Last Updated: April 23, 14:49
Tuesday, April 23, 2024
މުނިފޫހިފިލުވުން

ދީވާނާ 2 (ސަތިރީސްވަނަބައި)

ބައްޕަގެ އާދޭސްތަކުގެ ސަބަބުން ޝައުން އެނބުރި މާލެއަންނަން އެއްބަސްވިއެވެ. އެޚަބަރު އާއިންއަށް ލިބުމުން އޭނާއަށް ބުނަން ނޭނގޭފަދަ އުފާވެރިކަމެއް ލިބުނެވެ. އެރިކްއާއި ޝައުންގެ ކައިވެނި ކެންސަލްވީކަން އެނގުނު ނަމަވެސް އެކަމުގެ އަސްލު ސަބަބެއް އަދި އޮޅުން ފިލާގޮތެއް ނުވެއެވެ. އެހެންކަމުން އޭނާ ވަގުތެއް ހޯދައިގެން އިޒްޔަންއާ ބައްދަލުކުރިއެވެ.

" ކިހިނެއްތަ އަސްލުވީ؟….ކީއްވެތަ ކައިވެނި ކެންސަލްވީ؟…އެރިކް އިސްލާމު ނުވީތަ؟…" އާއިން ސުވާލުތައް ފައްޗަކަށް އަމުނާލިއެވެ.

" ހާދަ ކެތްމަދުވެފަ ހުރިހެން ހީވެޔޭ….ދެން ތިވަރުން ނޫޅުނަސް އަހަރެން ބުނެފާނަން….އަސްލު ވަރަށް ހީނުކުރާ ކަހަލަ ޚަބަރެއް ދޭންއޮތީ…..އާންއަށް ކުރިން ނޭނގޭ ސިއްރެއްވެސް ބުނެދޭން އެބަޖެހޭ މިވީގޮތުން…." ގޮނޑީގައި ހަމަޖެހިލަމުން އިޒްޔަން ބުނެލިއެވެ.

" ތިބުނީ؟….މަށަށް ނޭނގޭ އިތުރުކަމެއްވެސް އޮތީތަ؟…" އާއިން ހައިރާންވެފައި އަހާލިއެވެ.

" އާނ…އާންއަށް ނޭނގޭ ވަރަށްބޮޑު ސިއްރެއް ޝައުންގެ އެބައޮތް….އެކަމުދެން އިތުރަށް ސިއްރުކުރުމުގެ ބޭނުމެއް ނެތްހެން ހީވަނީ…" އާއިންގެ މޫނަށް ބަލަން އިނދެ އިޒްޔަން ބުނެލިއެވެ.

" ދެން ބުނަން ވެއްޖެއެއްނު…..ކޮންހާ ހާސަރެއް ތިދަމަނީ؟…" އާއިން ރުޅިއަންނަ ގޮތްދައްކާލުމުން އިޒްޔަން ހީލިއެވެ. އަދި ޝައުންގެ މަންމަގެ ހަޤީޤަތާއި އެރިކްގެ ބައްޕައާ ދޮންމަންމަގެ ހަޤީޤަތްވެސް އާއިންއަށް ކިޔައިދިނެވެ. އާއިންއަށް އަލަށް މިއިވުނު ވާހަކަތަކުން އޭނާއިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ޝައުންއަކީ އޭނާއާއި އެއްވެސް ގޮތަކުން ގުޅުމެއްނެތް ދުރުހިލޭ ކުއްޖެއްކަން އެނގުމުންވެސް އޭނާ ދެރައެއްނުވިއެވެ. ނަމަވެސް ކުރެވުނީ ތަފާތު އިހުސާސެކެވެ.

" ތިބުނީ ހަމަ ތެދެއްތަ؟…ޝައުންއާ އަހަރެންނާ އާއިލީ ގުޅުމެއް ނެތޭތަ ތިބުނީ؟…އެހެންވީމަ ޝައުންއަކީ އަހަރެންގެ ކަޒިންއަކަށްވެސް ނުވާނެތާ؟….އެކަމު ހާދަ އެހެންކަހަލަ ވާހަކައެކޭތީ؟…" އާއިންއަށް އިނީ އަދިވެސް ހަޤީޤަތް ގަބޫލުކުރަން ދަތިވެފައެވެ.

