Last Updated: April 26, 23:00
Friday, April 26, 2024
ޚަބަރު

އިމިގްރޭޝަންގެ ކޯޓާ ސިސްޓަމް މެދުކަނޑާލައިފި

ބިދޭސީން އެތެރެކުރުމާ ބެހޭ ނިޒާމު ވަގުތީ ގޮތުން އިމިގްރޭޝަނުން މިއަދު މެދުކަނޑާލައިފިއެވެ.

އިމިގްރޭޝަނުން ބުނީ ކޯޓާ ސިސްޓަމް މެދުކަނޑާލަން ޖެހުނީ، ބިދޭސީންގެ ކަންކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކުރުމާ ގުޅިގެން ކުރަން ޖެހޭ ކަންކަން ކުރުމަށް ކަމަށެވެ. މިމަހުގެ 5-7 އަށް ކޯޓާ ސިސްޓަމް މެދުކަނޑާލުމަށް ހަމަޖެހިފައިވާކަން ކުރިން އިމިގްރޭޝަނުން އެންގި ނަމަވެސް، މިހާރު ޚިދުމަތް އަލުން ދޭނެ ދުވަހެއް އިމިގްރޭޝަނުން އިއުލާންކޮށްފައެއް ނުވެއެވެ.

ސަރުކާރުން ބިދޭސީން ރާއްޖެ އެތެރެވުމުގެ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބިދޭސީންގެ ކަންކަން ބަދަލުކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހުގައެވެ.

އެހެންކަމުން މިހާރު ކޯޓާ ހަމަޖައްސައިދިނުމާއި، ބިދޭސީންގެ އެމްޕްލޯއިމެންޓް އެޕްރޫވަލް ދިނުމާއި، ވިސާ ޑިޕޮސިޓް ފީ ބަލައިގަތުމާއި އަދި ރީފާންޑު ކުރުމުގެ މަސައްކަތުގެ އިތުރުން ބިދޭސީންގެ ކަންކަން ބެލެހެއްޓުމަށް ބޭނުންކުރާ އެކްސްޕެޓް އޮންލައިން ސިސްޓަމްގައި ރަޖިސްޓްރީ ކޮށްދިނުމުގެ މަސައްކަތް ވެސް ކޮށްދޭނީ އިކޮނޮމިކް މިނިސްޓްރީ އިންނެވެ.