Last Updated: April 20, 09:35
Saturday, April 20, 2024
ކުޅިވަރު

ސްކްރިނިއާރް ގެންދިއުމަށް ރެއާލުން ޝައުގުވެރިވޭ: އޭޖެންޓް

އިންޓަ މިލާނަށް ކުޅެމުން އަންނަ ސްލޮވޭކިއާގެ އުމުރުން 24 އަހަރުގެ މިލާން ސްކްރިނިއާރް ގެންދިއުމަށް ސްޕެއިނުގެ ރެއާލް މެޑްރިޑުން ޝައުގުވެރިވާކަމަށް އޭނާގެ އޭޖެންޓް ބުނެފިއެވެ.

ރެއާލްގެ ފްރާންސް ޑިފެންޑަރު ރަފައެލް ވަރާން އެ ޓީމު ދޫކޮށްލަން އުޅޭކަމުގެ އަޑުއަރާފައިވާއިރު މީޑިއާ ހަބަރުތައް ބުނާގޮތުން އޭނާ ނެތްތަން ފޫބައްދަން އެ ޓީމުން ގެނައުމަށް ޝައުގުވެރިވާ ކުޅުންތެރިންގެ ތެރޭގައި އިންޓަގެ ޑިފެންޑަރު ސްކްރިނިއާރް ހިމެނޭކަމަށްވެއެވެ.

ސްކްރިނިއާރްގެ އޭޖެންޓް މިތާޓް ހާލިސް ބުނިގޮތުގައި ރެއާލުން އެ ކުޅުންތެރިޔާ ބޭނުންކަމަށްވާނަމަ ކުރަން އޮތް ހަމައެކަނި ކަމަކީ އެކަމުގައި އިންޓަގެ ރުހުން ހޯދުންކަމަށެވެ.

"ރެއާލްގެ އިތުރުން ބާސެލޯނާ އިން ވެސް އޭނާ އަށް ޝައުގުވެރިވޭ،" އޭނާ ބުންޏެވެ.

"ކުރިއަށް އޮތް ސީޒަނަށް އޭނާ ގެންދެވޭނީ އެކަމުގައި އިންޓަގެ ރުހުން ހޯދާ ޓީމަކަށް،"

"ސްކްރިނިއާރް އަކީ ވަރަށް ޕްރޮފެޝަނަލް ވިސްނުމެއް ހުރި ކުޅުންތެރިއެއް. ރެއާލުން އޭނާ ގެންދަން ބޭނުންކަމަށްވާނަމަ އެއީ ކުރެވޭނެކަމެއް. މިހާރު މިއުޅޭ އޭޖެންޓުންނަކީ ކުޅުންތެރިން ދާން ބޭނުންވާ މަންޒިލަކަށް ފަސްނުޖެހި ގެންގޮސްދިނުމަށް މަސައްކަތްކުރާ ބައެއް." އޭނާ ބުންޏެވެ.

ސްކްރިނިއާރް އަކީ އިޓާލިއަން ސެރިއޭގައި ކުޅެމުން އަންނަ އެންމެ މޮޅު ޑިފެންޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއަކަށްވުމުން ކުޑަ އަގެއްގައި އޭނާ ގެންދިއުމަކީ މިހާރު ޓްރާންސްފާ ބާޒާރުގެ ހާލަތު އޮތް ގޮތުން ކުރެވޭނެކަމެއްނޫންކަމަށް ހާލިސް ބުންޏެވެ.

"2017 ވަނަ އަހަރުގައި އިންޓަ އިން ސްކްރިނިއާރް ގެނައީ ސަމްޕްޑޯރިއާ އަށް 28 މިލިއަން ޔޫރޯ ދީފައި. އޭގެ ހަ މަސް ފަހުން މެންޗެސްޓާ ސިޓީ އިން އޭނާ ގަތުމަށް 55 މިލިއަން ޔޫރޯގެ އަގެއް ހުށަހެޅި." ހާލިސް އިތުރަށް ބުންޏެވެ.

ސްކްރިނިއާރް ވަނީ މިހާތަނަށް އިންޓަ އަށް 70 އަށް ވުރެ ގިނަ މެޗު ކުޅެދީ ހަތަރު ލަނޑުޖަހައިދީފައެވެ. މީގެއިތުރުން، އޭނާ ވަނީ 2016 ވަނަ އަހަރުން ފެށިގެން ގައުމީ ޓީމަށް 23 މެޗު ހަމަކޮށްފައެވެ.