އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފް ލީޑް ރޯލް ކުޅެ 2007 ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބް ފިލްމް "ނަމަސްތޭ ލަންޑަން" ގެ ސީކްއެލް "ނަމަސްތޭ ލަންޑަން 2" ގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެ އެވެ.
މިކަން ކަަށަވަރުކޮށް ދެމުން ފިލްމްގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ވިޕުލް ޝާހު ބުނީ "ނަމަސްތޭ ލަންޑަން 2" ގެ ސްކްރީންޕްލޭގެ މަސައްކަތް ކުރީގެ ފިލްމް ސްކްރީންޕްލޭ ވެސް ތައްޔާރު ކުރި ސުރޭޝް ނައިރް އާއި ރިތޭޝް ޝާހް ކުރަމުން އަންނަ ކަމަށެވެ.
އަދި ކުރީ ފިލްމާ ހިލާފަށް އާ ފިލްމްގައި ދެ ބަތަލާއިން ހިމެނެ އެވެ. އަދި ފިލްމްގެ ލީޑް ރޯލް ކުޅެނީ އަކްޝޭ ކުމާރެވެ. އެހެން ނަމަވެސް ފިލްމްގެ ދެ ބަަތަލާއިންނަކީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.
ވިޕުލް ބުނީ "ނަމަސްތޭ ލަންޑަން 2" އަކީ ކުރީ ފިލްމްގެ ކޮންޓިނިއޭޝަންއެއް ކަމަށެވެ. އަދި ފިލްމުގެ ބޮޑު ބައި ޝޫޓް ކުރާނީ ލަންޑަނާއި މުމްބާއީ އަދި ޕަންޖާބްގަ އެވެ.
އެހެން ނަމަވެސް އާ ފިލްމްގެ ލޮކޭޝަނަށް އިތުރު ދެ ގައުމެެއް ވެސް ވަނީ އިތުރުކޮށްފަ އެވެ. އެއީ ޖަރުމަނާއި ސްވިޒްލޭންޑެވެ.