Last Updated: April 25, 22:42
Friday, April 26, 2024
މުނިފޫހިފިލުވުން

އެނގޭތަ؟ "އެވެންޖާޒް: އެންޑްގޭމް" ތިން ގަޑިއިރަށްވުރެ ދިގުވާނެ!

އެވެންޖާޒް: އެންޑްގޭމްގެ ޕޯސްޓަރެއް. --ފޮޓޯ: އައިއެމްޑީބީ

އަންނަ މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މާވެލް ސްޓޫޑިއޯގެ އެންމެފަހުގެ ފިލްމު "އެވެންޖާޒް: އެންޑްގޭމް" ގެ ދިގުމިން 3 ގަޑިއިރަށްވުރެ ދިގުވާނެކަމަށް އޭއެމްސީ އިން ހާމަކޮށްފިއެވެ.

އޭއެމްސީގެ މީޑިއާ ރިޕޯޓްތަކާއި ހަވާލާދީ މަޝްހޫރު ވެބްސައިޓެއްކަމަށްވާ ފޭންޑޭންގޯ އިން ކަށަވަރުކޮށްދިން ގޮތުގައި "އެވެންޖާޒް: އެންޑްގޭމް" ގެ ދިގުމިނަކީ 182 މިނެޓެވެ.

މިއީ މާވެލް ސިނަމެޓިކް ޔުނިވާސްގެ ފިލްމެއްގެ ދިގުމިން ދެގަޑިއިރާއި ތިރީސް މިނެޓަށްވުރެ އިތުރުވި ފުރަތަމަ ފަހަރަށްވާއިރު އެންމެފަހުން ނެރުނު މާވެލްގެ ފިލްމު "އެވެންޖާޒް: އިންފިނިޓީ ވޯ" ގެ ދިގުމިނަކީ 149 މިނެޓެވެ.

މިއީ ފަހަކަށް އައިސް ނެރޭ އެންމެ ދިގު ފިލްމަށްވާއިރު މީގެކުރީން ހޮލީވުޑްގައި ނެރުނު މަޝްހޫރު ފިލްމުތަކާއި އަޅާކިޔާއިރު؛ ލޯޑް އޮފް ދަ ރިންގްސް: ދަ ޓޫ ޓަވާސް އަށް ވުރެ މި ފިލްމުގެ ދިގުމިން ތިން މިނެޓުއިތުރުވާއިރު އެންމެ މަޝްހޫރު އެއް ފިލްމުކަމަށްވާ ޓައިޓޭނިކަށްވުރެ "އެވެންޖާޒް: އެންޑްގޭމް" 12 މިނެޓު ކުރުވާނެއެވެ. އަދި މީގެކުރީން ނިކުތް އެހެން ފިލްމުތައްކަމުގައިވާ އެމެރިކަން ހަނީ އާއި ޑޯގްވިލް އަދި ބެންޖަމިން ބަޓަން އަށް ވުރެ ވެސް މި ފިލްމު ދިގުވާނެއެވެ.

"އެވެންޖާޒް: އެންޑްގޭމް" ފިލްމުގެ ދިގުމިނާއި ބެހޭގޮތުން މާވެލް ސްޓޫޑިއޯސްގެ ފަރާތުން ޗީފް ކެވިން ފެއިޖް ބުނީ މިއީ މި ފިލްމަށް އެކަށީގެންވާ ދިގުމިންކަމަށާއި އެކަމުގެ ސަބަބުން ފިލްމުގެ ވާހަކަ ގެނެސްދިނުމުގައި އެއްވެސް ކަހަލަ ދަތިކަމެއް ދިމާނުވާނެކަމަށެވެ. އޭނާ އިތުރަށް ބުނިގޮތުގައި، މި ފިލްމުގައި ގިނަ އަދަދެއްގެ ސުޕަހީރޯތަކެއް ފެނިގެންދާތީވެ ވާހަކަވެސް ދިގުވާންޖެހޭނެކަމަށާއި އެކަމުގެ ސަބަބުން މި ފިލްމަށް އިތުރު ފުރިހަމަކަމެއްލިބި ބެލުންތެރިންވެސް ބަލާހިތްވާނެކަމަށެވެ.

މި ފިލްމުގައި ފެނިގެންދާ މާވެލް ސިނަމެޓިކް ޔުނިވާސްގެ ސުޕަހީރޯތަކުގެ ތެރޭގައި؛ ކެޕްޓަން އެމެރިކާ، އަޔަން މޭން، ތޯރް، ހަލްކު، ސްޕައިޑާ މޭން އާއި ރޮކެޓް ރެކޫންގެ އިތުރުން ކެޕްޓަން މާވެލް އަދި ތޭނޯސް އާއި އޭންޓްމޭން ފާހަގަކޮށްލެވެއެވެ. މީގެއިތުރުން، މި ފިލްމުގައި ފެނިގެންދާ ތަރިންގެ ތެރޭގައި ކްރިސް އިވާންސް، ރޮބަޓް ޑައުނީ ޖޫނިއާ، ކްރިސް ހެމްސްވޯތު އާއި ސްކާލެޓް ޖޮހަންސަން އަދި ބްރީ ލާޒަންގެ އިތުރުން ޖޯޝް ބްރޯލިން ހިމެނެއެވެ.

"އެވެންޖާޒް: އެންޑްގޭމް" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް އޭޕްރީލް މަހުގެ 26 ވަނަ ދުވަހުގައެވެ.