Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

އެމްޑީޕީ ވައުދުވަނީ ހައްގުވެރިންނަށް ފްލެޓު ދޭން: އީވާ

އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގައި ރައްޔިތުންނަށް ވައުދުވަނީ، ބޯހިޔާވަހިކަމަށް ބޭނުން ޖެހިފައިވާ ފްލެޓުތަކުގެ ހައްގުވެރިންނަށް ފްލެޓު ދިނުމަށް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް އެމްޑީޕީން ދެމުންދަނީ ރިޝްވަތު ކަމަށް ތުހުމަތު ކުރެއްވުމާ ގުޅިގެން ޚަލީލަށް ރައްދު ދެއްވަމުންނެވެ. ޚަލީލް ވަނީ އެމްޑީޕީން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެޕާޓީއަށް މެޖޯރިޓީ ހޯދުމުގެ މަގުސަދުގައި ފްލެޓު ދޭން ކަމަށް ވައުދު ވަމުން އެބަ އަންނަ ކަމަށާއި އެއީ ރިޝްވަތާއި ކޮރަޕްޝަން ކަމަށް ތުހުމަތުކުރައްވާފައެވެ.

ޖަވާބުގައި އީވާ ވިދާޅުވީ އެބޭފުޅުން ވައުދުވަނީ ފްލެޓުގެ ހައްގުވެރިންނަށް ފްލެޓު ދިނުމަށް ކަމަށާއި ޚަލީލް އާއިލީ ބޭފުޅުންނަށް ފްލެޓު ދޭން އެމްޑީޕީން ވައުދެއް ނުވާނެ ކަމަށެވެ.

ޚަލީލްގެ އާއިލީ ގުޅުން އޮންނަ 34 މީހަކަށް ނިމިގެން ދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ފްލެޓު ލިބިފައިވާއިރު އޭނާ ވަނީ އެ ފްލެޓުތަކަކީ އޭނާގެ ނުފޫޒެއް ނެތި ލިބުނު ފްލެޓުތަކެއް ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އެމްޑީޕީގެ ފްލެޓު "މަޅީގައި" ނުޖެހުމަށް ވިލިމާފަންނު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރ އަހުމަދު ނިހާން ހުސެއިން މަނިކުވެސް ވަނީ މިއަދު ގޮވާލާފައެވެ.