Last Updated: April 25, 12:03
Thursday, April 25, 2024
ޚަބަރު

ނިއުޒިލެންޑުގެ ޓީވީ އަދި ރޭޑިއޯއިން ބަންގި ގެނެސްދޭން ނިންމައިފި

ނިއުޒިލެންޑްގެ ޤައުމީ ޓީވީ އަދި ރޭޑިއޯ އިން ހުކުރު ދުވަހު ބަންގިގޮވާނެ ކަމަށް އެޤައުމުގެ ޕްރައިމް މިނިސްޓަރ ޖަސިންޑާ އަރޑަރން ވިދާޅުވެއްޖެއެވެ.

މިކަން އިއުލާންކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހު އެޤައުމުގެ ދެ މިސްކިތެއްގައި މުސްލިމުންނާއި ދެކޮޅަށް ހިންގި ޓެރަރިޒަމް ހަމަލާއަކާއިގުޅިގެންނެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އަރޑަރން ވަނީ މި ހަމަލާއަށް އެއް ހަފްތާ ފުރުމުގެ ގޮތުން ދެ މިނެޓުގެ ސުކޫތެއް ބޭއްވުމަށްވެސް ނިންމާފައެވެ.

ހުކުރު ދުވަހުގެ މިހަމަލާގައި ޝަހީދުވި ފަރާތްތައް ވަޅުލުމުގެ ކަންތައް މިހާރުވަނި ފަށާފައެވެ. މިގޮތުން މިއަދުގެ ވަގުތެއްގައި ދެ ޝަހީދަކު ވަޅުލުމުގެ ކަންތައް ކުރިއަށްދާނެއެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއަދު ވަޅުލެވޭނީ ނިއުޒިލެންޑަށް މީގެ 6 މަސް ކުރިން ބަދަލުވި ސީރިޔާގެ ބައްޕައަކާއި އޭނާގެ ފިރިހެން ދަރިފުޅެވެ.

މިހަމަލާގައި ޝަހީދުވި މީހުންނަކީ ކޮންބައެއްކަން ދެނެގަތުމުގެ މަރުހަލާ ދިގުލައިގެން ދިޔުމުގެ ސަބަބުން ގިނަ ޝަހީދުންގެ ޖަނާޒާ އަދިވެސް ވަނީ ނުބޭއްވި ލަސްވެފައެވެ. މި ހަމަލާގައި ޖުމްލަ 50 މީހުންވަނީ ޝަހީދުވެފައެވެ.