"3 އިޑިއަޓްސް" ގެ ރެކޯޑަށް ފަހު، ރާޖް ކުމާރު ހިރާނީގެ އާ ފިލްމްގެ ބައެއް މަންޒަރުތައް ބެލްޖިއަމްގައި ނަގާ ގޮތަށް ހަމަޖައްސައި ފިލްމްގެ ކްރޫ އެ ގައުމަށް ވަރަށް އަވަހަށް ފުރާ ގޮތަށް ހަމަޖެެހިއްޖެ އެވެ.
އާމިރް ހާނާއި އަނުޝްކާ ޝަރްމާ ލީޑް ރޯލް ކުޅޭ "ޕީކޭ" ގެ މަންޒަރުތަކެއް ބެލްޖިއަމްގައި ނަގަން ހަމަޖެއްސި އިރު މީގެ ކުރިން، އެ މަންޒަރުތައް ނަގަން ނިންމީ ހަންގޭރީގަ އެވެ.
އެހެން ނަމަވެސް ހަންގޭރީގެ ޝެޑިއުލް ކެންސަލް ކުރުމަށް ފަހު ބެލްޖިއަމްގައި ޝޫޓް ކުރާ ގޮތަށް ނިންމީ އެވެ.
މިއީ ބޮލީވުޑްގެ ފިލްމެއް ބެލްޖިއަމްގައި ޝޫޓް ކުރާ ފުރަތަމަ ފަހަރު ވެސް މެ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބެލްޖިއަމްގައި ނަގާ މަންޒަރުތަކަކީ އެ ގައުމުގައި ކިޔަވަން އާމިރް އާއި އަނުޝްކާ ހޭދަ ކުރާ ދުވަސްތަކެއްގެ މަންޒަރުތަކެވެ.
މީގެ އިތުރުން ފިލްމްގެ ލަވައެއް ވެސް އެ ތަނުގައި ޝޫޓް ކުރަން ވަނީ ނިންމައިފަ އެވެ. އެގޮތުން ފިލްމްގެ ކުރީ ބެލްޖިއަމްގައި ގާތްގަޑަކަށް ތިން ހަފުތާއެއްހާ ދުވަސް ހޭދަ ކުރާނެ އެވެ.
"ޕީކޭ" ގެ މަންޒަރުތައް ގުޖުރާތުގައި ނެގުމަށް ފަހު، މިހާރު ޝޫޓިން ކުރިއަށް ދަނީ މުމްބާއީގަ އެވެ. މި ފިލްމުގައި މުހިއްމު ރޯލެއް އަދާ ކުރާ ސަންޖޭ ދަތު ޖަލަށް ދިއުމުގެ ކުރިން އޭނާގެ މަންޒަރުތައް ވަނީ ނަގައި ނިންމައިފަ އެވެ.
"ޕީކޭ" އަކީ 2009 ވަނަ އަހަރުގެ ބޮކްސް އޮފީހުގެ ރެކޯޑްތައް މުގުރާލި "3 އިޑިއަޓްސް" އަށް ފަހު ހިރާނީ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ. އަދި މިއީ އޭނާ އާމިރު އާ އެކު މަސައްކަތް ކުރާ ދެވަނަ ފިލްމެވެ.