Last Updated: April 26, 22:31
Friday, April 26, 2024
ކުޅިވަރު

ފްރާންސާއި އިންގްލެންޑުން ބޮޑު މޮޅެއް ހޯދިއިރު ޕޯޗުގަލް އެއްވަރުވެއްޖެ

ފްރާންސްގެ ކުޅުންތެރިން ލަނޑުޖެހުމަށްފަހު އުފާ ފާޅުކުރަނީ. --ފޮޓޯ: ގެޓީ އިމޭޖަސް

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ ކުޅުނު މެޗުތަކުން ފްރާންސާއި އިންގްލެންޑުން ބޮޑު ތަފާތަކުން މޮޅުވިއިރު އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަން ޕޯޗުގަލް އެއްވަރުވެއްޖެއެވެ.

ފްރާންސްގެ ދަނޑުގައި އައިސްލޭންޑްއާ ދެކޮޅަށް ކުޅުނު މެޗުން 4-0 އިން މޮޅުވިއިރު އިންގްލެންޑް ވަނީ ރަށުން ބޭރުގައި 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮންޓެނީގްރޯ ބަލިކޮށްފައެވެ. ޕޯޗުގަލްއާ ސާބިއާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

އެންމެފަހުގެ ވޯލްޑްކަޕްގެ ތަށި އުފުލާލި ފްރާންސުން ރޭގެ މެޗަށް ނިކުތްއިރު އެ ޓީމު އެންމެފަހުން މޮލްޑޯވާއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް އެއްވެސް ބަދަލެއް ގެނެސްފައެއްނުވެއެވެ.

ޕެރިހުގެ ސްޓެޑް ޑެ ފްރާންސްގައި ރޭ ކުޅުނު މި މެޗުގައި ފްރާންސުން ކާމިޔާބުކުރި ފުރަތަމަ ލަނޑު، 12 ވަނަ މިނެޓުގައި ޖަހައިދިނީ ބާސެލޯނާގެ ޑިފެންޑަރު ސެމުއެލް އުމްޓީޓީ އެވެ. މިއީ އަނިޔާއަށްފަހު ގައުމީ ޓީމަށް އެނބުރިއައިސް އޭނާ ވިދިވިދިގެން ކުޅުނު ދެވަނަ މެޗެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ފްރާންސް ކުރީގައިއޮވެގެންނެވެ.

ފްރާންސްގެ ކިލިއަން އެމްބާޕޭ އަތުން ބޯޅަ ހޯދަން އައިސްލޭންޑްގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ. –ފޮޓޯ: ގެޓީ އިމޭޖަސް

ފްރާންސްގެ ދެވަނަ ލަނޑު، މެޗުގެ 68 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޖިރޫ އެވެ. މި ގޯލާއެކު އޭނާ ވަނީ ފްރާންސްގެ ގައުމީ ޓީމަށް 35 ލަނޑުހަމަކޮށް، އެންމެގިނަ ލަނޑުޖެހި ކުޅުންތެރިންގެ ލިސްޓުގެ ތިންވަނަ އަށް ޖެހިލައިފައެވެ.

އޭގެ ދިހަ މިނެޓުފަހުން، ޕީއެސްޖީގެ އިތުބާރު ފޯވާޑް އެމްބާޕޭ ވަނީ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ. މި މެޗާއެކު އެމްބާޕޭ ވަނީ ގައުމީ ޓީމަށް 30 މެޗު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހަދާފައެވެ. މި މެޗުގައި ކުޅުނުއިރު އެމްބާޕޭގެ އުމުރަކީ 20 އަހަރާއި 95 ދުވަހެވެ.

ފްރާންސްގެ ފަހު ލަނޑު، މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ އެންޓޮއިން ގްރީޒްމަން އެވެ. މިއީ އެ ޓީމުގެ ޒުވާން ފޯވާޑް އެމްބާޕޭ ދިން ވަރަށް ރީތި ބެކްހީލް ޕާހަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މޮންޓެނީގްރޯއާ ދެކޮޅަށް އިންގްލެންޑް ކުޅުނު މެޗުގެ ތެރެއިން. –ފޮޓޯ: ގެޓީ އިމޭޖަސް

މޮންޓެނީގްރޯގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިންގްލެންޑުން ދެލަނޑު ކާމިޔާބުކުރިއިރު އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އެވަޓަންގެ ޑިފެންޑަރު މައިކަލް ކީން އާއި ޗެލްސީގެ މިޑްފީލްޑަރު ރޮސް ބާކްލޭ އެވެ. މި މެޗުގެ ދެވަނަ ހާފުގައި އިންގްލެންޑުން ތިން ލަނޑުޖެހިއިރު ބާކްލޭގެ އިތުރުން އަނެއް ދެލަނޑުޖަހައިދިނީ ހެރީ ކޭން އާއި ރަހީމް ސްޓާލިން އެވެ.

ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު އެންމެ ފޯރިގަދަ މެޗުގައި ސާބިއާ އިން ވަނީ ޕޯޗުގަލް މޮޅުވިޔަނުދީ ހިފަހައްޓާފައެވެ. މިއީ ޕޯޗުގަލް އެންމެފަހުން ކުޅުނު ދެ މެޗުގެ ތެރެއިން އެއްވަރުވި ދެވަނަ މެޗެވެ. ރޭގެ މެޗުގައި ކުރީން ލީޑްނެގީ ސާބިއާ އިންނެވެ. މެޗުގެ ކުރީކޮޅު ލިބުނު ޕެނަލްޓީއަކުން މިލަނޑު އެ ޓީމަށް ޖަހައިދިނީ ޑޫސާން ޓަޑިޗް އެވެ. ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޕޯޗުގަލް އަށް އެއްވަރުކޮށްދިނީ ޑަނީލޯ ޕެރޭރާއެވެ. މި މެޗުގައި ޕޯޗުގަލް އަށް ލިބުނު އެންމެބޮޑު ހިތާމައަކީ ފުރަތަމަ ހާފުގެ 30 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް އަނިޔާވެގެން ބަދަލުކުރަންޖެހުމެވެ.

ޔޫރޯ ކޮލިފައިންގައި ރޭ ކުޅެވުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މޮލްޑޯވާ އަތުން 4-0 އިން ތުރުކީ މޮޅުވިއިރު ޔޫކްރެއިން ވަނީ 2-1 އިން ލަގްޒެމްބޯގް ބަލިކޮށްފައެވެ.