Last Updated: April 25, 22:42
Thursday, April 25, 2024
ކުޅިވަރު

ސާބިއާ އިން ޖަރުމަން ހިފެހެއްޓިއިރު ވޭލްސް އިން ފަހު ވަގުތު މޮޅުވެއްޖެ

ޖަރުމަންއާ ދެކޮޅަށް ސާބިއާ ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

2020 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ކުޅޭ މެޗުތަކުގެ ކުރީން ރޭ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ސާބިއާ އިން ގިނަ ބަދަލުތަކާއެކު ނިކުތް ޖަރުމަންގެ ޓީމު މޮޅުވިޔަނުދީ ހިފަހައްޓައިފިއެވެ. މި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

އެންމެފަހުގެ ވޯލްޑްކަޕްގެ ގްރޫޕް ސްޓޭޖުން ޖަރުމަން ކަޓައިގެންދިޔައިރު މިދިޔަ އަހަރު އަލަށް ފެށި ޔުއެފާ ނޭޝަންސް ލީގުގައި އެ ޓީމު ހިމެނުނު ގުރޫޕުގެ އެންމެ ފުލަށް ދިއުމުގެ ސަބަބުން އެ މުބާރާތުގެ ލީގު ބީ އަށް ރެލިގޭޓްވުމުން ރޭގެ މެޗަށް ޖަރުމަނުން ނިކުތީ ގިނަ ބަދަލުތަކާއެކުގައެވެ. އެގޮތުން، ރޭގެ މެޗުގައި އެ ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނުނު ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިން ފިޔަވައި ދެން ތިބީ މުޅިންވެސް އުމުރުން 24 އަހަރުން ދަށުގެ ކުޅުންތެރިންނެވެ.

ޖަރުމަންގެ ވުލްފްސްބާގުގެ ވޮލްކްސްވާގަން އެރީނާގައި ކުޅުނު މި މެޗު ފެށިގެން ތިންވަނަ މިނެޓުގައި އެ ޓީމުން ލީޑުނެގުމާއި ގާތަށް ޖެހިލިއެވެ. ޕެނަލްޓީއޭރިޔާގެ މެދުތެރޭގައި ހުރެ ކައި ހަވާޓްޒް ފޮނުވާލި ބޯޅަ ސާބިއާގެ ގޯލްކީޕަރު ޑިމިޓްރޮވިޗް މަތަކުރިއެވެ.

ޖަރުމަނަށް ލިބުނު ފުރުޞަތުގެ ބޭނުންނުހިފުމުގެ ނަތީޖާއަކަށްވީ، ސާބިއާ އިން ލީޑުނެގުމެވެ. މެޗުގެ 9 ވަނަ މިނެޓުގައި، މި ލަނޑު އެ ޓީމަށް ޖަހައިދިނީ މިހާރު ގިނަ ބައެއްގެ ކަޅި އަމާޒުވެފައިވާ ޒުވާން ފޯވާޑް ލޫކާ ޔޮވިޗް އެވެ. މިއީ އެ ޓީމުގެ ނެމެންޔާ މެކްސިމޮވިޗް ނަގައިދިން ކޯނަރަކުން ލިބުނު ބޯޅައެއް ޔޮވިޗް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އެގޮތުން، ޖަރުމަންގެ ޓިމޯ ވާނާ އަށް ލަނޑުޖެހުމަށް ރަނގަޅު ތިން ފުރުޞަތެއްލިބި ބޭކާރުވިއިރު ހަވާޓްޒް އާއި ލެރޯއީ ސާނޭ އަށް ލިބުނު ފުރުޞަތުތަކުގެވެސް ބޭނުންހިފޭގޮތެއްނުވިއެވެ. ވާނާ ފޮނުވާލި ތިން ހަމަލާގެ ތެރެއިން ދެ ހަމަލާއެއް ސާބިއާގެ ކީޕަރު ޑިމިޓްރޮވިޗް މަތަކުރިއިރު އަނެއް ހަމަލާ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. އޭގެފަހުން، ފުރަތަމަ ހާފު ނިމެންދަނިކޮށް ސާބިއާގެ ލީޑް ފުޅާކުރުމަށް ސާގޭ މިލިންކޮވިޗް-ސަވިޗް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ. މި ހާފު ނިމުނީ 1-0 އިން ސާބިއާ ކުރީގައިއޮވެގެންނެވެ.

ސާބިއާގެ ގޯލަށް އަމާޒުކޮށް ޖަރުމަންގެ ލެއޮން ގޮރެޓްޒްކާ ހަމަލާއެއް ފޮނުވާލަނީ. –ފޮޓޯ: އޭޕީ

ދެވަނަ ހާފަށް ޖަރުމަނުން ނިކުތީ ދެ ބަދަލާއެކުގައެވެ. އެގޮތުން، އެ ޓީމުގެ ކޯޗު ޔޯކިމް ލޯ ވަނީ ގޯލްކީޕަރު މެނުއެލް ނޯޔާ އާއި ހަވާޓްޒް ގެ ބަދަލުގައި މާކް އަންދްރޭ ޓަ ސްޓެގަން އާއި މާކޯ ރޮއިސް ކުޅެން ނެރެފައެވެ. މި ހާފުގައި ޖަރުމަނަށް ނަތީޖާ ހަމަހަމަކުރުމަށް ރޮއިސްގެ އިތުރުން ސާނޭ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ. މި ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ސާބިއާގެ ކީޕަރު ޑިމިޓްރޮވިޗެވެ. އޭގެފަހުން، ޖަރުމަންގެ އިލްކާއި ގުންޑޮގަން ފޮނުވާލި ހަމަލާއެއް ސާބިއާގެ ކުޅުންތެރިން ވަނީ ގޯލްގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.

ޖަރުމަނަށް މި މެޗުގައި އެއްވަރުކޮށްދިނީ، 69 ވަނަ މިނެޓުގައި ލެއޮން ގޮރެޓްޒްކާ އެވެ. މިއީ އެ ޓީމުގެ ރޮއިސް ދިން ޕާހަކުން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ. އޭގެފަހުން، ސާނޭ އާއި ރޮއިސްގެ އިތުރުން ގޮރެޓްޒްކާ އަދި ވާނާ އަށް ވަނީ ޖަރުމަނަށް ލީޑް ނަގައިދިނުމަށް ރަނގަޅު ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ.

މި މެޗުގެ އިތުރުވަގުތުގައި ޖަރުމަންގެ ސާނޭ އަށް ސާބިއާގެ މިލާން ޕަވްކޯވް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާ އަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. ސާނޭ އަށް ލިބުނު އަނިޔާއާއި ގުޅިގެން ބަދަލުގައި ކުޅެން ނިކުތީ ނިކޯ ޝަލްޒް އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ބުރަށް ތައްޔާރުވުމުގެ ގޮތުން، ވޭލްސް ކުޅުނު އެކުވެރިކަމުގެ މެޗުގައި ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަތުން އެ ޓީމު މޮޅުވީ 1-0 އިންނެވެ. މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗުގެ އިތުރުވަގުތުގައި ޖަހައިދިނީ ލިވަޕޫލަށް ކުޅެމުން އަންނަ އުމުރުން 19 އަހަރުގެ ބެން ވުޑްބާން އެވެ.