Last Updated: April 19, 22:45
Saturday, April 20, 2024
ޚަބަރު

"އުތުރު ދާއިރާ ކުރިއަރާނީ މުޅި އައްޑޫ އަށް ކުރިއެރުން ލިބިގެން"

ހިތަދޫ އުތުރު ދާއިރާ ކުރިއަރާނީ މުޅި އައްޑޫ ސިޓީ އަށް ކުރިއެރުން ލިބިގެން ކަމަށް އެ ދާއިރާ އަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ޓީވީއެމް އިން ގެނެސްދޭ "މަޖިލިސް ބަހުސް" ގައި މިއަދު ވާހަކަދައްކަމުން އެ ދާއިރާގެ މެމްބަރުކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ އަސްލަމް ވިދާޅުވީ މުޅި އައްޑޫ ކުރިއަށް ނުގޮސް ހިތަދޫ އުތުރު ދާއިރާ ކުރިއަށް ނުދާނެ ކަމަށާއި މުޅި އައްޑޫގެ ތަރައްގީއަށްޓަކާ މި ސަރުކާރުން ވަރުގަދަ ތަސައްވުރެއް އެކުލަވާލާފައިވާ ކަމަށެވެ.

"މި ތަސައްވުރުގެ ތެރެއިން ވަކިވަކި ޕްރޮޖެކްޓުތަކެއް އެކުލަވާލެވި، އެ ޕްރޮޖެކްޓުތަކަށް ސަރުކާރުން މިހާރު އެ ގެންދަވަނީ ފައިނޭންސް ހޯދުމުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދަމުން. އަޅުގަނޑުގެ މައުލޫމާތުގައި 400 މިލިއަން ޑޮލަރުގެ މަސައްކަތް ހަމައެކަނި މިހާރު އެކުލަވާލެވިފައިވާ ޕްރޮޖެކްޓުތަކުން ވެސް އައްޑޫގައި ހިނގަމުން ދާނެ" އަސްލަމް ވިދާޅުވިއެވެ.

މި ފަސް އަހަރުތެރޭ އައްޑޫގައި 70 ކިލޯ މީޓަރުގެ މަގެއް ހެދުމަށް ހަމަޖެހިފައިވާ ކަމަށާއި 2000 މީހުންގެ ޖާގައިގެ ބޮޑު އިސްލާމީ މަރުކަޒަކާއި ހިތަދޫ އުތުރު ދާއިރާއެކޭ އެއްގޮތަށް އައްޑޫގެ އެހެން ދާއިރާތަކުގެ ބިމުގެ މައްސަލައަށް ހައްލު ހޯދުމަށް 158 ހެކްޓަރުގެ ބިން ހިއްކިގެންދާނެ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.

"ބޯހިޔާވަހިކަމުގައި އެވަނީ 2000 ފްލެޓު އެޅުމަށް ނިންމާފައި. މިހެންގޮސް ކިޔާނެ ކަމެއް ނެތް. އައިސް ޕްލާންޓުން ފެށިގެން ބަނދަރުތަކުން ފެށިގެން ހިތަދޫ ޕޯޓުން ފެށިގެން އަދި އައްޑޫގެ އެއާޕޯޓު ނިމިގެން މެނުވީ އިގްތިސާދީ ކުރިއެރުމެއް އައްޑޫ އަށް ލިބިގެނެއް ނުދާނެ" އަސްލަމް ވިދާޅުވިއެވެ.

އަންނަ މަހުގެ ހަވަނަ ދުވަހު ބާއްވާ އިންތިހާބުގައި އަސްލަމްއާ ވާދަކުރައްވަނީ ކޮންގްރެސް ޕާޓީގެ ފަރާތުން މުހައްމަދު ޖިނާން އާއި އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު މުހައްމަދު (ފަޒާ އަހުމަދު) އާއި އަމިއްލަ ގޮތުން ވާދަކުރައްވާ އަލީ އިބްރާހިމްގެ އިތުރުން އަމިއްލަ ގޮތުން ވާދަކުރައްވާ އަހުމަދު ސައީދުއެވެ.