Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

މަހުޖަނުންނަށް ކޮރަޕްޝަން ހުއްޓުވޭނަމަ ފުލުސް އޮފީސްވެސް ހަވާލުކުރޭ: ޝަހީދު

ކޮރަޕްޝަން ހުއްޓުވުމަށް މަހުޖަނުން މަޖިލީހަށް އިންތިޚާބުކޮށް، ބާރުދޭން ވިސްނާނަމަ އެހިސާބުން އެކަން ނިންމާނުލައި، އެމީހުނާ ފުލުސް އޮފީސް ހަވާލުކޮށް މަސްތުވާތަކެތި ހުއްޓުވުމުގެ މަސައްކަތްވެސް ހަވާލުކުރުމަށް ޑރ. އަހުމަދު ޝަހީދު ގޮވާލައިފިއެވެ.

ކުރީގެ ޚާރިޖީ ވަޒީރުކަން އަދާކުރި، މިހާރުގެ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޓީ މެމްބަރެއް ކަމަށްވާ ޑރ. ޝަހީދަކީ ރާއްޖޭގެ ސިޔާސީ ދާއިރާއަށް ފަހަކަށް އައިސް ވަކިކޮޅެއް ނެގުމެއް ނެތި ފާޑުކިޔުއްވާ ބޭފުޅެކެވެ.

މިފަހަރު އޭނާގެ ފާޑުކިޔުންތައް ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމަށް އަމާޒުވެފައިވާއިރު އިއްޔެ ދަނގެތީގައި ގާސިމް ދެއްކެވި ވާހަކަފުޅަށް ޝަހީދު ވަނީ ރައްދު ދެއްވާފައެވެ. ގާސިމް ވަނީ ކޮރަޕްޝަން ހުއްޓުވުމަށް މަޖިލީހަށް އިންތިޚާބު ކުރަން ޖެހެނީ ފައިސާހުރި މިލިއަނަރުން ކަމަށް ވިދާޅުވެފައެވެ.

އޭގެ ހުއްޖަތަކަށް ގާސިމް ދެއްކެވީ، ލާރިއާއި ފައިސާ ހުރި މީހަކަށް ރިޝްވަތު ނުދެވޭނެ ކަމަށާއި ރިޝްވަތު ދެވޭނީ ފައިސާއެއް ނެތް ނިކަމެތިންނަށް ކަމަށް ވިދާޅުވެ ދެއްކި މިސާލެވެ.

ގިނަ ބަޔަކު ގާސިމްގެ މި މިސާލަށް ރައްދު ދެމުން ބުނެފައިވަނީ މުއްސަނދިން ބޭނުންވާނީ އަބަދުވެސް އިތުރަށް މުއްސަނދި ވުމަށް ކަމަށެވެ. އަދި މަޖިލީހަށް އިންތިޚާބުކުރާ މީހުންނަކީ ނަޒާހަތްތެރި މީހުންނަށް ހެދުމަށް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.