Last Updated: March 29, 17:30
Friday, March 29, 2024
ޚަބަރު

މަޖިލީހުގައި ތިބެންވީ މިލިއަނަރުން: ގާސިމް

ގާސިމް އިބްރާހިމް - ފޮޓޯ: އައްޑޫ ލައިވް

ރައްޔިތުންގެ މަޖިލީހުގައި ތިބެންވީ މިލިއަނަރުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ދަނގެތި ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މަޖިލީހަށް ކުރިމަތިލާން ޖެހެނީ ތަޖުރިބާ ހުރި، ގާބިލު، ތައުލީމީ އަދި ފުއްދުންތެރިކަން ހުރި މީހުން ކަމަށާއި އޭގެ ބަދަލުގައި އަމިއްލަ އަށް ކައިގެން ބޮއިގެން އުޅެވޭނެ ވަރު ނެތް މީހުން މަޖިލީހުގެ ގޮނޑިތަކަށް ކުރިމަތިލައިގެން ހޮވުމުން ދެން ވާނެ ގޮތަކާ މެދު ވިސްނާލަންޖެހޭ ކަމަށެވެ.

"މުއްސަނދިންނޭ މަހުޖަނުންނޭ މިލިއަނަރުންނޭ ކިޔައިގެން ވާހަކަ ދައްކާއިރު، މިލިއަނަރުން ތިބެންވީ އިނގޭތޯ އެ ތަންތަނުގައި. އޭރަކުން އެ ވިދާޅުވާ ރިޝްވަތު ނައިގެން ވިކިގެނެއް ނުދާނެ. ވިކޭ ގޮނޑިއަކަށް ނުވާނެ" ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވި ގޮތުގައި ތަސައްރަފު ނުފުދޭ އަދި ފުއްދުންތެރިކަމެއް ނެތް މީހާ މަޖިލީހަށް ދިޔުމަށްފަހު ރައްޔިތުންނަށްޓަކާ ކޮށްދޭނެ ކަމެއް ނޯންނާނެ ކަމަށާއި އޭނާ ބަލާނީ އަމިއްލަ ޖީބު ފުރާލުމަށް ކަމަށެވެ.

"އަމިއްލަ ޒިންމާއެއް ތިމާގެ ނެތް މީހާ ކޮން ކަމެއްތޯ ރައްޔިތުންގެ މަޖިލީހަށް ގޮސް، އެހެން ރައްޔިތުންނަށްޓަކާ ކޮށްދޭނީ؟ ނުހުންނާނެ ދެއްތޯ. އޭނާގެ އަމިއްލަ ޖީބު ފުރޭތޯ ބަލާނީ" ގާސިމް ވިދާޅުވިއެވެ.

އަދި ގައުމަށްޓަކާ ހިދުމަތް ކުރަން ކަންކަން ހަވާލުކުރަން ޖެހޭނީ ގިނަ ޒިންމާ އޮތް، ގިނަ މަސްއޫލިއްޔަތު އަދާކުރަންޖެހޭ، ގިނަ ކަންތައްތަކެއް ބަލަހައްޓަން ޖެހިފައި އޮތް މީހަކަށް ކަމަށާއި އުނދަގޫތަކާއި ދަތި ކަންކަމުގެ މިންވަރު އެނގޭނީ އެފަދަ މީހަކަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ. ނަމަވެސް މި ކަންކަން ނެތް މީހަކަށް މިނިވަންކަމަކީ ކޮބައިކަން ވެސް ނޭނގޭނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.