Last Updated: April 19, 19:29
Friday, April 19, 2024
ކުޅިވަރު

އިންޓަ ސްކޫލް 15 އަހަރުން ދަށުގެ ޗެމްޕިއަންކަން ހިރިޔާ ހޯދައިފި

އިންޓަ ސްކޫލް 15 އަހަރުން ދަށުގެ އުމުރު ފުރާގެ ޗެމްޕިއަންކަން ހޯދި ހިރިޔާ އިން ތަށި އުފުލާލަނީ. --ފޮޓޯ: ހާފްކޯޓް.އެމްވީ / އެފްއޭއެމް

މަމެން އިންޓަ ސްކޫލް 15 އަހަރުން ދަށުގެ އުމުރުފުރާގެ ޗެމްޕިއަންކަން ހިރިޔާ ސްކޫލް ހޯދައިފިއެވެ.

ހިރިޔާ އިން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އެންމެފަހުން ބޭއްވުނު 16 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަން އިމާދުއްދީން ސްކޫލް ބަލިކުރުމަށްފަހުގައެވެ. ހިރިޔާ އިން މި މެޗު ކާމިޔާބުކުރީ 5-2 ގެ ނަތީޖާއަކުންނެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ 12 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކުރީން ލީޑްނެގީ ހިރިޔާގެ ޖާޒީ ނަންބަރު 11 މުހައްމަދު އަދްޔަން ނިޔާޒެވެ. އޭގެ 8 މިނެޓުފަހުން، އިމާދުއްދީނަށް ނަތީޖާ ހަމަހަމަކޮށްދިނީ ޖާޒީ ނަންބަރު 22 މުހައްމަދު ނާއިޝް އަސްޖަދު އެވެ.

ހިރިޔާ އިން ދެވަނަ ފަހަރަށް ލީޑް ނެގީ، ފުރަތަމަ ހާފުގެ ކުޅުން ނިމެން މިނެޓަކަށްވެފައިވަނިކޮށް، އެ ޓީމުގެ ޖާޒީ ނަންބަރު 7 އިސްމާއިލް އިކާން ބިން އަލީ އެވެ. އެކަމަކު، މި ހާފުގެ އިތުރުވަގުތުގައި އިމާދުއްދީނުން ވަނީ ދެވަނަ ފަހަރަށް އެއްވަރުކޮށްފައެވެ. މި ލަނޑުވެސް އެ ޓީމަށް ޖަހައިދިނީ ޖާޒީ ނަންބަރު 22 ނާއިޝް އެވެ. މި ހާފު ނިމުނީ 2-2 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ހިރިޔާއާ ދެކޮޅަށް އިމާދުއްދީން ކުޅުނު މެޗުގެ ތެރެއިން –ފޮޓޯ: ހާފްކޯޓް.އެމްވީ / އެފްއޭއެމް

ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ހިރިޔާ އަށް އަލުން ލީޑް ނަގައިދިނީ ޖާޒީ ނަންބަރު 11 މުހައްމަދު އަދްޔަން ނިޔާޒެވެ. މިއީ އެ ޓީމުގެ ކޯޗު މުހައްމަދު ނިޔާޒު (ނިޔާ) ގެ ފިރިހެން ދަރިފުޅެވެ.

އޭގެފަހުން، މެޗުގެ 44 އަދި 51 ވަނަ މިނެޓުގައި ކާމިޔާބުކުރި ދެ ގޯލާއެކު ހިރިޔާގެ ޖާޒީ ނަންބަރު 7 އިކާން ބިން އަލީ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ނަތީޖާ 5-2 އަށް ބަދަލުކޮށްލާފައެވެ.

މެޗަށްފަހު ހިރިޔާގެ ކޯޗު ނިޔާޒް (ނިޔާ) ބުނީ މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި މި ފަހަރު ކާމިޔާބު ލިބުމުގެ މައިގަނޑު އެއް ސަބަބަކީ ކުރީ އަހަރަށްވުރެ ރަނގަޅަށް ޕްރެކްޓިސްތަކެއް ކުރެވުމުންކަމަށެވެ.

އިމާދުއްދީނުގެ ކޯޗު އިބްރާހީމް ސައީދު (ކަކާ) ބުނީ މުބާރާތުގެ ކުރީކޮޅު ކުޅެވުނު މެޗުތަކުގައި ތަފާތު ނަތީޖާތަކެއް ނިކުތްނަމަވެސް ފައިނަލަށް ދަތުރުކޮށް ޒުވާން ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމަށް ތައުރީފް ހައްގުކަމަށާއި އޭނާގެ ޓީމު މި މެޗުން މޮޅުވާން ހައްގުކަމަށެވެ.

މި މުބާރާތުގެ އެންމެ މޮޅު 11 ކުޅުންތެރިން. –ފޮޓޯ: ހާފްކޯޓް.އެމްވީ / އެފްއޭއެމް

މިރޭގެ ފައިނަލް މެޗު ނިމުމާއިއެކު މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވާއިރު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އަދި އެކްޓިންގ މިނިސްޓަރ ފޯރ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމެންޓް އަލީ ވަހީދު އެވެ.

މި މުބާރާތުގެ އެކި ވަނަތަކަށް އައި ފަރާތްތަކަށް އިނާމު ހަވާލުކުރިއިރު، ބެސްޓް ސަޕޯޓާސް ޓީމްގެ މަގާމް އިމާދުއްދީން ހޯދިއިރު މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވުނީ ތާޖުއްދީން ސްކޫލެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔަކަށް ހޮވުނީ 16 ގޯލް ކާމިޔާބުކުރި ހިރިޔާގެ ޖާޒީ ނަންބަރު 7 އިކާން ބިން އަލީ އެވެ. އެންމެ މޮޅު ކީޕަރަކަށް އެ ޓީމުގެ ޖާޒީ ނަންބަރު 18 މުހައްމަދު ނާއިޝް ހޮވުނުއިރު، މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިންވެސް ހޮވާފައިވެއެވެ.

މުބާރާތުގެ އެންމެ މޮޅު 10 ކުޅުންތެރިން:

އިސްމާއިލް އިކާން ބިން އަލީ، ޖާޒީ ނަންބަރު 7 – ހިރިޔާ
މުހައްމަދު އީކާން މަތީން، ޖާޒީ ނަންބަރު 10 – އިމާދުއްދީން
ހަސަން އަޒޫމް އަލީ، ޖާޒީ ނަންބަރު 11 – ގާޒީ ސްކޫލް
މުހައްމަދު ދާއިފް ޝަމްއޫން، ޖާޒީ ނަންބަރު 10 – ރެހެންދި ސްކޫލް
އައިހަމް ހަމްދޫން، ޖާޒީ ނަންބަރު 9 – ހިރިޔާ
އަހުމަދު އީރާޝް، ޖާޒީ ނަންބަރު 7 – ގާޒީ ސްކޫލް
ހުމައިދު ހުސައިން، ޖާޒީ ނަންބަރު 10 – މަޖީދިއްޔާ ސްކޫލް
މިރްފާހު އަބްދުލް މުހުސިން، ޖާޒީ ނަންބަރު 23 – ހިރިޔާ
މުހައްމަދު އަބާން އަރީފް، ޖާޒީ ނަންބަރު 3 – އަމީނިއްޔާ ސްކޫލް
އަހުމަދު މާއިޝް މުހައްމަދު، ޖާޒީ ނަންބަރު 22 – މަޖީދިއްޔާ ސްކޫލް