Last Updated: April 25, 10:16
Thursday, April 25, 2024
ޚަބަރު

އިންޑިއާގެ އެހީތެރިކަމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން: މަހުލޫފް

އަވަށްޓެރި އިންޑިއާ އިން ދިވެހިރާއްޖެއަށް ފޯރުކޮށްދެމުންދާ އެހީތެރިކަމަކީ އެއްވެސް ހާލެއްގައި ކަންބޮޑުވާންޖެހޭފަދަ ކަމެއް ނޫން ކަމަށް ޔޫތު މިނިސްޓަރ އަހްމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ނަންފުޅުގައި ހަދާފައިވާ ފޭސްބުކް އެކައުންޓަކުން ކުރި ޕޯސްޓެއްގެ ސްކްރީންޝޮޓެއް އެޓޭޗްކުރައްވައި ކުރެއްވި ޓްވީޓެއްގަ އެވެ.

"ހަދާނެ ގޮތެއް ނޭނގުނީމަ ފޭކް އެކައުންޓްތަކުން މިއުޅެނީ ފިތުނަ އުފެއްދޭތޯ"، އެ ޓްވީޓްގައި މަހުލޫފް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން މަހުލޫފް ވިދާޅުވީ މިނިވަންކަމާއި ތޮޅޭނަމަ، މޭދިއްކޮށްގެން ދެންވެސް ނިކުންނާނީ ވޭތުވި އަހަރުތަކުގައި މަގުމަތީ ތިބި ރައްޔިތުން ކަމަށާއި، ރައީސް އަބްދުﷲ ޔާމީން ދެކެ ބިރުން ތިބި "ފިނޑިންނެއް" ނޫން ކަމަށެވެ.

"އިންޑިއާގެ އެހީތެރިކަމަކީ ކަންބޮޑުވާންޖެހޭ ކަމެއް ނޫން"، މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް މިހެން ވިދާޅުވިއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ މުޢާމަލާތް ހިންގި އެސްއޯއެފްއިން މަހުލޫފްގެ އެކައުންޓަށް 33،000 ޑޮލަރު ޖަމާކޮށްފައިވާތީ، އެކަމުގެ ތަޙުޤީޤު ނިމެންދެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މަހުލޫފް ގޭގައި މަޑުކޮށްލެއްވުމަށް އަންގަވާފައެވެ.

އެ ތުހުމަތަށް މަހުލޫފް އިންކާރުކުރައްވާފައިވާއިރު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންވެސް ވަނީ މިމަހުގެ 12 ވަނަ ދުވަހު މަހުލޫފްގެ ކޮރަޕްޝަންގެ މައްސަލައެއް ބަލަމުން ނުދާ ކަމަށް ބުނެފައެެ.