Last Updated: March 29, 18:55
Friday, March 29, 2024
ދުނިޔެ

އިރާޤްގައި ފެރީއެއް އަޑިއަށް ގޮސް، 70 މީހުން މަރުވެއްޖެ

އިރާޤްގެ މޯސުލް ސިޓީގެ ޓައިގްރިސް ކޯރުގައި ފެރީއެއް އަޑިއަށް ގޮސް ހިންގި ހާދިސާގައި 70 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މޯސުލްގެ ސިވިލް ޑިފެންސް އޭޖެންސީގެ އިސްވެރިޔާ އާއި ހަވާލާދީ "ބީބީސީ" އިން ރިޕޯޓްކުރާ ގޮތުގައި ފެރީގައި ތިބި ގިނަ ފަސިންޖަރުންނަށް ފަތަން ނޭނގޭ ކަމަށެވެ. ރިޕޯޓްތައް ބުނާގޮތުން ފެރީ އަޑިއަށް ދިޔައިރު، އޭގައި 100 އަށްވުރެ ގިނަ މީހުން ތިއްބެވެ.

އެނގިފައިވާ ގޮތުގައިއެ ފެރީ އަކީ ކާޑިޝް ނިއު އިޔާ ފާހަގަކުރުމަށްޓަކައި ޓޫރިސްޓް ރަށަކަށް ދަތުރުކުރަމުންދިޔަ ފެރީ އެކެވެ.

މި ހާދިސާގެ ފުރިހަމަ ތަޙުޤީޤެއް ކުރުމަށް ބޮޑުވަޒީރު އަދިލް އަބްދުލް މަހްދީ ވަނީ އަމުރުކުރައްވައިފަ އެވެ.

ބޮޑުވަޒީރު މަހްދީ ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ މި ހާދިސާގެ ވާހަކަތައް ބައްލަވަމުން ގެންދަވަނީ ފުން ހިތާމައާއެކު ކަމަށާއި، ސަލާމަތުން ތިބި އެންމެން ހޯދައި، އަނިޔާވި ފަރާތްތަކަށް ފަރުވާދިނުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރުމަށް އަމުރުކުރައްވާފައިވާ ކަމަށެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މިހާތަނަށް ވަނީ ގިނަ ބަޔަކު ސަލާމަތްކޮށްފަ އެވެ.