Last Updated: April 26, 06:56
Friday, April 26, 2024
ދުނިޔެ

ކެންޔާގައި 20 މިލިއަން ޑޮލަރުގެ ވަގު ނޫޓު އަތުލައިގެންފި

20 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާގެ ވަގު ނޫޓު ހޯދައި، އެ މައްސަލައާއި ގުޅިގެން ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ކެންޔާގެ ފުލުހުން ބުނެފި އެވެ.

ވަގު ނޫޓުތައް ހޯދާފައި ވަނީ ވެރިރަށް ނައިރޯބީގައި ހުންނަ ބާކްލޭސް ކެންޔާ ކުއީންސްވޭ ބްރާންޗްގެ އަމިއްލަ ތިޖޫރީއަކުން ކަމަށް ކެންޔާގެ ޑައިރެކްޓަރޭޓް އޮފް ކްރިމިނަލް އިންވެސްޓިގޭޝަންސް (ޑީސީއައި) އާއި ހަވާލާދީ "ސީއެންއެން" އިން ރިޕޯޓްކުރެއެވެ.

މި މައްސަލައާއި ގުޅިގެން ހަ މީހުން ހައްޔަރުކޮށްފައިވާއިރު، ފެނުނު ވަގު ނޫޓުގެ އަދަދު 20 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާ ކަމަށް މަޢުލޫމާތު ލިބެއެވެ. އެނގިފައިވާ ގޮތުގައި އެއީ ހުސް 100 ޑޮލަރުގެ ނޫޓްތަކެވެ.

ޑީސީއައި އިން ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ބޭންކްގެ ދެ އޮފިޝަލަކު ވެސް ހިމެނޭ ކަމަށެވެ.

ބާކްލޭސް ކެންޔާ އިން ވަނީ އެ ބޭންކްގެ ސޭފްޓީ ޑިޕޮސިޓް ފޮށްޓެއްގައި ވަގު ޑޮލަރު ނޫޓުތަކެއް ރައްކާކޮށްގެން ގެންގުޅުނު ކަސްޓަމަރަކު ފުލުހުން ހައްޔަރުކޮށްފައިވާކަން އިއްޔެ ކަށަވަރުކޮށްދީފަ އެވެ. ސައުތު އެފްރިކަން އަބްސާ ގްރޫޕްގެ ސަބްސިޑަރީ ބޭންކެއް ކަމުގައިވާ ބާކްލޭސް ކެންޔާ އިން ބުނީ އެ ފައިސާ އަކީ ބޭންކްގެ ޑިޕޮސިޓްގައި ހިމެނޭ ފައިސާއެއް ނޫން ކަމަށާއި، ޑިޕޮސިޓް ފޮށީގައި ހުރި އެއްޗެހި އެނގޭނީ އެ ފޮށީގެ ވެރިޔާ އަށް ކަމަށެވެ. އަދި މި މައްސަލައިގެ ތަޙުޤީޤުގައި ފުލުހުންނާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބޭންކުން ބުނެއެވެ.