" މިބުނީ ހަމަ ހައްޤުތެދު…މިދެއްކީ ފިލްމެއްގެ ވާހަކައެއްނޫން…..ޝައުންގެ ހަޤީޤީ ދިރިއުޅުމުގެ ވާހަކަ…." އިޒްޔަން ޔަޤީންކަމާއެކު ބުންޏެވެ.

" އެކަމު އަސްލުވެސް ތިއީ ވަރަށް ފިލްމީ ވާހަކައެއް….އިޒޫގެ ބައްޕަގެވެސް ސިއްރު މާޒީއެއް އޮތްކަމެއް ކުރިއަކުން ނޭނގޭ…..ކީއްވެ އަހަރެމެން ކުޑައިރު އެވާހަކަ ނުބުނީ….މިއަދާ ހަމައަކަށް އެހުރިހާކަމެއް ސިއްރުކުރީ؟…" ޝައުޤުވެރިކަމާއެކު އާއިން އަހާލިއެވެ.

" އެއީ ޝައުން ދެރަވާނެތީ…..އާންގެ ބައްޕައަށްވެސް ހަޤީޤަތް އެނގޭނެ….އެކަމު އާންއަށް ހަމަ ގަސްތުގަ ނޭންގީ އެކަމުގެ ސަބަބުން ޝައުންއަށް އަސަރުކޮށްފާނެތީ…..އަހަރެން ފިޔަވާ އިތުރުމީހަކަށް މިހުރިހާ ދުވަހު ނޭނގިއޮތީ….އެކަމު ކުރީފަހަރު އައިސްގެން އުޅުނުއިރު ޝައުންއަށް އަހަރެން ހަޤީޤަތް ކިޔައިދިނިން…..އޭނަވެސް ތިހުރިހާ ސުވާލެއްކުރި….ޝަކުވާވެސްކުރި….ބުނީ އާން އޭނާގެ ލޯތްބާ ދެކޮޅުހެދީވެސް އެއީ ކޮއްކޮއެކޭ ކިޔާފަޔޯ….ކުރިން ހަޤީޤަތް އެނގުނުނަމަ އާން އެގޮތަށް ނުދެކުނީހޯ…..އާންއަށް ހަޤީޤަތް އަންގަންވެސް އޭނާ މަސައްކަތްކުރި…..އަހަރެން ވަރަށް ވިސްނައިދީގެން އެކަން ހުއްޓުވީ….މިއަދު އޭނާ އެހުރީ އާންއާ ދުރަށްދާން ކޮންމެފަދަ ކަމެއްވެސް ކުރަން ތައްޔާރަށް….އެކަމުވެސް ތަޤުދީރުގެ ރޭވުން ދެކިބަލަ…އަނެއްކާވެސް އޭނައަށް އެޖެހުނީ އާންގެ ކުރިމައްޗަށް އަންނަން…..އާންއާ އެއްއޮފީހެއްގަ މަސައްކަތްކުރަން…." އިޒްޔަން ހާމަކުރި ހަޤީޤަތުގެ ސަބަބުން އާއިން ހިމޭންވިއެވެ.

އޭނާ އިސްޖަހާލައިގެން އިނދެ ވިސްނަމުން ދިޔައެވެ. ޝައުންއަކީ އޭނާގެ ކޮއްކޮއެއް ނޫންކަން ކުރިން އެނގުނުނަމަ އޭނާގެ ވިސްނުން ބަދަލުވީސް ހެއްޔެވެ؟ ޝައުންއާ ގުޅުމެއް އުފެދުނީސް ހެއްޔެވެ؟ އާނއެކެވެ. އޭނާ މިހުރިހާ ދުވަހު ޝައުންއާ ދުރުގައި އުޅުނީ ހަމައެކަނި އެކަމުގެ ސަބަބުންނެވެ. އެހާ އަވަހަށް އޭނާ ކައިވެންޏެއް ކުރި ސަބަބަކީވެސް ޝައުންއާ ދުރުހެލިވުމެވެ. ފަރަހަނާޒްގެ ރަނގަޅުކަމާއި ސާދާކަމަށް އޭނާގެ ހިތްލެނބުނުކަން އެއީ ހަޤީޤަތެއް ނަމަވެސް އޭނާ ޝައުންގެ މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތެވެ. ފުރިހަމަ އަންބެއްގެ ލޯތްބާއި އަޅާލުން އިންތިހާއަށް ލިބުނު ނަމަވެސް އޭނާގެ ހިތުގެ އެއްކަނެއްގައި ހުސްކަމެއް ވާކަމުގެ އިހުސާސް އަބަދުވެސް އޭނާއަށް ކުރެވެއެވެ.

