Last Updated: April 19, 22:45
Friday, April 19, 2024
ޚަބަރު

މާލޭގެ ފިހާރައެއް ފަޅާލައި ބައިލައްކައަށް ވުރެ ގިނަ ރުފިޔާ ވަގަށް ނަގައިފި

މާލެ ސިޓީ - ފޮޓޯ: ގޫގުލް

ގަލޮޅުގައި ހުންނަ ފިހާރައެއް ފަޅާލައި ބައި ލައްކައަށް ވުރެ ގިނަ ރުފިޔާ މިއަދު ހެނދުނު ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ އެމްއޭ ސާވިސަސް ކޮމްޕްލީޓް ޑައިވިން ސޮލިއުޝަން ފިހާރަ އިން ވައްކަންކޮށް، 2600 ޑޮލަރާއި 13،500ރ. ވަގަށް ނަގާފައިވާ ކަމަށެވެ. އެހެންކަމުން ފިހާރަ އަށް ވަގުން ވަދެ ވަގަށް ނެގި ފައިސާގެ އަދަދު 53،000ރ. އަށް ވުރެ ގިނަ ކަމަށެވެ.

މިފަދަ ހާދިސާއެއް މާލޭގައި މިއަދު ހެނދުނު ހިނގާފައިވާއިރު ރ. އުނގޫފާރުގައި 500،000ރ. އާ އެކު ވަގަށް ނެގި ތިޖޫރި އެ ރަށުގެ ފަޅު ގޯއްޗެއްގެ ތެރެއިން ފުލުހުން މިއަދު ވަނީ ހޯދާފައެވެ. ފުލުހުން ބުނީ ތިޖޫރި ފެނުނުއިރު އޭގައި ހުރިހާ ފައިސާއެއް ހުރި ކަމަށާއި މި ވައްކަމާ ގުޅިގެން 27 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން މިދިޔަ ބުދަ ދުވަހު މިފްކޯގެ ވޭނެއް މަގުމަތިން ހުއްޓުވައި، ދެ މިލިއަން ރުފިޔާ ވެސް ވަނީ ފޭރިގެންފަ އެވެ. އޭގެ ކުރިން، މި މަހުގެ 10 ވަނަ ދުވަހު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ކައިރިން ހެލްމެޓް އަޅައިގެން ތިބި ބަޔަކު ވަނީ ސައިކަލުތަކެއްގައި ގޮސް، ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އިންޑިއާގެ މީހެއްގެ އަތުން ވަނީ ފޭރިގެންފަ އެވެ.

މިދިޔަ ދެ މަހެއްހާ ދުވަހުގެ ތެރޭގައި ހުޅުމާލޭގައި ވެސް ފޭރުމުގެ ބޮޑެތި އަމަލުތަކެއް ވަނީ ހިންގައިފައިވާ އިރު މާލެ އާއި ރާއްޖޭގެ ބައެއް ރަށްރަށުގައި ވައްކަމާއި ފޭރުމުގެ މައްސަލަތައް މި ދުވަސްވަރު ވަނީ ގިނަވެފަ އެވެ.