Last Updated: April 26, 10:52
Friday, April 26, 2024
ޚަބަރު

ރިޔާސީ އިންތިހާބާ ދިމާކޮށް ފެނަކައަށް 170 މުވައްޒަފުން ވައްދާފައިވޭ!

ހިތަދޫގައި ހުންނަ ފެނަކަ ސޭލްސް ސެންޓަރ.އައްޑޫލައިވް ފޮޓޯ: އައިޝަތު ނާޖީ

މިދިޔަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ދިމާކޮށް ފެނަކަ އަށް 170 މުވައްޒަފުން ވައްދާފައިވާ ކަމަށް އެ ކުންފުނީގެ މޭނޭޖިން ޑިރެކްޓަރ އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސިޔާސީ ބޭނުމަށް މުވައްޒަފުން ވަކި ކުރާ ކަމަށް ބުނެ ފެނަކައިގެ އިސްވެރިންތަކެއް މިއަދު މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ ކޮމެޓީ އަށް ހާޒިރުކޮށްފައިވާއިރު، އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ފެނަކައިގެ އެމްޑީ ސައީދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދުވަސްވަރާ ދިމާކޮށް ފެނަކަ އަށް 170 މުވައްޒަފުން ވައްދާފައިވާ ކަމަށެވެ.

"ރިޔާސީ އިންތިހާބާ ދިމާކޮށް ޖުމްލަ 170 މުވައްޒަފުން ތިން މަސް ތެރޭގައި ކުންފުންޏަށް ވައްދާފައިވޭ" ސައީދު ވިދާޅުވިއެވެ.

އާ މެނޭޖްމެންޓުން ފެނަކަ އާއި ހަވާލުވިފަހުން 53 މުވައްޒަފަކު އެ ކުންފުނިން ވަކިކޮށްފައިވާއިރު، ސައީދު ވިދާޅުވީ އޭގެތެރެއިން 11 މުވައްޒަފުން ވަކިކޮށްފައިވަނީ ކުންފުނީގެ މުދަލާއި ފައިސާ އަށް ހިޔާނާތްތެރިވުމުން ކަމަށާއި އެކަމާ ގުޅޭ ރެކޯޑުތައް ވެސް އެބަހުރި ކަމަށެވެ.

"އަނެއް 39 މުވައްޒަފުންނަކީ އެކިއެކި ސަބަބުތަކާ ހުރެ ވަޒީފާ އަށް ހާޒިރު ނުވެ، އިސްލާހީ ފިޔަވަޅުތައް އެޅި، ކުންފުނިންދޭ ހިދުމަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމުގައި ތަފާތު އެކި މަރުހަލާތަކުގައި އެކި ތަކުލީފުތައް ކުންފުންޏަށް ޖައްސަމުން އައި ބޭފުޅުން. އެ ރެކޯޑުތައް ހުންނާނެ" ސައީދު ވިދާޅުވިއެވެ.

ފެނަކައިގެ އެމްޑީ މިހެން ވިދާޅުވިއިރު ރިޔާސީ އިންތިހާބާ ދިމާކޮށް ފެނަކައިގެ އިތުރުން ވެސް ސަރުކާރުގެ އެހެން ކުންފުނިތަކަކަށް ވެސް ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ވައްދާފައެވެ.