Last Updated: April 25, 06:02
Thursday, April 25, 2024
ދުނިޔެ

ގާނާގައި ހިނގި ބަސް އެކްސިޑެންޓެއްގައި 50 މީހުން މަރުވެއްޖެ

އުތުރު ގާނާގައި ދެ ކޮމާޝަލް ބަސް ޖެހި ހިނގި ހާދިސާގައި ބަސްތައް ގޮވައި، މަދުވެގެން 50 މީހުން މަރުވެއްޖެ ކަމަށް ފުލުހުން ބުނެފި އެވެ.

ގާނާގެ ފުލުހުންގެ ތަރުޖަމާނު ޑޭވިޑް އެކްލޫ އާއި ހަވާލާދީ "ސީއެންއެން" އިން ރިޕޯޓްކުރާ ގޮތުގައި އެ ހާދިސާ ހިނގާފައި ވަނީ ގާނާ ގަޑިން މެންދަމު 01:30 ހާއިރު ކަމަށާއި، ބަސްތައް ޖެހުމާއެކު ގޮވާފައިވާ ކަމަށެވެ.

މަރުވި މީހުންގެ އަދަދު ބުނަން އަދި މާ އަވަސް ކަމަށާއި، ނަމަވެސް 50 މީހުން މަރުވެފައިވާކަން ކަށަވަރުވެފައިވާ ކަމަށާއި، ދެ ބަހުގައިވެސް ގާތްގަނޑަކަށް 100 މީހުން ތިބި ކަމަށާއި، ބައެއް މީހުން މަރުވެފައި ވަނީ އެނދުމުގެ ސަބަބުން ކަމަށްވެސް އޭނާ ބުނެއެވެ.

މި ހާދިސާގައި 50 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށާއި، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް އެކްލޫ ބުނެއެވެ.

މަރުވި މީހުންގެ އާއިލާތަކަށް ޚަބަރުކޮށްފައިވާއިރު، މަރުވި ގިނަ މީހުންނަކީ ކޮން ބައެއްކަން އަދި ނޭނގެއެވެ.

އަނިޔާވި މީހުން ވަނީ ފަރުވާއަށް ޓެކިމޭން ހޯލީ ފެމިލީ ހޮސްޕިޓަލް އާއި ކިންޓެމްޕޯ ގަވަމަންޓް ހޮސްޕިޓަލަށް ފޮނުވައިފައެވެ.