Last Updated: April 16, 17:11
Tuesday, April 16, 2024
ކުޅިވަރު

ބޭނުންވަނީ ޕޯޓޯގައި ހުރެ ކެރިއަރު ނިންމާލަން: ކަސިޔަސް

ސްޕެއިން އަދި ރެއާލް މެޑްރިޑްގެ ކުރީގެ ގޯލްކީޕަރު އިކާ ކަސިޔަސްގެ ފުޓްބޯޅަ ކެރިއަރު ނިންމާލަން ބޭނުންވަނީ މިހާރުގެ ކްލަބު ޕޯޗުގަލްގެ ޕޯޓޯގައި ކަމަށާއި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެއްބަސްވުމުން އާ ކުރާނެކަމަށް އޭނާ ބުނެފިއެވެ.

ކަސިޔަސް އިތުރަށް ބުނިގޮތުގައި އެ ކްލަބަށް ވަރަށް ހާއްސަ ލޯތްބެއް އުފެދިފައިވާ ކަމަށާއި މިހާ ހަމަޖެހިގެން ޕޯޗުގަލްގައި އުޅެވެނީ އެ ކްލަބުގެ ރައީސްގެ ފަރާތުން ލިބޭ އެހީތެރިކަމުގެ ސަބަބުންކަމަށެވެ.

"އަހަރެން ޕޯޗުގަލް އަށް ބަދަލުވީއްސުރެ ޕޯޓޯގެ ރައީސް، ޕިންޓޯ ޑަ ކޮސްޓާގެ ފަރާތުން ވަރަށް ބޮޑަށް އެހީތެރިކަން ލިބިފައިވޭ." އެލް ޑިއާ ޑެސްޕުއެސް އަށް ދިން އިންޓަވިއުގައި ކަސިޔަސް ބުންޏެވެ.

"މިހާރު އަހަރެން ތައްޔާރުވަމުންމިދަނީ ޕޯޓޯއާއެކު ހަދާފައިވާ އެއްބަސްވުން އަދި ދެ އަހަރަށް އާކުރަން. އޭރު، އަހަރެންނަށް ވާނީ 40 އަހަރު. މިހާރު އަހަރެންގެ އުމުރުން 38 އަހަރުވާން މިއުޅެނީ. އަހަރެންގެ ކެރިއަރު ނިންމާލަން ގަސްދުކުރަނީވެސް ޕޯޓޯގައި."

ރެއާލަށް 1999 ވަނަ އަހަރުން ފެށިގެން 2015 ގެ ނިޔަލަށް 700 އަށްވުރެ ގިނަ މެޗުކުޅެދީފައިވާ ކަސިޔަސް ވަނީ އެ ކްލަބާއެކު ސްޕެނިޝް ލީގު ފަސް ފަހަރު އަދި ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ. މީގެއިތުރުން، އޭނާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 167 މެޗު ހަމަކޮށް އެޓީމާއެކު ވޯލްޑްކަޕާއި ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކޮށްފައެވެ.

އުމުރުން 37 އަހަރުގެ ކަސިޔަސް އަށް ރެއާލް ދޫކޮށްލަން ޖެހުނީ އޭރު އެ ޓީމުގެ ކޯޗަކަށް ހުރި ހޯސޭ މޮރީނިއޯއާ ދެމެދު އޮތް ގުޅުން ހީނަރުވެ އޭނާ އަށް ޓީމުން ފުރުޞަތުނުދޭތީވެއެވެ.

ޕޯޓޯގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކަސިޔަސް ވަނީ އެ ޓީމަށް މިހާތަނަށް ކުޅެދިން 149 މެޗުގެ ތެރެއިން 71 މެޗުގައި ބައިކޮޅަށް ލަނޑެއްވަނަނުދީ ހިފަހައްޓާފައިވެއެވެ. މީގެއިތުރުން، އޭނާ ވަނީ އެ ޓީމު މި ސީޒަނުގައި ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ގެންގޮސްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ.