Last Updated: April 26, 18:07
Friday, April 26, 2024
މުނިފޫހިފިލުވުން

މޯދީގެ ބައޯޕިކްގެ ޓްރެއިލާ ދައްކާލައިފި

ފިލްމްގައި މޯދީ ރޯލް އަދާކޮށްފައި ވަނީ ވިވޭކް އޮބެރޯއި -

އިންޑިއާގެ އާންމު އިންތިޚާބުތަކަށް މައްސަރަކަށްވުރެ ކުޑަތަންވެފައިވާ މި ދަނޑިވަޅުގައި، ބޮޑު ވަޒީރު ނަރޭންދްރަ މޯދީގެ ބައޯޕިކް "ޕީއެމް ނަރޭންދްރަ މޯދީ"ގެ ޓްރެއިލާ މިދިޔަ ބުދަ ދުވަހު ދައްކާލައިފި އެވެ.

އެ ޓްރެއިލާ އަށް މިހާތަނަށް 12 މިލިއަނަށްވުރެ ގިނަ ވިއުސް ޔޫޓިއުބްގައި ލިބިފައިވާއިރު، ޓްރެއިލަގެ ދިގުމިނަކީ ދެ މިނެޓާއި 35 ސިކުންތެވެ.

މި ފިލްމްގައި މޯދީގެ ރޯލް އަދާކޮށްފައި ވަނީ ވިވޭކް އޮބެރޯއި އެވެ. ވިވޭކް މޯދީ އާއި ވައްތަރުކުރުމަށްޓަކައި ޕްރޮސްތެޓިކްސް އާއި މޭކަޕްގެ ބޭނުން ވަނީ ވަރަށް ބޮޑަށް ކޮށްފަ އެވެ.

މީގެ އިތުރުން ރަތަން ޓާޓާގެ ރޯލް އަދާކުރަނީ ބޮމަން އިރާނީ ކަމުގައިވާއިރު، އަމިތު ޝާހްގެ ރޯލް އަދާކޮށްފައި ވަނީ މަނޯޖް ޖޯޝީ އެވެ. މި ޓްރެއިލާގައި އިންޑިއާގެ ޤައުމީ ދިދަ ވަރަށް ގިނައިން ފެނިގެންދެއެވެ. އަދި އާންމުކޮށް ބޮލީވުޑް ފިލްމްތަކުގައި އިންޑިއާ އަށް "ބާރަތު" ކިޔާއިރު، މި ފިލްމްގައި އިންޑިއާގެ ނަމަކަށް ބޮޑަށް ބޭނުންކޮށްފައި ވަނީ "ހިންދުސްތާން" އެވެ.

އޮމަންގް ކުމާރް ޑައިރެކްޓްކޮށްފައިވާ މި ފިލްމް ހިންދީ، ޓެމިލް އަދި ޓެލުގޫ ބަހުން ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ އޭޕްރީލް މަހުގެ 05 ވަނަ ދުވަހު އެވެ.