Last Updated: June 13, 06:05
Saturday, June 13, 2026
މުނިފޫހިފިލުވުން

އޮފީސް މާހައުގައި ޖިންސީ ގޯނާ އޮތް މިންވަރާ ބެހޭ ސާވޭއެއް!

އޮފީސް މާހައުލުގައި ދިމާވާ ޖިންސީ ގޯނާތަކުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ބޮލީވުޑް ފިލްމް "އިންކާރު" އާ ގުޅިގެން އިންޑިއާގެ ބައެއް ސަރަހައްދުގައި މި މައްސަލަ އޮތް މިންވަރު ބެލުމުގެ ސާވޭއެއް ފަށައިފި އެވެ.

މިކަމާ ބެހޭ ގޮތުން އެ ފިލްމް ޕްރޮޑިއުސް ކުރި ވަޔަކޮމް 18 ގެ ތަރުޖަމާން ވިދާޅުވީ ބޮޑު ހަރަދެއްކޮށްގެން ކުރިއަށް ގެންދާ ސާވޭ ކުރިއަށް ގެންދަނީ މުމްބާއީ، ދިއްލީ، ޕޫނޭ، ޗަންދީގަރް، ބެންގަލޯރް އަދި ކޮލްކަތާގައި ކަމަށެވެ. އޭނާ ވިދާޅުވީ ކަމާ ގުޅޭ ސުވާލުތަކެެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ ސާވޭގައި އަންހެނުންނާއި ފިރިހެނުން ވެސް ބައިވެރި ކުރާނެ ކަމަށެވެ.

އަދި ސާވޭގެ ނަތީޖާތައް ނިކުންނަ އިރު އޮފީސް މާހައުލުގައި ދެ ޖިންސްގެ މީހުންނަށް ކުރިމަތިވާ ޖިންސީ ގޯނާތަކުގެ ހަގީގީ މަންޒަރެއް ސާފު ވާނެ ކަމަށް ސާވޭ ކުރިއަށް ގެންދާ ޓީމުން ބުނެ އެވެ. މި ސާވޭ އަށް ވަޔަކޮމް 18 އިން ގާތްގަޑަކަށް ދެ ކްރޯޑް ރުޕީސް ހަރަދު ކުރެ އެވެ.

އިޖުތިމާއީ މައްސަލަތަކަށް ބިނާކޮށް ފިލްމްތައް އުފެއްދުމަށް މަޝްހޫރު ސުދިރް މިޝްރާ ޑައިރެކްޓްކޮށްފައިވާ "އިންކާރު" ގައި ލީޑް ރޯލް ކުޅެނީ އަރުޖުން ރާމްޕާލާއި ޗިތުރަންގަދާ ސިންގް އެވެ.

މި މަހުގެ 18 ވަނަ ދުވަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "އިންކާރު" ގައި ޗިތުރަންގަދާ ފެނިގެން ދާނީ އޭނާ މަސައްކަތް ކުރާ އެޑްވަޓައިޒިން އެޖެންސީގެ ސީއީއޯ އަރްޖުންގެ ފަރާތުން ކުރިމަތިވާ ޖިންސީ ގޯނާތަކާ ކުރިމަތިލާން ޖެހިފައިވާ އަންހެނެއްގެ ރޯލުންނެވެ.