިކަން ގެނުވި، ކަޅު ދުވަހެކެވެ.

އެނަމާ ބޯޓުގެ ކާރިސާއަކީ ދިވެހިރާއްޖޭގެ ފަހުގެ ތާރީހުގައި އެއްމެ ގިނަ އަދަދެއްގެ މީހުން މަރުވި އެންމެ ހިތާމަވެރި ކަނޑުމަތީގެ ކާރިސާއެވެ.

ގއ.ވިލިނގިލިން ފުރައިގެން ގދ.ތިނަދުއަށް 122 މީހުންނާއެކު ދަތުރު ކުރަނިކޮށް ތިނަދޫ އެނަމާބޯޓު ބަންޑުން ޖަހާލާ ޖުމްލަ 24 މީހުން މަރުވެ 2 މީހަކު ގެއްލިފައިވެއެވެ.

މި ހާދިސާ ހިނގާފައިވަނީ 17 މާރޗް 2004 ވީ ބުދަދުވަހުގެރޭ 8:30 ހާއިރުއެވެ. މަރުވިމީހުންގެ މައްޗަށް ޣައިބުގައި ކަށުނަމާދު ކުރެވުނީ 19 މާރޗް 2004 ވީ ހުކުރު ދުވަހު މުޅިރާއްޖޭގެ ހުރިހާރަށެއްގައިވެސް ހުކުރުނަމާދަށްފަހުއެވެ.

މިހާދިސާ ހިނގާފައިވާ ގޮތެއްކަމަށްވަނީ އެނަމާބޯޓާ 40 ފޫޓު ދުރުން ދަތުރު ކުރަމުންދިޔަ ‘އަރުތަ’ ނަމަކަށް ކިޔޭ ތިނަދޫ މަސްދޯންޏެއްގެ މޯހިރުން އުފެދުނު ރާޅެއްގައިޖެހި އެނަމާ ބޯޓު ތަޅުވާ ބަންޑުންޖަހާލައިގެންނެވެ.

އެރޭ ބޯޓު ދަތުރު ކުރަމުން ދިޔައިރު އޭގައި 88 ފުޅި ކައްކާ ގޭސް ހުސްކުރި ސިލިންޑަރާއި ހޮސްޕިޓަލުގެ މެޑްއޮކްސިޖަން ހުސްކުރި 10 ފުޅި ނޫން އެއްވެސް މުދަލެއް ބަރުކޮށްފައި ނެތެވެ. މިހާ މަދު މުދަލާއެކު އެހާގިނަ މީހުން ބޯޓުގެ މަތީގައި ތިބުމަކީ ބޯޓު ބަންޑުންޖަހާލުމުގެ ސަބަބެއްކަމަށް ކަމާބެހޭ ބައެއް މާހިރުން ވަނީ ބުނެފައެވެ. ބޯޓު ދަތުރުކުރަމުން ދަނިކޮށް ބޯޓުގެ މަތީބަޔަށް މީހުންތައް އެރުން އެއީ އޭގެ ބެލެންސް ގެއްލުނު އެއްސަބަބުކަމަށް މިފަރާތްތަކުން ބުނެއެވެ.

އެ ހާދިސާއިން ސަލާމަތްވި މީހުން ބުނާގޮތުގައި މިޔަރެން ދޯނީގެ އެހީ ތެރިކަން ލިބުނު ނަމަ އެމީހުން ގެ ތެރެއިން ގިނަބަޔަކު ސަލާމަތް ކުރެވުނީހެވެ. ނަމަވެސް 12 ޓަނުގެ މަސް އެބަހުއްޓޭ މިދަނީ ކޫއްޑޫ އަށް މަސްކިރުވާށޭ ކިޔާފައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީނުވެ އެދޯނި ވަނީ ގޮސްފައެވެ.

މި ހާދިސާ އިން އެގިގެން ދިޔަ ކަމަކީ ކަމެއް ވެދާނެކަމަށް ބަލައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިނަމަ މިފަދަ ހާދިސާތައް ހިނގުން ދުރުވާނެކ ކަމާއި ހެދިފައިވާ ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި ދަތުރަށް ފެށުމުގެ ކުރިން ބަލަން ޖެހޭ ކަންކަމަށް ސަމާލު ކަން ދީ އަދި ސަލާމަތީ ފިޔަވަޅުތައް ފުރިހަމައަށް ކަށަވަރު ކޮށްފި ނަމަ މި ފަދަ ހިތާމަވެރި ހާދިސާ ތައް މަދުވެގެންދާނެ ކަމެވެ.

އެނަމާ ބޯޓު ހާދިސާގައި ދުނިޔެ ދޫކޮށްފައިވާ އެންމެހާ ފަރާތްތަކަށް ސުވަރުގެ މިންވަރު ކުރައްވާށި! އަދި އެ އާއިލާތަކަށް ކެތްތެރިކަން ދެއްވާށި!(އާމީން)