Last Updated: March 28, 14:17
Thursday, March 28, 2024
ޚަބަރު

"ހިސާން އަކީ ރާއްޖޭގެ އިސްލާހީ މަސައްކަތުގައި ފެނުނު އެންމެ ހިތްވަރުގަދަ އެއް ފަހުލަވާން"

މިނިސްޓަރު އަލީ ވަހީދު ނޫސްވެރިންނާ ބައްދަލުކުރައްވަނީ: ފޮޓޯ - އަވަސް

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓް އަލްއުސްތާޛާ ހިސާން ހުސެއިން އަކީ ފަހަކަށް އައިސް ރާއްޖޭގެ އިސްލާހީ މަސައްކަތުގައި ފެނުނު އެންމެ ހިތްވަރުގަދަ އެއް ފަހުލަވާން ކަމުގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިހެން ވިދާޅުވީ ދާދި ދެންމެއަކު ކުރެއްވި ޓްވީޓެއްގަ އެވެ.

އެ ޓްވީޓްގައި މިނިސްޓަރ އިތުރަށް ވިދާޅުވެފައި ވަނީ ހިސާން އަކީ އަނިޔާވެރިކަމާއި ދެކޮޅަށް ހުރިހާ ވަގުތެއް ހުސްކުރި ބޭކަނބަލެއް ކަމަށެވެ.

"ކެންޑިޑޭޓެއްގެ އަބުރު ކަތިލަން ދޮގު ވާހަކަ ފެތުރުމަކީ އިރަށް އަލިކުރަން ވޮށް ދިއްކުރުން ކަހަލަ މޮޔަ ކަމެއް. ހިސާން އާއެކު"، އެ ޓްވީޓްގައި މިނިސްޓަރ ވިދާޅުވެފައި ވެއެވެ.

މިނިސްޓަރ އަލީ ވަހީދު މިހެން ވިދާޅުވިއިރު، މަޝްހޫރު ޤާނޫނީ ވަކީލާ ހިސާންގެ މައްޗަށް ވަނީ ކުޑަކުދިންތަކަކަށް އަނިޔާކުރި ކަމުގެ ތުހުމަތުކޮށްފަ އެވެ. ހިސާންގެ ގޭގައި މީގެ އަހަރުތަކެއް ކުރިން ކިޔަވަން އައިސް ތިބި ތުޅާދޫ ކުދިންތަކަކަށް އަނިޔާކުރި ކަމުގެ ތުހުމަތުކުރެވި ރައީސް ސޯލިހަށް ފޮނުވި ކަމަށް ބުނާ ސިޓީއެއް ސޯޝަލް މީޑިޔާގައި ވަނީ އާންމުވެފައެވެ. އެ ސިޓީގައި ހިސާން، އެކުދިން ތިބި ކޮޓަރީގެ ފެނާއި ކަރަންޓު ކަނޑާލި ކަމަށާއި ފެންލައިޓުން އެޅިގަލެއް އެއްލި ކަމަށް އަދި ކޮޓަރީގެ ދޮރުގެ ތަޅު އެކި ފަހަރު މަތިން ހަލާކު ކުރި ކަމަށް ބުނެފައިވެއެވެ.

އެ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށް ހިސާން ވިދާޅުވެފައިވާއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އެވާހަކަތަކަކީ ހިސާންގެ އަބުރު ކަތިލުމަށް، ރޭވިގެން ހިންގާ ސިޔާސީ ހަރަކާތެއް ކަމަށް ވިދާޅުވެފައެވެ.