Last Updated: July 1, 09:43
Wednesday, July 1, 2026
ސިޔާސީ

ރައީސް ވަހީދު މާދަމާ އައްޑު އަށް

އެއާޕޯޓް ބިންހިއްކުމަށް ގެނައި ޑްރެޖަރު ފޭދޫގައި:. ފޮޓޯ/ އައްޑޫ ލައިވް

ގަމުގެ ވައިގެ ބަނދަރުގެ ރަންވޭ ދިގުކޮށް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާހު ކުރެއްވުމަށް މާދަމާ ރައީސް ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކު އައްޑު އަށް ވަޑައިގަންނަވާނެ ކަމަށް އައްޑޫ އިންޓަނޭޝަން އެއާޕޯޓް (އޭއައިއޭ) އިން ބުނެފި އެވެ.

އޭއައިއޭގެ މެނެޖިން ޑިރެކްޓަރު ޝާހިދް އަލީ (ޝާޑް) ވިދާޅުވީ ރައީސް މާދަމާ ގަމުގެ ވައިގެ ބަނދަރުގެ ރަންވޭ ދިގު ކުރުމަށް ބިން ހިއްކުމުގެ މަޝްރޫއު ފަށްޓަވައި ދެއްވުމަށް ހަމަޖެހިފައި ވަނީ ހަވީރު 3:45 ގައި އެއާޕޯޓްގައި ބާއްވާ ހާއްސަ ރަސްމިއްޔާތުގައި ކަމަށެވެ.

aia

"އައްޑޫ ލައިވް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މާދަމާ ރައީސް ވަހީދު ވަޑައިގެން އެެއާޕޯޓް މަޝްރޫއު އިފްތިތާހު ކުރެއްވުމަށް ފަހު ވަގުތުން ފުރާ ވަޑައިގަންނަވާނެ އެވެ. އަދި އެހެން ދަތުރުފުޅެއްގައި މި މަހުގެ 13 ވަނަ ދުވަހު އަނެއްކާ ވެސް އައްޑު އަށް ވަޑައިގަންނަވާނެ އެވެ.

ގަމުގެ އެއާޕޯޓް މަޝްރޫއުއަށް ބިން ހިއްކުމަށް ގެނެސްފައިވާ ޑްރެޖަރު ފޭދޫ ބަނދަރުން ގަމަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރަމުން އެބަގެންދެއެވެ. ބިންހިއްކުމަށް ޑްރެޖަރު ގަމާއި ފޭދޫ އާއި ދޭތެރެއަށް ނުވެއްދި ގިނަ ދުވަސްތަކެއް ވެފައިވާ އިރު ޑްރެޖަރު އެ ސަރަހައްދަށް ވެއްދޭނީ އެތަނުގެ ފަރު ގޮއްވައިގެން ކަމަށް ކުރިން ވަނީ ބުނެފަ އެވެ.

ޝާޑް ވިދާޅުވީ މާދަމާ ޑްރެޖަރު އެ ސަރަހައްދަށް ވައްދާނީ ވިލިނގިލިއާއި ގާމާއި ދޭތެރެއިން ޗެނެލްއެއް ކޮނެގެން ކަމަށެވެ. އަދި އެންވައިރަމެންޓަލް ޕޮރޮޓެކްޝަން އެޖެންސީގެ ހުއްދަ އާއި އެކު އެތަނުން ޑްރެެޖަރު ވަދެވޭ ވަރުގެ ކުޑަ ޗެނެލެއް ކޮނެގެން ބޯޓު ސީ ޕްލޭން ޖެއްސެމަށް ހާއްސަކުރާ ސަރަހައްދަށް ގެންނާނީ ކަމަށެވެ.

ޝާޑް ވިދާޅުވީ މި ސަރައްދަކީ ތިމާވެއްޓަށް އެންމެ ކުޑަކޮށް އަސަރު ކުރާނެ ތަންކަމަށް އީޕީއޭއިން ވެސް ވިދާޅުވެފައިވާ ކަމަށެވެ.