Last Updated: March 29, 02:52
Friday, March 29, 2024
ޚަބަރު

ދިރާގުން އައްޑޫއަށް ލިބެނީ "ނޯ ޖީ"

މުއާސަލާތީ އެންމެ ބޮޑު ކުންފުނިން ފަޚުރުވެރިކަމާއެކު ދައްކާ އެއް ވާހަކައަކީ މުޅި ރާއްޖެއަށް "4 ޖީ" ލިބޭ ވާހަކަ އެވެ. އެކަމަކު ރާއްޖޭގެ އެންމެ އާބާދީ ބޮޑު އަތޮޅުގައި ދިރާގުގެ މޮބައިލް އިންޓަނެޓްގެ ހިދުމަތް ފުރިހަމައަށް ލިބެނީ ވަރަށް މަދު ސަރަހައްދަކަށެވެ.

އައްޑޫގައި މޮބައިލް އިންޓަނެޓް ބޭނުންކުރާ މީހުންގެ ބަހުން ނަމަ "ފޯ ޖީ"ގެ ބަދަލުގައި ލިބެނީ "ނޯ ޖީ" އެވެ.

މިކަމާ ގުޅޭ ގޮތުން ދިރާގުގެ ކަސްޓަމާ ސާވިސްއަށް ގުޅުމުން ދޭ ޖަވާބަކީ މީހުން މާގިނައިން އެއްވެ ތިބޭ ތަންތަނަށް ލިބޭ ކަވަރޭޖް ކުޑައީ ކަމަށެވެ. އެކަމަކު މިފަދަ ތަހުޒީބީ ޒަމާނެއްގައި މިފަދަ ޖަވާބަކުން ނުފުދެ އެވެ. އައްޑޫ ފަދަ އާބާދީ ބޮޑު އަތޮޅުތަކުގައި ދިރާގުގެ މޮބައިލް އިންޓަނެޓް މިއަށްވުރެ ފުރިހަމައަށް ލިބެންޖެހެ އެވެ.

މާލެ ފިޔަވައި ދިރާގުން އެންމެ ފުރަތަމަ މުވާސަލާތީ ހިދްމަތް ދޭން ފެށީ އައްޑޫއަށެވެ. ނަމަވެސް އެެންމެ ހިދްމަތުގެ ފެންވަރު ދަށީ އައްޑޫއަށެވެ. މޯބައިލް އިންޓަނެޓާއި، ފިކްސް ލައިން، އަދި އޭޑީއެސްއެލް އާއި ފައިބަނެޓުގެ ހިދްމަތް ދިރާގުން އައްޑޫއަށް ދެމުން އަންނަ އިރު އެހިދްމަތް ލިބެނީ ނަމަކަށެވެ. ގިނަ ބަޔަކު އެކަމުގެ ޝަކުވާ ކުރާއިރު އެ ހިދްމަތުގެ ފެންވަރު ރަނގަޅު ކުރާތަނެއް ނުފެނެއެވެ.

ދިރާގުގެ މޮބައިލް އިންޓަނެޓް ހިދުމަތާ މެދު އައްޑޫ ރައްޔިތުން ޝަކުވާކުރާތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ. ނަމަވެސް މިހާތަނަށް އައިއިރު މިކަމަށް ހައްލެއް ލިބޭ ގޮތެއް ނުވެ އެވެ.

ދިރާގު ފޯޖީ ހިދްމަތުގެ ސްޕީޑު 400 ކިލޯބައިޓަށް ދަށްވެފައިވާ ސަރަހައްދުތައްވެސް ގިނައެވެ. އަދި އެއްގޮތަކަށް އެ ހިދްމަތް ދޭ ސަރަހައްދުތައްވެސް އެބަހުއްޓެވެ.

ހިދްމަތް ނުލިބޭއިރު ދިރާގުގެ ހިދްމަތުގެ އަގު ބޮޑު ޝަކުވާއަކީ ދިވެހި ރައްޔިތުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެވެ. 500 ރުފިޔާއަށް ސިމް ވިއްކައި، ޑެޕޮޒިތްގެ ގޮތުގައި ހާހުން ފައިސާ ބަހައްޓައި، އަދި ކޯލާ އައިޑީ އާއި އެސްއެމްއެސް ހިދްމަތަށް ކޮންމެ ދުވަހަކު ރުފިޔާ ނެގި ޒަމާންވެސް ދިވެހިން ހަނދާން އެބަހުރިއެވެ.

މިއަދުވެސް މި ސަރަހައްދުގެ އެންމެ އިންޓަނެޓު އަގު ބޮޑީ ރާއްޖޭގައެވެ. އަގުބޮޑު އިރު ހިދްމަތް ބަރާބަރަށް ނުލިބެއެވެ. މިއީ ދިރާގުގެ އިސްވެރިން ހައްލުކޮށްދޭން ޖެހޭ ބޮޑު މައްސަލައެކެވެ.