" ކީއްވެ އެއްޗެއް ނުބުނެ ތިއިނީ؟…އަނެއްކާ އަހަރެންނަށް ދެއްކުނު ވާހަކައިން ހިތްހަމަ ނުޖެހުނީތަ؟…" އާއިން ހިމޭނުން އިނުމުން އިޒްޔަން އަހާލިއެވެ.

" ނޫނޭ…ދެންހަމަ ވިސްނާލީ ތިދެއްކި ވާހަކަތަކާމެދު….އަހަރެން އަބަދުވެސް އެދެނީ ޝައުންއަށް ރަނގަޅުގޮތް ވުމަށް….ޝައުން ހިތާމައެއް ކުރާތަން ދުށުމަކީ އަހަރެންނަށް ކެތްވާނެ ކަމެއްނޫން…." އާއިން އޭނާގެ ހިތުގައި އޮތްގޮތަށް ބުންޏެވެ.
" ތިކަން އެނގޭ ނުބުންޏަސް….ދެރައީ ތިދެމީހުންނަށް އެވަރު ނުވިސްނޭތީ…." އިޒްޔަން މާނަފުންގޮތަކަށް ބުނެލިއެވެ.
" ތިބުނި އެއްޗެއް ނުވިސްނުނު…." ސުވާލުގެ ނަޒަރަކުން ބަލާލަމުން އާއިން ބުންޏެވެ.

" ދެން އެވާހަކަ ބާއްވާ….ކޮންއިރަކުން އާ ޕްރޮޖެކްޓް ފަށަނީ؟.." އިޒްޔަން ހަމަ ގަސްތުގައި މައުލޫ ބަދަލުކޮށްލިއެވެ.
" އަންނަ މަހު….މިކޮޅުގަ ހުރި ގޭގެވެސް އެއް އެޕާރޓްމެންޓް ނިމެންގާތްވެއްޖެ….އެތަން އެއްކޮށް ނިމުނީމަ އޮފީސްވެސް މިކޮޅަށް ބަދަލުކޮށްފަ މިކޮޅަށް އަންނަން މިވިސްނަނީ…." އާއިން އޭނާ ވިސްނާފައިވާގޮތް ހާމަކުރިއެވެ. ދެޒުވާނުން އެކި އެކި ވާހަކައިގައި ތިއްބައި އާއިންއަށް ފޯނެއް އައިސްގެން އޭނާ ދިޔައެވެ.

މެންދަމުގެ ވަގުތެވެ. އާއިންއަށް ހޭލެވުނުއިރު، އެނދުގައި ފަރަހަނާޒެއް ނެތެވެ. ފަރަހަނާޒް ފާޚާނާގައި އުޅެނީ ކަމުގައި ހީކޮށް އޮވެ އޮވެ ޚަބަރެއްނުވުން އޭނާ ތެދުވިއެވެ. އަދި އޭނާ ފާޚާނާބެލިއިރު، އެތާކުވެސް ފަރަހަނާޒެއް ނެތެވެ. އެހެންކަމުން ސުވާލު އުފެދިފައި ހުރެގެން އޭނާ ކޮޓަރިން ނުކުތެވެ. ސިޓިންރޫމުގައި ނެތުމުން ގޮސް ބަދިގެބަޔަށް ވަތްއިރު، މޭޒުމައި ބޯޅާލައިގެން ފަރަހަނާޒް އޮތެވެ. އާއިން ގޮސް ހުއްޓުމުން، މީހަކު އައިހެން ހީވެގެން އޭނާ ބޯއުފުލާފައި ބަލާލިއެވެ.

" އެނދަށްވުރެ އަރާމީތަ މިތަން؟…" ކައިރީގައިހުރި ގޮނޑި ދުރުކޮށްލާފައި އިށީއްނަމުން އާއިން ސަމާސާ ކޮށްލިއެވެ.

