Last Updated: April 27, 06:22
Saturday, April 27, 2024
ދުނިޔެ

ޚިޔާނާތުގެ މައްސަލައިގައި ނީރަވް މޯދީ ޔޫކޭ ގައި ހައްޔަރުކޮށްފި

މޮޑެލް ރޯސީ ހަންޓިންގްޓަން-ވައިޓްލީ އާއި އެކްޓްރެސް ޕްރިޔަންކާ ޗޯޕްރާ-ޖޯންސް ފަދަ ތަރިންގެ މެދުގައި އެއް އިރެއްގައި ވަރަށް މަޤްބޫލް ފަރާތެއް ކަމުގައިވާ، އިންޑިއާގެ ބިލިއަނަރު ނީރަވް މޯދީ އިނގިރޭސިވިލާތުގައި ހައްޔަރުކޮށްފި އެވެ.

ޖަވާހިރުގެ ވިޔަފާރިކުރާ ނީރަވް މޯދީ އަކީ އިންޑިއާގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތުގެ މައްސަލައާއި ގުޅިގެން ހޯދަމުން އަންނަ ފަރާތެކެވެ. އެގޮތުން އެ ޚިޔާނާތުގެ އަގު ގާތްގަނޑަކަށް 2 ބިލިއަން ޑޮލަރަށް އަރައެވެ.

އޭނާ ވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅު ޤައުމް ދޫކޮށް ގޮސްފައެވެ. އެއަށްފަހު އޭނާ އެނބުރި އިންޑިއާ އަށް އައިސްފައެއް ނުވެއެވެ.

އުމުރުން 48 އަހަރުގެ މޯދީ ލަންޑަންގައި ހައްޔަރުކުރީ އިއްޔެ އެވެ. އަދި އޭނާ ކޯޓަށް ހާޒިރުކޮށްފައި ވަނީ މިއަދު އެވެ.

ފުލުހުންނާއި ހަވާލާދީ "ބީބީސީ" އިން ރިޕޯޓްކުރާ ގޮތުގައި އޭނާ ހައްޔަރުކޮށްފައި ވަނީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށާއި، އިންޑިއާ އިން ވަނީ އޭނާ އަނބުރާ ޤައުމަށް ފޮނުވާލުމަށް އެދިފައި ކަމަށެވެ.

ވެސްޓްމިންސްޓަރ މެޖިސްޓްރޭޓްސް ކޯޓްގެ ޣާޒީ ވަނީ ނީރަވް މޯދީ އަށް ބެއިލް ދިނުމަށް އިންކާރުކުރައްވައިފަ އެވެ. އަދި 29 މާޗުގެ ނިޔަލަށް ބަންދުގައި ބެހެއްޓުމަށް ވެސް ވަނީ ޙުކުމްކޮށްފަ އެވެ.

މޯދީގެ މައްސަލަ އެންމެންގެ ސަމާލުކަމަށް އަނެއްކާވެސް އައީ ލަންޑަންގެ 10.5 މިލިއަން ޑޮލަރުގެ ފްލެޓެއްގައި އޭނާ ދިރިއުޅެމުން އަންނަ ކަމަށް އިނގިރޭސިވިލާތުގެ ނޫހަކުން ރިޕޯޓްކުރުމާއި ގުޅިގެންނެވެ.

އޮކްސްފޯޑް ސްޓްރީޓްގައި ހުންނަ އެޕާޓްމެންޓް ކައިރީގައި "ދަ ޓެލެގްރާފް" އިން ވަނީ މިމަހުގެ ކުރީކޮޅު އޭނާ އާއި ވާހަކަދައްކައިފަ އެވެ. ބެލެވޭ ގޮތުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފިލި މޯދީ މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން ދިރިއުޅެމުން އައިސްފައި ވަނީ ލަންޑަންގައި ކަމަށެވެ.

އެކަން ހާމަވިތާ މާގިނަ ދުވަސްތަކެއް ނުވަނީސް ޔޫކޭގެ ހޯމް ސެކްރެޓަރީ ސާޖިދް ޖާވިދް ވަނީ، ނީރަވް މޯދީ އަނބުރާ ޤައުމަށް ފޮނުވައިދިނުމަށް އެދި މިދިޔަ އޮގަސްޓް މަހު އިންޑިއާ އިން ހުށަހެޅި ހުށަހެޅުން ޤަބޫލުކުރައްވައިފަ އެވެ.

