Last Updated: April 24, 23:11
Wednesday, April 24, 2024
ދުނިޔެ

ހަތް އަހަރުގެ ކުއްޖަކު މަރާލި މައްސަލައެއްގައި 75 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

ސްކޫލުން ގެއަށް ދިޔަ މަގުމަތީގައި ހަތް އަހަރުގެ ކުޑަކުއްޖަކުގެ ގަޔަށް ވަޅި ހަރައި މަރާލިކަމުގެ ތުހުމަތުގައި ސްވިޓްޒަލޭންޑްގެ ފުލުހުން، އުމުރުން 75 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި އެވެ.

އެކުއްޖާގެ ނަން ހާމަކޮށްފައި ނުވާއިރު، ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެކުއްޖާ އަށް ހަމަލާދީފައި ވަނީ އުތުރު ބޭސެލް ސިޓީގައި މެންދުރުގެ ވަގުތެއްގައި އެކަނި މަގުމަތިން ހިނގާފައި ދަނިކޮށް ކަމަށެވެ.

ޒަޚަމްވެފައިވާ ހާލަތުގައި އޮއްވާ އެކުއްޖާ ފެނުނީ މަގުމަތިން ބައިސްކަލެއްގައި ދިޔަ އެކުއްޖާގެ ކްލާސް ޓީޗަރަށެވެ. ޓީޗަރު ވަނީ އެކުއްޖާ ފެނުމާއެކު އެމްބިއުލާންސަށް ގުޅާފައެވެ. ހޮސްޕިޓަލަށް ގެންގޮސް އިމާޖެންސީގައި ސާޖަރީއެއް ހެދިތާ މާގިނަ އިރެއް ނުވަނީސް އެކުއްޖާ ވަނީ މަރުވެފައެވެ.

އެ ހާދިސާއަށްފަހު އުމުރުން 75 އަހަރުގެ އަންހެނަކު ވަނީ އަމިއްލަ އަށް ފުލުހުންނާއި ހަވާލުވެފަ އެވެ. އޭނާ އެކުއްޖާ އަށް ހަމަލާދިން ކަމަށް އިއުތިރާފްވުމާއެކު، ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. ނަމަވެސް އޭނާ އެކުއްޖާ އަށް ހަމަލާދިން ސަބަބެއް ސާފެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.