Last Updated: April 23, 13:19
Tuesday, April 23, 2024
ވިޔަފާރި

އީޔޫ އިން ގޫގުލް، 1.5 ބިލިއަން ޔޫރޯ އިން ޖޫރިމަނާކޮށްފި

ގޫގުލް އާއި ވާދަކުރާ އޮންލައިން އިޝްތިހާރުކުރާ ފަރާތްތައް ބްލޮކްކުރުމާއި ގުޅިގެން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ގޫގުލް، 1.49 ބިލިއަން ޔޫރޯ އިން ޖޫރިމަނާކޮށްފި އެވެ.

މިއީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި އީޔޫ އިން ގޫގުލް ޖޫރިމަނާކުރި ތިންވަނަ ފަހަރެވެ.

އެގޮތުން ބާޒާރުގައި ގޫގުލް އަށް ލިބިފައިވާ ކާމިޔާބީގެ ނާޖާއިޒް ފައިދާ ނަގައި، 2006 ވަނަ އަހަރާއި 2016 ވަނަ އަހަރާއި ދެމެދު އެހެނިހެން ވާދަވެރި ފަރާތްތަކަށް އިޝްތިހާރުތައް ކުރުން މަނާކުރުމުގެ ތުހުމަތު ގޫގުލްގެ މައްޗަށް ވަނީ އުފުލާފައެވެ.

ނަތީޖާއެއްގެ ގޮތުން ގޫގުލް އިން ވަނީ އެކުންފުނީގެ އެޑްސެންސް ކޮންޓްރެކްޓްތަކަށް ބަދަލުތަކެއް ގެނެސްފައެވެ. އެ ބަދަލުތަކާއެކު، އިޝްތިހާރުތައް ދެއްކުމުގެ މިނިވަންކަން ކުރިއަށްވުރެ ބޮޑަށް އެ ފަރާތްތަކަށް ލިބިގެންދާނެ އެވެ.

ގޫގުލް ހިންގާ ކުންފުނި ކަމުގައިވާ އަލްފަބެޓް އިން އިޝްތިހާރުކޮށްގެން ވަރަށް ބޮޑު ފައިދާއެއް ހޯދައެވެ. އެގޮތުން 2018 ވަނަ އަހަރު ޓެކްސް އާއި ނުލައި އަލްފަބެޓް އަށް ވަނީ އިޝްތިހާރުކޮށްގެން 30.7 ބިލިއަން ޑޮލަރު ލިބިފައެވެ. އެއީ 2017 ވަނަ އަހަރު އެ ކުންފުންޏަށް ލިބުނު 12.66 ބިލިއަން ޑޮލަރުގެ ފައިދާ އާއި އަޅާބަލާއިރު ވަރަށް ބޮޑު އަދަދެކެވެ.

ވާދަވެރި ފަރާތްތައް ބްލޮކްކުރުމަށް އެންޑްރޮއިޑް އޮޕަރޭޓިންގ ސިސްޓަމް ބޭނުންކުރުމުގެ ސަބަބުން އީޔޫ އިން ވަނީ މިދިޔަ އަހަރުވެސް ގޫގުލް، 4.34 ބިލިއަން ޔޫރޯއިން ޖޫރިމަނާކޮށްފަ އެވެ.

އަދި 2017 ވަނަ އަހަރުވެސް ގޫގުލްގެ މައްޗަށް ވެސް 2.42 ބިލިއަން ޔޫރޯގެ ޖޫރިމަނާއެއް އައިސްފައެވެ.