" ބޮލުގަ ރިއްސާތީ ކޮފީއެއް ބޯލަންކަމަށް އައީ…..ކޮފީއެއް ހަދައިދެންތަ؟…" ގޮނޑިން ތެދުވަމުން ފަރަހަނާޒް އަހާލިއެވެ.

" ނާޒް އިށީނދޭ….އަހަރެން ކޮފީއެއް ހަދާލަފާނަން…." ފަރަހަނާޒްގެ އަތުގައި ހިފައި ކޮނޑީގައި ބައިންދަމުން ލޯތްބާއެކު އާއިން ބުނެލިއެވެ.

" ކީއްވެތަ އަހަރެންނަށް ނުގޮވީ؟…މިހާރު ބޭސްކައިފިންތަ؟…" އާއިން އަހާލިއެވެ.

" ހޫމް ބޭސްކައިފިން…އެކަމު އަދިވެސް ކުޑަކޮށް ރިއްސާ…" ފަރަހަނާޒް ބުނެލިއެވެ.

" ދައްކާ އަހަރެން ބޯމޮޑެލަދޭނަން….ބޭހަކަށްވުރެ އަވަހަށް ރަނގަޅުވާނެ" ފަރަހަނާޒްގެ ގާތަށް ޖެހިލާފައި ބޯމޮޑެދޭން އާއިން ފެށިއެވެ. އެވަގުތު ފަރަހަނާޒްގެ ބޮލަށް އަރާމުވެ ލޯމަރާލެވުނެވެ.

" މިހާރު އަސްލުވެސް ލުއިވެއްޖެ…" އިރުކޮޅެއްވާންދެން އާއިން ބޯމޮޑެލަދިނުމުން، ހިނިތުންވެލަމުން ފަރަހަނާޒް ބުންޏެވެ.

" އަހަރެންގެ އަތުގަ ޖާދޫއެއް ހުންނަކަން ނޭނގޭތަ؟…" ފޮނިވެލާފައި އާއިން ބުނެލިގޮތުން ފަރަހަނާޒް ހީލިއެވެ.

" އެނގޭތަ…ޝައުންއާ އެރިކްގެ ކައިވެނި ކެންސަލްވެއްޖެ….ޝައުން ވަރަށް އަވަހަށް މިކޮޅަށް އަންނާނެ….ދެން އޭނަ ވޯރކްކުރާނީ އަހަރެމެންގެ ކުންފުނީގަ….." އާއިން ޝައުންގެ ވާހަކަ ފެށުމުން ފަރަހަނާޒްގެ މޫޑު އަނެއްކާވެސް އޮފްވާގޮތްވިއެވެ.

" ޝައުންއާ ބެހޭގޮތުން ކުރިން ނޭނގޭކަމެއްވެސް މިއަދު އެނގުނު…." އާއިން ބޭނުންވީ މިއަދު އެނގުނު ކަންތައްވެސް ފަރަހަނާޒްއާ ހިއްސާކުރުމަށެވެ. ފަރަހަނާޒްހުރީ އެވާހަކަ އަޑުއަހާ ހިތަކުން ނޫނެވެ. ނަމަވެސް އާއިންގެ ކުރިމަތީގައި ދެކޮޅުހަދަން ނުކެރިގެން އޭނާ އެވާހަކަ އަޑުއެހިއެވެ.

" ހަމަ އަސްލުވެސްތަ؟….ތިދެމީހުންނަކީ ތިމާގެކަމެއްނެތް ދެމީހުންތަ؟…" ކުއްލިއަކަށް މިއެނގުނު ސިއްރުން ފަރަހަނާޒްގެ ހިތުގައިވާ ބިރުވެރިކަން އިތުރުވިއެވެ.

"އަހަރެންވެސް ވަރަށް ހައިރާންވި އެކަން އެނގުނީމަ….ގަބޫލުކުރަންވެސް ދަތިވި….އެކަމު އެއީ ހަމަ ހަޤީޤަތަކީ….." އާއިން ސީރިއަސްކަމާއެކު ބުނެލިއެވެ.

