Last Updated: April 25, 18:52
Thursday, April 25, 2024
ކުޅިވަރު

ވީއޭއާރްގެ އެހީއާއި ނުލައި ސްވަންސީ އަތުން މޮޅުވުމުން މައާފަށް އެދެން: ގާޑިއޯލާ

އިނގިރޭސި އެފްއޭކަޕްގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު މެޗުގައި ވީއޭއާރްގެ އެހީއާއި ނުލައި ސްވަންސީ ސިޓީ އަތުން މެންޗެސްޓާ ސިޓީ މޮޅުވުމުން ހިތްހަމަނުޖެހޭކަމަށާއި ރެފްރީގެ ފަރާތުން ފެންނަ ގޯސް ނިންމުންތަކަށްފަހު މެޗަކުން މޮޅުވާން ބޭނުންނުވާކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

އެގޮތުން، އެފްއޭކަޕްގެ ހުރިހާ މެޗެއްގައިވެސް ވީއޭއާރް ބޭނުންކުރުމަށް އެއްބަސްވި ކްލަބުތަކުގެ ތެރޭގައި ސިޓީ ހިމެނޭނެކަމަށް ގާޑިއޯލާ ވަނީ ބުނެފައެވެ.

ގާޑިއޯލާ މިހެން ބުނެފައިވަނީ ސްވަންސީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ދެލަނޑުޖަހާފައިވަނިކޮށް ސިޓީން ފަހަތުން އަރައި 3-2 އިން މި މެޗުން މޮޅުވެ ސެމީ ފައިނަލަށް ދަތުރުކޮށް އެ ޓީމުން ހަތަރު މުބާރާތެއްގެ ތަށި ހޯދުމަށް ކުރަމުންއައި މަސައްކަތަށް އިތުރު ހިތްހަމަޖެހުމެއްލިބިފައިވަނިކޮށެވެ.

މި މެޗުގައި ސިޓީން ކާމިޔާބުކުރި ތިން ލަނޑުގެ ތެރެއިން ދެ ގޯލަކީ ސުވާލު އުފެދޭ ފަދަ ހާލަތްތަކުގައި ކާމިޔާބުކޮށްފައިވާ ގޯލްތަކެއް ކަމަށް ޚުދު ގާޑިއޯލާ ވެސް ގަބޫލުކުރެއެވެ. އެގޮތުން، ސިޓީން އެއްވަރުކުރި ލަނޑު ކާމިޔާބުކުރީ އެ ޓީމުގެ ރަހީމް ސްޓާލިން އަށް ސްވަންސީގެ ކެމަރަން ކާޓާ-ވިކާސް ފައުލްކުރިކަމަށް ބުނެ ދިން ޕެނަލްޓީ ގޯލްގެ ދަނޑީގައި ޖެހިފައި ނިކުތް ވަގުތު ސްވަންސީގެ ކުޅުންތެރިއަކު ގައިގަ ޖެހިފައި ގޯލްގެ ތެރެއަށް ވަންއިރު މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް ސިޓީ މޮޅުވި ލަނޑު، ސާޖިއޯ އަގުއޭރޯ ކާމިޔާބުކުރިއިރު އޮފްސައިޑް މަގާމެއްގައި ހުރެ ކަމަށް ބުނެ ސްވަންސީގެ ކުޅުންތެރިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

އިނގިރޭސި އެފްއޭކަޕްގެ ބައެއް މެޗުތަކުގައި ވީއޭއާރް ބޭނުންކުރުމަށް ނިންމާފައިވީނަމަވެސް ވޭލްސްގައި ސްވަންސީއާ ދެކޮޅަށް ސިޓީ ކުޅުނު މި މެޗުގައި ރެފްރީގެ ނިންމުންތަކުގައި ވީޑިއޯ ރީޕްލޭ ބަލާފައެއްނުވެއެވެ.

"އަހަރެންނަށް އެހާ ރީއްޗަށް އެ މަންޒަރުތައް ނުފެނޭ. އެއީ ޕެނަލްޓީއެއް ނޫންކަމަށާއި އޮފްސައިޑް ގޯލެއްކަމަށް މީހުން ދައްކާ ވާހަކަތަކާއިމެދު އަހަރެން ބުނާނީ އެކަމަށް މައާފްކުރާށޭ. މި މެޗުގައި ވީއޭއާރް ބޭނުންނުކުރި ސަބަބާއި މެދު ކަމާއިބެހޭ ފަރާތްތަކާއި ސުވާލުކުރާށޭ." މެޗަށްފަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުންޏެވެ.

"ހުރިހާ ކްލަބެއްގެ އޮފިޝަލުން ގާތުގައި ވީއޭއާރް ބޭނުންކުރުމަށް އެދުމުން އަހަރެމެން ބުނިން މުޅި ސީޒަނުގެ ހުރިހާ މެޗެއްގައި އޭގެ އެހީ ހޯދުމަށް. ޔޫރަޕްގެ ހުރިހާ މުބާރާތެއްގައި ކަހަލަ ގޮތަކަށް ވީއޭއާރް ބޭނުންކުރަމުންދާއިރު މި މުބާރާތުގެ ބައެއް މެޗުތަކުގައި އޭގެ ބޭނުންނުހިފާ ސަބަބާއި މެދު ކަމާބެހޭ ފަރާތްތަކާއި ސުވާލުކުރޭ."

"މިގޮތަށް މޮޅުވާން އަހަރެން ބޭނުމެއް ނޫން. އެކަމަކު މުޅި މެޗުގައި އަހަރެމެންގެ ފަރާތުން ފެނުނު ކުޅުމަށް ބަލާއިރު މޮޅުވުން ހައްގުކަމަށް ގަބޫލުކުރަން. އެ ޓީމުގެ ކީޕަރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ." ގާޑިއޯލާ ބުންޏެވެ.