Last Updated: March 28, 19:01
Thursday, March 28, 2024
ދުނިޔެ

ހައިޖެކްކުރި ސްކޫލް ބަސްގައި ތިބި ކުދިން ސަލާމަތްކޮށްދިން ދަރިވަރަށް އިޓަލީގެ ރައްޔިތުކަން ދެނީ

ރޯކޮށްލި ސްކޫލް ބަސް ކައިރީގައި އިޓަލީގެ ފުލުހުންނާއި ފަޔާފައިޓަރުން މަސައްކަތްކުރަނީ - ފޮޓޯ: ސީއެންއެން

އިޓަލީގެ މިލާންގައި 51 ސްކޫލް ކުދިން ގޮވައިގެންދިޔަ ބަހެއް ހައިޖެކްކޮށް ރޯކޮށްލި ހާދިސާގައި، ފިލައިގެން ހުރެ ކަމާބެހޭ ފަރާތްތަކަށް ގުޅައި އެކަމުގެ މަޢުލޫމާތު ފޯރުކޮށްދިން ދަރިވަރަކަށް ރައްޔިތުކަން ދިނުމަށް އިޓަލީ އިން ނިންމައިފި އެވެ.

އިޓަލީގެ އިންޓީރިއަރ މިނިސްޓްރީ އިން ބުނާ ގޮތުގައި އިޖިޕްޓް އަށް އުފަން އެކުއްޖާ އަށް ރައްޔިތުކަން ދިނުމުގެ ޕްރޮސެސް އަވަސްކޮށްދޭނެ ކަމަށާއި، އެކަމުގެ ހުރިހާ ޚަރަދެއްވެސް އެ މިނިސްޓްރީ އިން ބަލަހައްޓައިދޭނެ ކަމަށެވެ.

ކްރެމާގެ ސެކްރެޓަރީގެ މޭޔަރ ބުނާ ގޮތުގައި އެ ދަރިވަރު ވަނީ ހާދިސާ ހިނގި ވަގުތު، އަރަބި ބަހުން އަޅުކަންކުރާ ކަމަށް ހެދިގެން އޭނާގެ ބައްޕައަށް ގުޅައި ހާދިސާގެ މަޢުލޫމާތު ދީފައި ކަމަށެވެ. އެއަށްފަހު އެކުއްޖާގެ ބައްޕަ ވަނީ ފުލުހުންނަށް ގުޅައި، ބަސް ހައިޖެކްކޮށްފައިވާ ކަމުގެ މަޢުލޫމާތު ދީފައެވެ. އެ ބަހުގައި ތިބީ އުމުރުން 11 އަހަރާއި 13 އަހަރާއި ދެމެދުގެ ކުދިން ކަމުގައިވާއިރު، އެއްވެސް ދަރިވަރަކަށް އެ ހާދިސާގައި އަނިޔާވެފައި ނުވެއެވެ.

ފުލުހުން ވަނީ މަޢުލޫމާތު ލިބުމާއެކު އެ ސަރަޙައްދަށް ގޮސް، ބަހުގެ ފަހަތު ކުޑަދޮރުތައް ހަލާކުކޮށްލައިގެން ވަދެ ފަސިންޖަރުން ސަލާމަތްކޮށްފަ އެވެ.

ބަހުގައި ރޯކޮށްލާފައި ވަނީ ބަސް ދުއްވަން އިން ޑްރައިވަރު ކަމުގައިވާ ސެނެގާލް އަށް އުފަން އޮސޭނޯ ސައިއެވެ. ފުލުހުން ވަނީ އުމުރުން 47 އަހަރުގެ ސައި ހައްޔަރުކޮށް، ގަސްތުގައި މީހަކު މަރަން އުޅުނު ކަމަުގެ ދައުވާ އާއި، ރަހީނުކުރުމުގެ އިތުރުން އަލިފާންރޯކުރުމުގެ ދައުވާ އަދި ފުލުހުންގެ ބެލުމުގެ ދަށަށް އައުމަށް ދެކޮޅު ހެދުމުގެ ދައުވާ އުފުލާފައެވެ.

މި ހާދިސާގައި ބުއްދިވެރިކަމާއެކު މަސައްކަތްކޮށްފައި ވަނީ އުމުރުން 13 އަހަރުގެ ދަރިވަރެއް ކަމުގައިވާ ރެމީ ޝެހަތާ އެވެ. އިޓަލީގެ އިންޓީރިއަރ މިނިސްޓަރ މެޓިއޯ ސެލްވީނީގެ އޮފީހުން ވަނީ ރެމީ އަށް ރައްޔިތުކަން ދޭނެކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

އަދި އުންމީދު ކުރަނީ ބަސް ޑްރައިވަރުގެ ރައްޔިތުކަން ނިގުޅައިގަނެ، ރެމީ އަށް އިޓަލީގެ ރައްޔިތުކަން ދިނުން ކަމުގައިވެސް އެ މިނިސްޓްރީ އިން ބުނެއެވެ.