" އޭތް…އަދިވެސް އެކަމާތަ ތިވިސްނަނީ؟…މަށަށްވީވަރަށްވުރެވެސް ނާޒްއަށް ވީވަރު ބޮޑެއްނު…" އާއިން ހީލަމުން ފަރަހަނާޒްގެ ނޭފަތުގައި ހިފާލިއެވެ. ފަރަހަނާޒްވެސް ގަދަކަމުން ކަހަލަ ގޮތަކަށް ހީލިއެވެ. އޭނާގެ ހިތްނުތަނަވަސްވީވަރުން އޮއްދާހިއްލަންވެސް ފެށިއެވެ. އާއިން ތެދުވެ ކޮފީއެއް ގިރައިގެން އައިސް އަނެއްކާ ފަރަހަނާޒްގެ ގާތުގައި އިށީނެވެ.

" އަސްލުވެސް ނާޒް ބަލީހެން ހީވަނީ….މުޅިމީހާ ތިހުރީ މިލާފަ….މާދަމާ ޑޮކްޓަރަށް ދަމާ ހިނގާ…" ފަރަހަނާޒްގެ މޫނަށް ބަލާލަމުން އާއިން ބުނެލިއެވެ.

" ނޫނޭ….ނިދާލީމަ ރަނގަޅުވާނެ…." ފުންނޭވާއެއް ދޫކޮށްލަމުން ފަރަހަނާޒް ބުންޏެވެ.

" ކަމަކާމެދު ވިސްނަނީތަ؟…." ފަރަހަނާޒްގެ މޫނުގައިވާ މާޔޫސްކަމުން އާއިންއަށް ސުވާލުކޮށްލެވުނެވެ.

" އެއްޗެއް އަހާލަންތަ؟…" ޖެހިލުންވެ އިނދެ ފަރަހަނާޒް އަހާލިއެވެ.

" އަދިވެސް ހުއްދަހޯދަން ޖެހޭތަ؟….ކޮންދުވަހަކުންތަ ތި ފިނޑިކަންދޫކޮށްލާފަ ކެރޭކުއްޖަކަށްވާނީ؟.." އާއިން ފަރަހަނާޒްއާ ދިމާކޮށްލިއެވެ.

" އައިރާގެ ކައިވެނި ޕާޓީ އޮތްރޭ އެއްވެސް ކަމެއް ހިނގިތަ؟…" ފަރަހަނާޒް ކޮށްލި ސުވާލުން އާއިން ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.

" އެތާނގަ ކަމެއް ހިނގިކަން ނާޒްއަށް ނޭނގޭތަ؟.." ހީލަމުން ނޫންގޮތަކަށް އާއިން ބުނެލިއެވެ.

" ނޫން…މިބުނީ އެރޭ އަހަރެންނަށް ނޭނގޭ ކަހަލަ ބޮޑުކަމެއް ހިނގިހޭ….އެރޭ އާއިން ދިޔައީ ކޮންތާކަށް؟.." ކުރިޔަށްވުރެ ސާފުކަން ބޮޑުކޮށް އެހޭތޯ ފަރަހަނާޒް މަސައްކަތްކުރިއެވެ. ފަހަރަނާޒް އޮޅުން ފިލުވަން އެއުޅެނީ ކޮންކަމެއްކަން އާއިންއަށް އެނގުނެވެ. ފަރަހަނާޒްގެ އެސުވާލުތަކަށް ޖަވާބުދޭން އޭނާއަށް ޖެހޭނެކަންވެސް އޭނާއަށް އެނގެއެވެ. އެހެންކަމުން އިތުރަށް ސިއްރުކުރުމެއްނެތި އެރޭ ހިނގި ހާދިސާ ވަރަށް ތަފްސީލުކޮށް އާއިން ކިޔައިދިނެވެ. އެވާހަކަ އަޑުއަހާފައި ފަރަހަނާޒް ހައިރާންވެ އެހާމެ ކަންބޮޑުވިއެވެ. އަދި އޭނާގެ ހިތުގައި އާއިންއަށްޓަކައި އުފެދުނު ޝައްކާއި ވަސްވާސްތައްވެސް މުޅީން ފިލައިގެން ދިޔައެވެ. އެވަރުގެ ބޮޑުކަމަކުން ޝައުން ސަލާމަތްވީތީ އޭނާ އުފާކުރިއެވެ.

" ސޮރީ ކުރިން ނުބުނެވުނީމަ….އަސްލު ރަނގަޅު ވަގުތަކުން އެވާހަކަ ބުނަން ވެގެން މިހުރީ….." ކުރިން ނުބުނެވުނީތީ އާއިން މާފަށް އެދުނެވެ.

