Last Updated: April 24, 19:12
Wednesday, April 24, 2024
ވިޔަފާރި

ޗައިނާއިން އެއާބަސްގެ 300 އެއާކްރާފްޓް ގަންނަނީ

ޗައިނާގެ ރައީސް، ފްރާންސްގެ ރައީސް އިމޭނުއެލް މެކްރޮން އާއެކު - ފޮޓޯ: ގެޓީ އިމޭޖެސް

އެތައް ބިލިއަން ޑޮލަރުގެ އަގުހުރި ޑީލެއްގެ ދަށުން ޗައިނާއިން އެއާބަސްގެ 300 އެއާކްރާފްޓް ގަތުމަށް އޯޑަރު ދީފިއެވެ.

އެގޮތުން އެއާބަސް އޭ320 އަދި އޭ350 އެކްސްޑަބްލިއުބީ އެއާކްރާފްޓް ގަތުމަށް ސޮއިކޮށްފައި ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ ޕެރިސް އަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.

މި އޯޑަރަކީ ޝީ، ޔޫރަޕަށް ކުރެއްވި ދަތުރުގެ ތެރެއިން ސޮއިކުރެއްވި ޑީލްތަކެއްގެ ބައެކެވެ.

ޗައިނާ އިން އެއާބަސް އަށް މިހާ ބޮޑު އޯޑަރެއް ދީފައި މިވަނީ ވާދަވެރި ބޮއިންގ އިން އެކުންފުނީގެ 737 މެކްސްގެ ހުރިހާ އެއާކްރާފްޓެއް ބޭނުންކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ނިންމާފައިވާ ދަނޑިވަޅެއްގަ އެވެ.

އެއާބަސް އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއާބަސް އޭ320ގެ 290 ބޯޓާއި، އޭ350 އެކްސްޑަބްލިއުބީގެ 10 ޖެޓް، ޗައިނާގެ އެއާލައިންތަކުން ގަތުމަށް، ޗައިނާ އޭވިއޭޝަން ސަޕްލައިސް ހޯލްޑިންގ ކޮމްޕެނީ އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުން މި ޑީލްގެ އަގު 30 ބިލިއަން ޔޫރޯ (34 ބިލިއަން ޑޮލަރު) އަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

މި ޑީލްގެ ސަބަބުން ބޮއިންގ އަށް ބޮޑު އަސަރެއް ކުރާނެ ކަމަށް ބެލެވެއެވެ. އެގޮތުން ހަ މަސް ދުވަހުގެ ތެރޭގައި 737 މެކްސް 8ގެ ދެ ފްލައިޓެއް އެކްސިޑެންޓްވުމާއި ގުޅިގެން ބޮއިންގ އަށް ވަނީ ވަރަށް ޕްރެޝަރު ބޮޑުވެފައެވެ.

މިމަހުގެ ކުރީކޮޅު އިތިއޮޕިއަން އެއާލައިންސްގެ ފްލައިޓެއް ވެއްޓުމާއި ގުޅިގެން ގިނަ ޤައުމްތަކުން ވަނީ ބޮއިންގގެ 737 މެކްސްގެ އެއާކްރާފްޓްތައް ބޭނުންކުރުން ހުއްޓާލާފައެވެ.