Last Updated: April 27, 06:22
Saturday, April 27, 2024
ޚަބަރު

ނިއުޒިލެންޑުގެ އެންމެ ނުފޫޒުގަދަ ގޭންގުވެސް މުސްލިމުންގެ ދިފާއުގައި!

photo: dailymail

ނިއުޒިލެންޑުގައި މިދިޔަ ހުކުރު ދުވަހު ދެ މިސްކިތަކަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ވައިކަޓޯ ސަރަހައްދުގެ އެންމެ ނުފޫޒުގަދަ އެއް ގޭންގުން މުސްލިމުންގެ ހިމާޔަތަށް ނިކުމެއްޖެއެވެ.

ނިއުޒީލެންޑުގެ އެންމެ ނުފޫޒުގަދަ އެއް ގޭންގު ކަމުގައިވާ މޮންގްރެލް މޮބުން ވަނީ ހުކުރު ނަމާދު ވަގުތު ހެމިލްޓަންގެ ޖާމިއާ މަސްޖިދު ހިމާޔަތްކުރުމަށް ނިންމާފައެވެ.

މޮންގްރެލް ގޭންގުގެ ލީޑަރ ސޮނީ ފަޓޫ ބުނެފައިވަނީ އިތުރު ޓެރަރިސްޓް ހަމަލާއަކުން މުސްލިމުން ހިމާޔަތްކުރުމުގެ ގޮތުން ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ވަގުތުގައި އެ ގޭންގުގެ މެމްބަރުން މިސްކިތުގެ ބޭރުގައި ހުއްޓިގެން ތިބޭނެ ކަމަށެވެ.

ވައިކަޓޯގެ މުސްލިމް އެސޯސިއޭޝަންގެ ރައީސް، ޑރ. އަސަދު މޮހްސިން ވިދާޅުވީ މިކަމުން މުސްލިމުންނަށް އިތުރު ހިއްވަރެއް ލިބިގެންދާކަމަށެވެ. އެހެންނަމަވެސް މޮހްސިންގެ އެދުމަކީ ބޭރުގައި ތިބުމުގެ ބަދަލުގައި ގޭންގުގެ މެމްބަރުންވެސް މިސްކިތުގެ އެތެރޭގައި މަޑުކޮށް، ޚުތުބާ އަޑުއެހުމެވެ.

"އަޅުގަނޑުމެންގެ އެދުމަކީ އެންމެންވެސް އައުން، އެކަމަކު އެއްވެސް މީހަކު ބިރުގަނެފައިވާކަން ދައްކާކަށް ބޭނުމެއްނޫން. އަހަރެމެން ބިރެއް ނުގަނޭ. އަހަރެމެން ބޭނުންވަނީ ތި އެންމެން އަހަރެމެންނާ އެއްކޮށް މިސްކިތުގެ އެތެރޭގައި ތިބުމަށް" މޮހްސިން ވަނީ އެންޒީއެމްއީ އަށް ވިދާޅުވެފައެވެ.

މޮންގްރެލް މޮބްގެ މި ނިންމުމަކީ ގޭންގެއްގެ ފަރާތުން މުސްލިމުންނަށް ހިތްވަރުދީ، ހިމާޔަތްކުރުމަށް ހުށައެޅުނު ފުރަތަމަ ހުށައެޅުމެއްނޫނެވެ. މީގެ ކުރިންވެސް އެކި ގުރޫޕްތަކުންވަނީ މުސްލިމުންގެ ހިތާމައިގައި ބައިވެރިވުމުގެ ގޮތުން މެމޯރިއަލްތައް ހަދައި މާބޮނޑިތައް އެތަންތަނުގަައި ބަހައްޓާފައެވެ.

ހުކުރު ދުވަހުގެ ޓެރަރިސްޓު ހަމަލާއަކީ ގިނަ ބަޔަކު ސިފަކުރާގޮތުގައި މިހާތަނަށް ނިއުޒިލެންޑުގައި ހިނގާދިޔަ އެންމެ ބޮޑު ހަމަލާއެވެ.