" އެކަމު ކީއްވެތަ އެމީހާ ހަމަހުރެފަ ޝައުންއާ ދިމާކުރަންވީ؟…ހާދަ ވިޔާނުދާ މީހެކޭ…ނަސީބެއްނު އާއިންއަށް ދެވުނުކަން…" ޝައުންގެ ހާލަތާއިމެދު ވިސްނާލުމުންވެސް ފަރަހަނާޒްގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.

" އެމީހާ ހަމަހުރެފަ ޝައުންއާ ދިމާކުރީކީ ނޫން….އަހަރެން ފަހުން އޭނަގެ މައުލޫމާތު ވަރަށް ރަނގަޅަށް ހޯދިން….އެއީ ކާކުކަން އެނގުނީމަ އަހަރެން ވަރަށް ހައިރާންވި….އޭނަ އެފަދަ ކަމެއް ކޮއްފާނެކަމަކަށް އަހަރެން ދުވަހަކުވެސް ހިއެއް ނުކުރަން….އެއީ އަހަރެމެން ކުއްފުނީ އަނެއް ހިއްސާދާރު ސަލީމްބެގެ އަދްޔަން….އޭނާއަކީ ޕްރައިމަރީއިން ފެށިގެން ޝައުންއާ އަޅައިގަނެގެން އުޅުނު ވަރަށް ފިނޑިސޮރެއް….ކުރިން ހުންނާނީ ވަރަށް ހިކިކޮށް…ލޯބޮޑު އައިނެއްއަޅާފަ، ދަތުގަވެސް ހުންނާނީ ނަރުއަޅުވާފަ….ވަރަށްގިނަކުދިން އޭނާއާ ދިމާކޮށް ބުލީކޮށް ހަދާނެ…ޝައުންގެ ފަހަތުން އުޅޭތީ އަހަރެންވެސް އޭނާއަށް ވަރަށް ޖެއްސުންކުރަން….ހައިސުކޫލުގަ އުޅެމުން ޝައުންއަށް ލޯބިހުށަހެޅީމަ މުޅި ސުކޫލުގަ އޭނަ ބަދުނާމްކޮށް ރޮއްވާލި ހަނދާން އަހަރެން އަދިވެސްވޭ…އޭނާއަށް ޖޯކް ނުޖަހާ ކުއްޖަކު މަދުވާނެ….އޭރު ނުވިސްނޭތީ އެގޮތަށް ކަންތައް ކުރެވުނީ….އަހަރެމެންދެކެ ގަންނަބިރުން އޭނާއަކަށް ނުކެރޭ ސަލީމްބެގާތުވެސް ޝަކުވާކުރާކަށް….އެންމެފަހުން އޭނަ އެހެން ސުކޫލަކަށް ބަދަލުވީ….އެކަމު ބަލާބަލަ މިއަދު އޭނާ ބަދަލުވެފަހުރި ގޮތް….މިހާރު އެއްވެސް މީހަކުދެކެ ޖެހިލުމެއްނުވޭ، ލަދެއްވެސް ނުގަނޭ….އެހާ ގޮތްކުޑަ…އޭނަކަން ގަބޫލުކުރަންވެސް ދަތިވި…" އާއިން ދެއްކި ވާހަކަތަކުން ފަރަހަނާޒަށް ހައިރާންކަން ލިބުނެވެ.
އޭނާއާ ބައްދަލުވުމުގެ ކުރިން އާއިން އުޅެމުން އައީ ކޮންކަހަލަ ދިރިއުޅުމެއް ކަމެއް އޭނާއަކަށް ނޭނގެއެވެ. ކުރީގައި އެހާ ލާނެއްކޮށް އުޅުނު އާއިން މިއަދު އޭނާއަށްޓަކައި އެހައި ބޮޑަށް ބަދަލުވެފައި ހުރުމުންވެސް އޭނާ ހައިރާންވެއެވެ. އަދި އާއިންއާމެދު އޭނާއަށް ނުބައި ޝައްކެއް ކުރެވުނީތީ ޚުދު އޭނާގެ އަމިއްލަ ނަފްސުދެކެވެސް އޭނާ ރުޅިއައެވެ. އާއިންގެ ސަބަބުން މައުސޫމު އަންހެން ކުއްޖެއްގެ އިތްފަތްތެރިކަން ސަލާމަތްވިއިރު، އޭނާ ވިސްނީ ކޮންފަދަ ނުބައި ވިސްނުމެއް ހެއްޔެވެ؟ ޝައުންއަކީ ކުޑައިރުއްސުރެ އާއިންގެ ހަޔާތުގައި މުހިއްމު ހިއްސާއެއްކަން އަބަދުވެސް އޭނާ ހަނދާނުގައި ބަހައްޓަން ޖެހޭނެއެވެ. އެދެމީހުންނާމެދުގައި ޝައްކު ކުރުމަކީ ކިހާމޮޔަކަމެއް ހެއްޔެވެ؟ އާއިން ބޭނުންނަމަ ޝައުންއާއެކު ކުރިންވެސް ލޯބީގެ ގުޅުމެއް ބޭއްވުނީސް ނޫން ހެއްޔެވެ؟ އޭނާއަށް މިވިސްނުނީ ކިހާ ތާކުންތާކު ނުޖެހޭ ވިސްނުމެއް ހެއްޔެވެ؟

