Last Updated: March 29, 14:00
Friday, March 29, 2024
ޚަބަރު

ހަ ގޮނޑި ހޯދޭނެ ޔަގީންކަން ނެތީ އެމްޑީޕީ އަށް: ގާސިމް

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ހަ ގޮނޑި ހޯދޭނެ ޔަގީންކަން ނެތީ އެމްޑީޕީ އަށް ކަމަށް ވިދާޅުވެ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަދު ރައްދު ދެއްވައިފިއެވެ.

ގާސިމް މިހެން ވިދާޅުވެފައިމިވަނީ ޖުމްހޫރީ ޕާޓީން ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއެކު ކޯލިޝަން ހަދައިގެން މަޖިލީހުގެ ރަނގަޅު ހަ ގޮނޑި ވެސް ނުނެގޭނެ ކަމަށް ބުނެ ނަޝީދު ރޭ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ދަނގެތި ދާއިރާ އަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކެމްޕޭން އިވެންޓެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އިންތިހާބުގައި ގޮތް ނިންމާނީ ރައްޔިތުން ކަމަށާއި ފަހަރުގައި ރައްޔިތުން ނިންމާ ގޮތަކުން ގޮނޑި އެއް ނުލިބި ވެސް ހިނގައިދާނެ ކަމަށެވެ.

"އެކަމަކު އަޅުގަނޑަށް ވަރަށް ޔަގީން ކުރެވޭ އެއްޗެއް ދަންނަވާފާނަން. ފުރިފައި ހުންނަ އެއްޗެއް ގުޑުގުޑެއް ނާޅާނެ. އެ ފާޑަށް އެ ވިދާޅުވަނީ، ޔަގީންކަން ނެތީ އެމްޑީޕީއަށް ހެން މަށަށް ހީވަނީ ހަ ގޮނޑި ހޯދާނެ" ގާސިމް ވިދާޅުވިއެވެ.

މީގެއިތުރުން ބާރުތައް ދެމިގެން އަންނަނީ ރައްޔިތުންގެ ފަރާތުން ކަމަށާއި އަދި ރައްޔިތުން ނިންމާ ނިންމުން ރުހުނަސް ނުރުހުނަސް ގަބޫލުކުރަންޖެހޭނެ ކަމަށްވެސް ގާސިމް މި ޖަލްސާގައި ވަނީ ވިދާޅުވިއެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ބައެއް ދާއިރާރަކަށް ޖުމްހޫރީ ޕާޓީން އިދިކޮޅު ޕީޕީއެމް އާއި ކޮންގްރެސް ޕާޓީއާ ގުޅިގެން ވާދަކުރުމަށް ނިންމާފައިވާއިރު ސަރުކާރު ކޯލިޝަނުގައި އޮވެ ޖުމްހޫރީ ޕާޓީން މިފަދަ ގޮތަކަށް އަމަލުކުރުމުން އެމްޑީޕީން އަންނަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

އަދި ޖުމްހޫރީ ޕާޓީގެ މި ނިންމުން ބަލައިނުގަންނަ ކަމަށް އެ ޕާޓީގެ ބައެއް އިސްވެރިން ވެސް އަންނަނީ ވިދާޅުވަމުންނެވެ.