Last Updated: May 7, 06:17
Wednesday, May 7, 2025
ޚަބަރު

ނިއުޒިލެންޑުގެ މަޖިލިސް ހުޅުވުން: ކީރިތި ޤުރުޢާނުގެ ބަރަކާތުން

މިދިޔަ ހުކުރު ދުވަހު ނިއުޒިލެންޑުގެ ދެ މިސްކިތެއްގައި ހިންގި ޓެރަރިސްޓު ހަމަލާއަށް ފަހު، ނިއުޒިލެންޑުގެ މަޖިލިސް އަންގާރަ ދުވަހު ހުޅުވުނީ ކީރިތި ޤުރުޢާނުގެ ބަރަކާތުންނެވެ.

މުސްލިމުންނާ ދެކޮޅަށް ހިންގުނު ޓެރަރިސްޓު ހަމަލާއަށްފަހު، މުޅި ޤައުމުވެސް އޮތީ މުސްލިމުންނާ އެކުގައިކަން ދެއްކުމުގެ ގޮތުން ޤުރުޢާނުގެ ބަރަކާތުން މަޖިލިސް ފައްޓަވައިދެއްވީ އިމާމް ނިޒާމުލް ހަޤް ޘަންޥީއެވެ. އަދި އިނގިރޭސި ތަރުޖަމާ ހުށައަޅައިދެއްވީ އިމާމް ޠާހިރު ނަވާޒެވެ.

އަލް-ބަޤަރާ ސޫރަތުގެ އާޔަތްތަކުން ފެށިގެންދިޔަ މަޖިލީހުގެ ޖަލްސާގައި އެޤައުމުގެ ޕްރައިމް މިނިސްޓަރ ޖަސިންޑާ އަރޑަރންގެ ވާހަކަފުޅުވެސް ފެއްޓެވީ އިސްލާމީ ރިވެތި ސަލާމުންނެވެ. އަރޑަރންވަނީ އޭނާގެ ވާހަކައިގައި، ދުވަހަކުވެސް ޓެރަރިސްޓު ހަމަލާ ދިން މީހާގެ ނަން ވިދާޅުނުވާނެކަމަށް ބަޔާންކޮށްފައެވެ. އަދި އަރޑަރން ވަނީ ހަމަލާ ދިން މީހާގެ ނަން ކިޔުމުގެ ބަދަލުގައި ހުކުރު ދުވަހުގެ ހަމަލާގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ނަން ހަނދުމަކުރުމަށް އެހެން މީހުންނަށްވެސް ގޮވާލާފައެވެ.

ނިއުޒިލެންޑުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޤުރުޢާނުގެ ބަރަކާތުން މަޖިލިސް ހުޅުވުނީ އަންގާރަ ދުވަހުގައެވެ.