Last Updated: April 26, 18:07
Friday, April 26, 2024
ކުޅިވަރު

ޕީއެސްޖީން އެފްއެފްޕީއާ ހިލާފުވެފައެއްނެތް: ސީއޭއެސް

ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ހިލާފުވެފައިވާކަމަށް ބުނެ ޔުއެފާ އިން ޕީއެސްޖީގެ މައްސަލަތައް އަލުން ބެލުމަށްޓަކައި މަސައްކަތްފަށާފައިވަނިކޮށް އެ ކްލަބުން ކޯޓު އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ސީއޭއެސް) ގައި ޔުއެފާއާ ދެކޮޅަށް ކުރި އެޕީލް ކާމިޔާބުކޮށްފިއެވެ.

ސީއޭއެސް އިން ޕީއެސްޖީގެ އެފްއެފްޕީއާ ހިލާފުވާ މައްސަލައެއް ނެތް ކަމަށް މިދިޔަ އަހަރު ޖޫން މަހުގައި ނިންމާފައިވަނިކޮށް އޭގެ ފަހުން މީޑިއާގައި ލީކުވި ސިއްރު ލިޔެކިއުންތަކަށް ބެލުމަށް ފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު 24 ވަނަ ދުވަހު ޔުއެފާ އިން ވަނީ އެ މައްސަލަ އަލުން ބެލުމަށް ނިންމާފައެވެ. އެއާއެކު މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައި ޕީއެސްޖީން ވަނީ ސީއޭއެސްގައި އެ މައްސަލައަށް އެޕީލްކޮށްފައެވެ.

އެހެންކަމުން، ޔުއެފާ އިން މިދިޔަ އަހަރުގެ ޖޫން މަހުގައި ޕީއެސްޖީގެ އެފްއެފްޕީއާ ހިލާފުވާ މައްސަލައެއް ނެތްކަމަށް ނިންމި ނިންމުމަކީ ސީއޭއެސް އިން ހާމަކޮށްފައިވާގޮތުން އެންމެ ފަހުގެ ނިންމުމެވެ.

މިއާއެކު، ޕީއެސްޖީގެ މައްޗަށް މީގެކުރީން އެފްއެފްޕީގެ ގަވާއިދުތަކާއި ހިލާފުވިކަމަށް ކުރި ތުހުމަތުތަކުން އެ ކްލަބު ސަލާމަތްވެ، މައްސަލައެއް ނެތްކަމަށް ނިންމުމުން، 2017 ވަނަ އަހަރުގެ ކުރީން ފާއިތުވެދިޔަ ތިން ސީޒަނުގައި ހިނގާދިޔަ ޓްރާންސްފާގެ ކަންތައްތަކާއި ގުޅިގެން ޔުއެފާގެ އަދަބެއް ދެން ޕީއެސްޖީއަށް ނުލިބޭނެއެވެ.

މި މައްސަލަ އާއި ގުޅޭގޮތުން ސީއޭއެސްގެ ޗެމްބަރުން އިއްޔެ އާންމުކުރި ބަޔާނުގައި ވާގޮތުން، ޕީއެސްޖީގެ ކުރީގެ މައްސަލަތައް ޔުއެފާ އަށް އަލުން ނުބެލޭނެ ކަމަށާއި ސަބަބަކީ އެއީ ކުރިން ބަލާ ނިމިފައިވާ މައްސަލަތަކެއް ކަމަށްވާތީއެވެ. މީގެއިތުރުން، އަލުން މައްސަލަ ބެލުމަށް ޔުއެފާ އިން އުސޫލުގެ ތެރެއިން ކަންތައް ކުރާނަމަ މައްސަލައިގައި ގޮތެއް ނިންމިތާ 10 ދުވަސްތެރޭގައި އަލުން ހުށަހަޅަން ޖެހޭނެ ކަމަށާއި ނަމަވެސް ޔުއެފާ އިން އެކަންކުރަން އުޅުނީ މުއްދަތު ފާއިތުވި ފަހުން ކަމަށެވެ.

ޕީއެސްޖީން ސީއޭއެސްގެ ނިންމުމާއި ގުޅިގެން ބުނެފައިވަނީ އެ ކްލަބަކީ އަބަދުވެސް ޔުއެފާ އަދި ޗެމްބާސް އޮފް ދަ ފައިނޭންޝިއަލް ކޮންޓްރޯލް އޮފް ކްލަބްސް (އައިސީއެފްސީ) ގެ ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަމުންދާ ކްލަބެއްކަމަށާއި އެއްވެސް ކަމެއް ސިއްރުންކޮށްފައިނުވާނެކަމަށާއި އެންމެ ބޮޑު ފޯކަސް އަކީ ފުޓްބޯޅަ ތަރައްގީކުރުމުގެ މަސައްކަތްކުރިއަށް ގެންދިއުން ކަމަށެވެ.

"ސީއޭއެސް އިން މިވަނީ އަހަރެމެންނާ އެއްކޮޅަށް މައްސަލަ ނިންމާފައި. މިދިޔަ އަހަރުގެ ޖޫން މަހުގެ 13 ގައި ނިންމާފައިވަނީ އެންމެ ފަހުގެ ނިންމުން. އަހަރެމެންގެ އެންމެ ބޮޑު ފޯކަސް އެއް އޮތީ ފުޓްބޯޅަ ތަރައްގީކުރުމަށް މިހާރުވެސް ކުރަމުންދާ މަސައްކަތާއިގެން ކުރިއަށްދިއުން." ޕީއެސްޖީން ނެރުނު ބަޔާނުގައިވެއެވެ.

"އަހަރެމެންނަކީ ޔުއެފާ އަދި އައިސީއެފްސީގެ ގަވާއިދުތަކާއި އެއްގޮތަށް އަމަލުކުރަމުންދާ ކްލަބެއް. އެއްވެސް ކަމެއް ސިއްރުން ކޮށްފައެއް ނުވާނެ."

ޔުއެފާ އިން މިދިޔަ އަހަރުގެ ޖޫން މަހުގައި ޕީއެސްޖީ އިން އެފްއެފްޕީއާ ހިލާފުނުވާކަމަށް ނިންމާފައިވީނަމަވެސް 2017 ވަނަ އަހަރުގެ ސީޒަނަށް ދުނިޔޭގެ ރެކޯޑް އަގަކަށް ބާސެލޯނާ އިން ނޭމާ ގަތުމުގެ އިތުރުން މޮނާކޯ އަށް އުސޫލުން ބޭރުން ފައިސާދީގެން ކިލިއަން އެމްބާޕޭ ލޯން އެއްބަސްވުމެއްގެ ދަށުން ގެންގޮސްފައިވުމަކީ ގިނަ ބައެއްގެ ކަޅި އެ ކްލަބަށް އަމާޒުވެފައިވާ އެއްސަބަބެވެ.

އެހެންނަމަވެސް، ދާދިފަހުން އެކޯ ލައިވް ލިމިޓްލެސްއާއެކު ޔޫރަޕްގައި ނިސްބަތުން އަގުހުރި ޖާޒީގެ އާ ސްޕޮންސަރޝިޕް އެއްބަސްވުމެއްގައި ސޮއިކުރުމަށްފަހު އެ ކްލަބުން މިވަނީ އާމްދަނީ އިތުރުކޮށްފައެވެ.