Last Updated: March 29, 13:51
Friday, March 29, 2024
ދުނިޔެ

ބުރުންޑީގެ ރައީސްގެ ފޮޓޯއެއްގައި ކުރެހި ދަރިވަރުންތަކެއް ހައްޔަރުކޮށްފި

ބުރުންޑީގެ ރައީސް ޕިއޭ އެންކުރުންޒީޒާ - ފޮޓޯ: ސީއެންއެން

ބުރުންޑީގެ ސްކޫލް ފޮތްތަކެއްގައި ހުރި އެޤައުމުގެ ރައީސްގެ ފޮޓޯއެއްގައި ކުރެހި ތިން ދަރިވަރަކު ހައްޔަރުކޮށްފި އެވެ.

ހިއުމަން ރައިޓްސް ވޮޗް އާއި ހަވާލާދީ "ސީއެންއެން" އިން ރިޕޯޓްކުރާ ގޮތުގައި މިދިޔަ ހަފްތާގެ ތެރޭގައި ހައްޔަރުކުރި އެ ކުދިންނަކީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިން ކަމަށާއި، "ޤައުމުގެ ވެރިޔާ އަށް ހަޖޫޖެހިކަމުގެ" ދައުވާ އެކުދިންގެ މައްޗަށް ވަނީ އުފުލާފައެވެ. ދައުވާ ސާބިތުވެއްޖެނަމަ، އެކުދިންގެ މައްޗަށް ފަސް އަހަރުގެ ޖަލު ޙުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

ރައީސް ޕިއޭ އެންކުރުންޒީޒާގެ ފޮޓޯއެއްގައި ކުރެހިކަމުގެ ދައުވާގެ ޝަރީޢަތް ފެށެންދެން އެކުދިން ތިބީ ޖަލު ބަންދުގައި ކަމަށް ހިއުމަސް ރައިޓްސް ވޮޗްގެ ސެންޓްރަލް އެފްރީކާ ޑައިރެކްޓަރ ލުވިސް މަޖް ބުނެއެވެ.

ދައުވާ ކުރެވޭ އުމުރަށްވުރެ ހަނގުވުމުގެ ސަބަބުން އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ދޫކޮށްލާފައިވާއިރު، ސްކޫލް ދަރިވަރުންނާއެކު ހައްޔަރުކުރި އިތުރު ހަތަރު ކުދިންވެސް ވަނީ ދޫކޮށްލާފައެވެ.

މަޖް ބުނާ ގޮތުގައި ބުރުންޑީގެ ތަޢުލީމީ ނިޒާމުގައި ޓެކްސްޓްފޮތްތައް ބެހުމަކީ އާންމު ކަމެއް ކަމަށާއި، އެހެންކަމުން ރައީސްގެ ފޮޓޯގައި ކުރެހީ ކާކުކަން ހޯދުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

މިފަދަ މައްސަލަތަކުގައި މީގެ ކުރިންވެސް ބުރުންޑީގެ ސްކޫލް ދަރިވަރަންތައް ވަނީ ޖަލަށް ލާފައެވެ.

2016 ވަނަ އަހަރު އެންކުރުންޒީޒާ އަށް މަލާމާތްކުރި ކަމަށް ބުނެ ބުރުންޑީގެ ނޭޝަނަލް އިންޓެލިޖެންސް ސަރވިސް އިން ވަނީ ސެކަންޑްރީ ގްރޭޑްތަކުގައި ކިޔަވަމުންދިޔަ އަށް ދަރިވަރަކު ހައްޔަރުކޮށްފަ އެވެ. އަދި ހަމަ އެ އަހަރު ޓެކްސްޓްފޮތްތަކުގައި ހުރި ރައީސްގެ ފޮޓޯތަކުގައި ކުރެހުމާއި ގުޅިގެން އެތައް ސަތޭކަ ދަރިވަރުންތަކެއް ވަނީ އެކި ސްކޫލްތަކުން ވަކިކޮށްފަ އެވެ.

2005 ވަނަ އަހަރު ވެރިކަމަށް އިންތިޚާބުވެވަޑައިގަތް ރައީސް އެންކުރުންޒީޒާ ވަނީ 2015 ވަނަ އަހަރު ތިންވަނަ ދައުރަކަށް ހޮވިވަޑައިގެންފަ އެވެ. އެހެންނަމަވެސް އެމަނިކުފާނު ތިންވަނަ ދައުރަކަށް ކުރިމަތިލެއްވީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ މުޒާހަރާކޮށްފަ އެވެ.

އެހެންނަމަވެސް އޭނާ ފުރަތަމަ ދައުރަކަށް އިންތިޚާބުކުރީ މަޖިލީހުން ކަމަށާއި، ރައްޔިތުންގެ ވޯޓުން ނޫން ކަމަށް ބުނެ ބުރުންޑީގެ ކޯޓުން ވަނީ ތިންވަނަ ދައުރަށް ކުރިމަތިލެއްވުމަށް އެންކުރުންޒީޒާގެ ޝަރުތު ފުރިހަމަވާ ކަމަށް ޙުކުމްކޮށްފަ އެވެ.

2015 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި އެތައް ބައެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.