ނީރަވް މޯދީ ހައްޔަރުކޮށްފައި މިވަނީ އިންޑިއާގެ އާ ބޮޑުވަޒީރަކު ހޮވުމަށް އަންނަ މަހުގެ ތެރޭގައި އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ކާމިޔާބުކަމާއެކު އޭނާ އަނބުރާ އިންޑިއާ އަށް ގެނެވިއްޖެނަމަ، އެކަން ވެގެންދާނީ ވެރިކަންކުރާ ބީޖޭޕީ އަށް އިންތިޚާބު ކާމިޔާބުކުރުމަށް ލިބޭ ހިތްވަރަކަށެވެ.

އިންޑިއާގެ ދެވަނައަށް އެންމެ ބޮޑު ބޭންކް ކަމުގައިވާ ޕަންޖާބް ނޭޝަނަލް ބޭންކް (ޕީއެންބީ) އިން ވަނީ އެ ބޭންކަށް ދެ ބިލިއަން ޑޮލަރުގެ ގެއްލުމެއް ލިބުނު ޚިޔާނާތުގެ މައްސަލައިގައި އެންމެ ބޮޑަށް ޝައްކުކުރެވޭ އެކަކީ ނީރަވް މޯދީ ކަމަށް ތުހުމަތުކޮށްފަ އެވެ.

އެ ތުހުމަތުތައް ފެންމަތިވީއްސުރެ އެންޓިގުއާގައި ދިރިއުޅެމުން އަންނަ އޭނާގެ ބޮޑުބޭބެ މެހުލް ޗޮކްސީ އަކީވެސް އިންޑިއާ އިން ހޯދަމުން އަންނަ ފަރާތެކެވެ.

ނީރަވް މޯދީ ވަނީ އޭނާ އާއި ދެކޮޅަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ.

އޭނާ އަކީ އިންޑިއާގެ އެންމެ މުއްސަނދި އެއް މީހާއެވެ. ފޯބްސް އިން ލަފާކުރާ ގޮތުގައި ނީރަވް މޯދީގެ މިލްކިއްޔާތުގައި ގާތްގަނޑަކަށް 1.75 ބިލިއަން ޑޮލަރު ހިމެނެއެވެ.

ޖަވާހިރުގެ ވިޔަފާރިކުރާ އާއިލާއަކަށް އުފަންވި ނަމަވެސް، ނީރަވް މޯދީ އޭނާގެ އަމިއްލަ ބްރޭންޑް ލޯންޗްކުރީ 2010 ވަނަ އަހަރު އެވެ. އެ ބްރޭންޑް ވަނީ ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. އެގޮތުން އިންޑިއާގެ އެކި ހިސާބުތަކުގައި އާއި ނިއު ޔޯކް އާއި ލަންޑަން އަދި ހޮންގ ކޮންގ ގައިވެސް އެ ބްރޭންޑްގެ ފިހާރަތައް ހުއްޓެވެ.

މަޝްހޫރު ތަރިން ކަމުގައިވާ ކޭޓް ވިންސްލެޓް އާއި ރޯސީ ހަންޓިންގްޓަން-ވައިޓްލީ އާއި ނައޯމީ ވޮޓްސް އެ ބްރޭންޑްގެ ގަހަނާތައް އެޅިއިރު، ބޮލީވުޑްގެ ތަރި ޕްރިޔަންކާ ޗޯޕްރާ-ޖޯނަސް ވަނީ އެ ބްރޭންޑްގެ އިޝްތިހާރުތައް ކުޅެފައެވެ.

ނަމަވެސް ނީރަވް މޯދީ އާއި ދެކޮޅަށް ކުރެވޭ ޚިޔާނާތުގެ ބޮޑެތި ތުހުމަތުތައް މިދިޔަ އަހަރު ފެންމަތިވުމާއެކު، އެ ބްރޭންޑްގެ ހުރިހާ ފިހާރައެއް ވަނީ ފުލުހުން ރެއިޑްކޮށްފަ އެވެ. އަދި އޭނާގެ ހުރިހާ އެކައުންޓެއް ވެސް ވަނީ ފްރީޒްކޮށްފަ އެވެ.