Last Updated: April 25, 09:40
Thursday, April 25, 2024
ދުނިޔެ

ސްކޫލް ކުދިންތަކެއް ގޮވައިގެން ދިޔަ ބަހެއް ރޯކޮށްލައިފި!

އިޓަލީގެ މިލާނުގައި ސްކޫލް ކުދިންތަކެއް ގޮވައިގެންދިޔަ ބަހެއް ހައިޖެކްކޮށްފިއެވެ. 51 ކުދިން ގޮވައިގެން ދިޔަ މިބަސް ހައިޖެެކްކޮށްފައިވަނީ ސެނެގަލް ނަސްލުގެ ބަސް ޑްރައިވަރު އޮސޭނޯ ސައިއެވެ.

އޭނާ މިކަން ހިންގާފައިވަނީ ދަރިވަރުން ގޮވައިގެން ވައިލަޓި ޑި ކްރެމަ ސްކޫލުން ޖިމަށް ގެންދިޔަ މަގުމަތީގައި، ބަހުގައި ތިބި ދެކުދިންނަށް ލައިޓަރަކުން އަލިފާން ރޯކޮށްލާނެ ކަމުގެ ބިރު ދައްކައި ރަހީނުކޮށްގެންނެވެ. މީގެ އިތުރުން އޭނާވަނީ ބަހުގައި ތިބި އެންމެންގެ ގަޔަށް ޕެޓްރޯލް އަޅައި ރޯކޮށްލާނެ ކަމުގެ އިންޒާރުވެސް ތަކުރާރުކޮށް ދިނުމަށްފަހު އެންމެ ފަހުން ވަނީ ފުލުހުންގެ ރޯޑު ބްލޮކަކާއި އަރާހަމަވުމުން ބަހުގައި ކުދިން ތިއްބާ ރޯކޮށްލާފައެވެ.

އަލިފާންގަނޑު މާބޮޑަށް ނުފެތުރެނީސް ފުލުހުންވަނީ ބަހުގެ ބިއްލޫރިތައް ތަޅާލައި ހުރިހާ ފަސިންޖަރުންވެސް ސަލާމަތްކޮށްފައެވެ. މިހާދިސާގައި އެއްވެސް ފަރާތަކަށް ސީރިއަސް އަނިޔާއެއްނުވި ނަމަވެސް 12 ދަރިވަރުންގެ އިތުރުން ބަހުގެ ޑްރައިވަރު ވަނީ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދީފައެވެ.

މިހާދިސާއާއި ގުޅިގެން ބަހުގެ ޑްރައިވަަރު މިހާރު ހައްޔަރުކޮށްފައިވާއިރު ރިޕޯޓުތައް ބުނާގޮތުން އޭނާ މިހާދިސާ ހިންގީ ޔޫރަޕަށް ހިޖުރަކުރުމުގެ މަސައްކަތުގައި ކަނޑަށް މަރުވާ އެފްރިކަން އެމެރިކަން މީހުން ގިނަވުމުގެ ސަބަބުން ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާއެއްގެ ގޮތުގައެވެ. އޭނާގެ 3 އަންހެންކުދިން ކަނޑުމަށްޗަށް މަރުވެފައިވާކަމަށް އޭނާ ބުނިކަމަށް ބަހުން ދަތުރުކުރި ދަރިވަރަކު ބުނެފައިވެއެވެ.

މީގެ އިތުރުން އޭނާ އަކީ މީގެ ކުރިންވެސް ރާ ބޮއެގެން ދުއްވުމާއި، ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ރިކޯޑު އޮންނަ މީހެކެވެ. އެހެންނަމަވެސް އޭނާ ވަނީ އެއްވެސް މައްސަލައެއް ނެތި 15 އަހަރު ވަންދެން ބަސްކުންފުނީގައި މަސައްކަތްކޮށްފައިކަމަށް ސްކައި ޓީޖީ24 އާއި ހަވާލާދީ ދަސަންގައި ރިޕޯޓުކޮށްފައިވެއެވެ. ފުލުހުންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.