" ކޯއްޗެއް ތިވިސްނަނީ؟…" ފަރަހަނާޒް ވިސްނުމަކަށް ގެއްލިފައި އިނުމުން އާއިން އަހާލިއެވެ.

" ނުވިސްނަން…." ފަރަހަނާޒް އަވަސް އަވަހަށް ޖަވާބުދިނެވެ. އިރުކޮޅެއްވާންދެން ދެމީހުން ވާހަކަދައްކަން ތިބުމަށްފަހު ނިދަން ދިޔައެވެ.
*****
ހަވީރުގެ ވަގުތެވެ. ބޮޑުބޭބެގެ އެދުމަށް ޝައުން ތައްޔާރުވަމުން ދިޔައީ އޮފީސް ބަލާލަން ދިއުމަށެވެ. އޭނާ ވަރަށް ވިސްނުމަށްފަހު މާލެއަންނަން އެއްބަސްވީ ބައްޕަ އެތައް އާދޭހެއް ކުރިފަހުންނެވެ. އާއިންއާ އެއްއޮފީހެއްގައި މަސައްކަތްކުރުމަކީ އޭނާއަށް ނުހަނު އުނދަގޫކަމަކަށް ވާނެކަން އޭނާއަށް އެނގެއެވެ. ނަމަވެސް މިއަދު އެނޫން ގޮތެއްވެސް އޭނާއަކަށް ނެތެވެ.

" ޝައުން…އާން އަތުވެއްޖެ…" ކޮޓަރީގެ ދޮރުހުޅުވާލާފައި އުޝާ ބުނެލިއެވެ.

" އާން؟…އާންތަ އައީ؟…" ކުޑަކޮށް ހައިރާންވެފައި ޝައުން އަހާލިއެވެ. އާއިން އަންނާނެކަމަކަށް އޭނާ އުއްމީދެއް ނުކުރެއެވެ. އޭނާ ތައްޔާރުވީ ބޮޑުބޭބެގެ އެދުމަށެވެ.

" ކިހިނެއްވީ؟…އާން ބުނެގެންނެއްނޫންތަ ތި ތައްޔާރުވީ؟.." އުޝާ އަހާލިއެވެ.

" އަހަރެން ހީކުރީ ބޮޑުބޭބެކަމަށް އަންނަނީ…އެހެންވެ މިހެން މިއެހީ…" ހަމަޖެހޭގޮތް ދައްކަމުން ޝައުން ބުނެލިއެވެ.
ޝައުން ނުކުތްއިރު، ސިޓިންރޫމު ސޯފާގައި އިސްޖަހާލައިގެން އާއިން އައެވެ. މަޑުހިނގުމެއްގައި އައިސް ޝައުން ހުއްޓުމުން އާއިން އިސްއުފުލާ ބަލާލިއެވެ. ހުދުކުލައިގެ ދޫ ގަމީސްޓޮޕަކާއި ނޫކުލައިގެ ޖީންސްގައިހުރި ޝައުން ފެނިފައި ހިނދުކޮޅަކަށް އާއިންގެ ނަޒަރު ހުއްޓުނެވެ.

ނުނިމޭ