Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

ހިސާންގެ މައްޗަށް ކުރެވެނީ ދޮގު ތުހުމަތެއް، އިތުބާރު އެބަ އޮތް: ނަޝީދު

photo: Maldives Independent

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް އުސްތާޛާ ހިސާން ހުސެއިން ކުޑަކުދިންނަށް އަނިޔާކުރި ކަމަށް ކުރެވޭ ތުހުމަތުތަކަކީ ސީދާ އޭނާގެ އަބުރު ކަތިލުމުގެ މަގުސަދުގައި ކުރެވޭ ދޮގު ތުހުމަތެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހިސާންގެ ގޭގައި މީގެ އަހަރުތަކެއް ކުރިން ކިޔަވަން އައިސް ތިބި ތުޅާދޫ ކުދިންތަކަކަށް އަނިޔާކުރި ކަމުގެ ތުހުމަތުކުރެވި ރައީސް ސޯލިހަށް ފޮނުވި ކަމަށް ބުނާ ސިޓީއެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. އެ ސިޓީގައި ހިސާން، އެކުދިން ތިބި ކޮޓަރީގެ ފެނާއި ކަރަންޓު ކަނޑާލި ކަމަށާއި ފެންލައިޓުން އެޅިގަލެއް އެއްލި ކަމަށް އަދި ކޮޓަރީގެ ދޮރުގެ ތަޅު އެކި ފަހަރު މަތިން ހަލާކު ކުރި ކަމަށް ބުނެފައިވެއެވެ.

އެ ވާޙަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ހިސާން ބުނެފައިވާއިރު ނަޝީދު ވެސް ވަނީ އެވާހަކަތައް ގަބޫލުނުކުރެވޭނެ ކަމަށް ޓުވީޓާގައި ބުނެފައެވެ. ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ވަކީލް ހިސާނުގެ އަބުރު ކަތިލުމަށް ދެކެވޭ ވާހަކަތަކަކީ ރޭވިގެން ހިންގާ ސިޔާސީ ހަރަކާތެއް ކަމަށެވެ.

އަދި އެއީ ފިނޑި އަމަލެއް ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށް ވެސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވިއެވެ.

އެމްޑީޕީގެ ޓިކެޓުގައި ތިނަދޫ އުތުރު ދާއިރާއަށް ވާދަކުރާ މުޣުނީގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވުމާއެކު އެމްޑީޕީ އާއި ނަޝީދު ވަނީ މުޣުނީ އަށް ކުރި ތާއީދު އަނބުރާ ގެންގޮސްފައެވެ.