Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ތިމަރަފުށީ ބަހުސް: މުސްތަފާ ރިޔާޒަށް، އަފްރާސީމްގެ މަރުގެ ވާހަކަ ދައްކާނެ ޕްލެޓުފޯމަކީ ކޮބާ؟

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ދިމާކޮށް ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ގެނެސްދޭ ދާއިރާ ބަހުސްގައި ރޭ ކުރިއަށް ގެންދިޔަ ތިމަރަފުށީ ދާއިރާގެ ބަހުސްގައި އެދާއިރާއަށް ވާދަކުރައްވާ މިހާރުގެ މެމްބަރު މުހައްމަދު މުސްޠަފާ އާއި ތިމަރަފުށީ ދާއިރާއަށް މި އިންތިހާބުގައި ވާދަކުރައްވާ މިހާރު ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދެމެދު ހޫނު ބަހުސެއް ކޮށްފިއެވެ.

ތިމަރަފުށީ ދާއިރާއަށް މިފަހަރު 4 ކެންޑިޑޭޓުން ވާދަކުރާއިރު އެންމެ ފޯރިގަދަ ކުރިމަތިލުމެއް އޮތީ މެމްބަރު މުސްޠަފާ އާއި މެމްބަރު އަބްދުﷲ ރިޔާޒު އާއި ދެމެދުއެވެ. އެގޮތުން ސޯޝަލް މީޑިއާގައި މުސްތަފާ ދައްކަވުން ދިޔަ ގިނަ ވާހަކަތައް ރޭގެ ބަހުސްގައި މުސްތަފާ ވަނީ ރިޔާޒުއަށް އަމާޒު ކުރައްވާފައެވެ.

މުސްތަފާ ވިދާޅުވީ އަބްދުﷲ ރިޔާޒު ބަޢާވާތް ނުކުރިނަމަ ދާއިރާ ތަރައްޤީ ކުރެވޭނެކަމަށާއި، ރިޔާޒަކީ އުމުރައް ޖަލުގައި ހުންނަން ޖެހޭ ބޭފުޅެއް ކަމަށެވެ. އަދި އެމަނިކުފާނަކީ އެއް ދާއިރާއިން އަނެއް ދާއިރާއިން ކުރިމަތި ލައްވަމުން އަންނަ ބޭފުޅެއް ކަމަށެވެ. އަދި މިހާރު ތަމްސީލު ކުރައްވާ ދާއިރާއަށް ކޮށްދެެއްވީ ކޮން ކަމެއްތޯ ސުވާލު ކުރެއްވިއެވެ.

ރޭގެ ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ އެމަނިކުފާނަކީ ސިޔާސީ ހުރިހާ ޕާޓީތަކާއި ގުޅިގެން މަސައްކަތް ކުރައްވާނެ މީހެއް ކަމަށެވެ. އަދި މަޖްލިސްގައި މިހާތަނަށް "އޮޅިގެން" އެއްވެސް ބަޓަނަކަށް ފިތާފައި ނުވާނެ ކަމަށާއި، ރައްޔިތުން އިންތިހާބު ކުރުމުން ޕާޓީ ދޫކޮށް ދާނެ މީހެއް ނޫން ކަމަށެވެ. އަދި އިންވެސްޓަރުން ފަހަތުން ފައިސާއަށް ދުވާ ބޭފުޅެއް ނޫން ކަމަށެވެ.

"އަޅުގަނޑު އޮޅިގެން ބަޓަނަކަށް ފިއްތަވާފަކާ ނޯންނާނެ، އެކަން ބައްލަވާ ލައްވާ، ހުވާ ނުކުރަނީސް ގޮޑި ދޫކޮށްފަކާ ނޯންނާނެ، ރާއްޖޭގެ ބިން ބޭރުބަޔަކަށް ވިއްކަން ވޯޓުދީފަކާ ނޯންނާނެ، ރައްޔިތުންގެ މިނިވަންކަން ހަނިކުރުމަށް ވޯޓުދީފަކާ ނޯންނާނެ" ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވީ ރައްޔިތުންގެ މިނިވަންކަން ހޯދުމަށާއި، ރާއްޖޭގައި އަދުލު އިންސާފު ގާއިމް ކުރުމަށް ކުރި މަސައްކަތުން އެމަނިކުފާން ހަތް މަސްވަންދެން "ވާނުވާ" ޖަހާފައި ޖަލުގައި އޮންނަން ޖެހުނު ކަމަށެވެ. އަދި އެފަދަ އެތައް ދިވެހި ރައްޔިތުން ވާނުވާ ޖަހާފައި ޖަލުގައި ތިބި ކަމަށެވެ. އަދި އެކަން ރަނގަޅު ކުރެވޭނީ މަޖްލިސް ތެރެއިން ކަމަށް ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ ހުވާ ނުކުރަނީސް ފައިސާ ގޯނި ފަހަތުން ޑޮލަރު ފަހަތުން ދުވާނެ މީހެއް ނޫން ކަމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިތުބާރު ކުރައްވާ ކެންޑިޑޭޓު ކަމަށެވެ.

ފޯރިގަދަ މި ބަހުސްގައި ރިޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވަމުން މުސްތަފާ ވިދާޅުވީ ރިޔާޒު ޖަލަށް ވަޑައިގަންނަވަން ޖެހުނީ އެމަނިކުފާންގެ އަމިއްލަ ނާގާބިލް ކަމުން ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ރިޔާޒަށް ވާހަކަ ނުދެއްކޭނެކަމަށް މުސްތަފާ ވިދާޅުވިއެވެ.

"ކޮބާތޯ ތިބޭފުޅާ ވިދާޅުވި ޕްލެޓްފޯމު، ތިވިދާޅުވާ ޕްލެޓުފޯމު، ޑރ. އަފުރާސީމް މަރުގެ މައްސަލައިގެ ޒިއްމާ އުފުލަން ޖެހޭނީ ތިބޭފުޅާ، ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާނެ ކަމެއް ނެތް" މުސްތަފާ ވިދާޅުވިއެވެ.