Last Updated: July 15, 14:06
Wednesday, July 15, 2026
ޚަބަރު

ނަޝީދަށް ފެންނަ ހުވަފެން ބިލާހަކަށް ހަދާނަން: ގާސިމް

ގާސިމް އިބްރާހިމް - ފޮޓޯ: އައްޑޫ ލައިވް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފެނިވަޑައިގަންނަވާ ހުވަފެން ބިލާހަކަށް ހައްދަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އދ.މާމިނގިލީ ގައި މިރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީ އަށް ކޯލިޝަނުގެ ތެރެއިން 22 ގޮނޑި ދެއްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބޭނުންފުޅުވިކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ ފުރުސަތު ނަގާލެއްވީ ކާކުކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

އެކަން އެގޮތަށް ވީ ނަމަވެސް ޖުމްހޫރީ ޕާޓީ އޮތީ ވަރަށް ސާބިތުކަމާއެކު މި ސަރުކާރު ދެމެހެއްޓުމަށް ކަމަށާއި އަދި ގާނޫނު އަސާސީގައިވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ވެރިކަން ދަމަހައްޓައި ނަގަހައްޓަން އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރައީސް ނަޝީދަށް ފެނިވަޑައިގަންނަވާ ހުވަފެން އެއީ ބިލާހަކަށް ހަދާނަން އިރާދަކުރެއްވިއްޔާ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަންތައްތަށް އެމަނިކުފާނަކަށް އެގޮތަކަށް ހާސިލެއް ނުކުރެވޭނެ" ގާސިމް ވިދާޅުވިއެވެ.

އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިރޭގެ ޖަލްސާގައި ގާސިމް ދެއްވާފައިނުވާއިރު، ބޮޑަށް ބެލެވޭ ގޮތުގައި ގާސިމް އެ އިޝާރާތް ކުރައްވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ނަޝީދު ގެންގުޅުއްވާ ވިސްނުންފުޅަށެވެ.

ރާއްޖެ އަށް ސިޔާސީ ހަމަޖެހުން ލިބިގެންދާނީ ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކަމަށް ނަޝީދު މީގެކުރިން ވިދާޅުވެފައިވާއިރު، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގެ ބޮޑު މެޖޯރިޓީ އެއް އެމްޑީޕީ އަށް ލިބިއްޖެނަމަ ގާނޫނުތަކަށް ބަދަލުގެނެސް ވެރިކަމުގެ ނިޒާމު ބަރުލަމާނީ އަށް ބަދަލުކުރުމަށް މަސައްކަތް ކުރާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.