Last Updated: March 29, 11:09
Friday, March 29, 2024
ދުނިޔެ

ގާޒާ އަށް ދިން ހަމަލާތަކާއި ދެކޮޅަށް ޔޫކޭގައި ބޮޑު އެއްވުމެއް!

އިސްރާއީލާއި ދެކޮޅަށް މީގެ ކުރިން ލަންޑަންގައި ބޭއްވި މުޒާހަރާއެއްގެ ތެރެއިން - ފޮޓޯ: ގޫގުލް

ފަލަސްތީނުގެ ޙައްޤުތަކަށް ކެމްޕެއިންކުރާ އިނގިރޭސިވިލާތުގެ ޖަމިއްޔާތަކަކުން، އިސްރާއީލް އިން އެންމެ ފަހުން ގާޒާ ބޯޑަރަށް ދިން ބޮމުގެ ހަމަލާއަށް ރައްދުދީފި އެވެ.

އެގޮތުން ފަލަސްތީން ސޮލިޑާރިޓީ ކެމްޕެއިން، ސްޓޮޕް ދަ ވޯރ، ފްރެންޑްސް އޮފް އަލް އަޤްސާ، މުސްލިމް އެސޯސިއޭޝަން އޮފް ބްރިޓެއިން އަދި ޕަލެސްތީނިއަން ފޯރަމް އިން ބްރިޓެއިން އިން މި ހިނގާ މާޗު މަހުގެ 30 ވާ ހޮނިހިރު ދުވަހު އެ ހަމަލާތަކާއި ދެކޮޅަށް ޤައުމީ ފެންވަރުގެ ބޮޑު މުޒާހަރާއެއް ބާއްވަން ނިންމައިފި އެވެ.

އެ ޖަމިއްޔާތަކުން ވަނީ އިސްރާއީލުން ދިން ހަމަލާ ކުށްވެރިކޮށް، އާންމު ރައްޔިތުންގެ ރައްކާތެރިކަމަށް މިހާރުން މިހާރަށް ހަމަލާތައް ހުއްޓާލުމަށް އެންގުމަށް އިނގިރޭސިވިލާތުގެ ސަރުކާރަށް ގޮވާލާފައެވެ.

އިސްރާއީލުން ވަނީ އިއްޔެ ގާޒާ ބޯޑަރު ކައިރިއަށް ބޮމުގެ ގިނަ ހަމަލާތަކެއް ދީފައެވެ. އިސްރާއީލުން ބުނީ އެއީ ގާޒާ އިން އިސްރާއީލަށް ދިން ރޮކެޓު ހަމަލާގެ "ރައްދެއް" ކަމަށެވެ. ކެމްޕެއިންކުރާ ޖަމިއްޔާތަކުން ބުނީ ބައިނަލްއަޤްވާމީ ޤާނޫންތަކާއި ޚިލާފުވާފަދަ ގޮތަކަށް އާންމު ރައްޔިތުންނަށް އަމާޒުކޮށްގެން ދޭ އެއްވެސް ހަމަލާއަކަށް ސަޕޯޓް ނުކުރާ ކަމަށެވެ.

1967 ވަނަ އަހަރު ހިނގި ހަ ދުވަހުގެ ހަނގުރާމައަކަށްފަހު އިސްރާއީލުން ވަނީ ގަދަބާރުން ފަލަސްތީނަށް ވެރިވެގެންފަ އެވެ. އެއަށްފަހު އިސްރާއީލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގެ ސަބަބުން އދ އިން ބުނާ ގޮތުގައި މިހާރުން މިހާރަށް އެ ހަމަލާތައް ހުއްޓާނުލައިފިނަމަ، 2020 ވަނަ އަހަރާއި ހަމައަށްވެސް ގާޒާގައި އިންސާނުންނަށް ދިރިއުޅެވޭވަރު ނުވާނެ ކަމަށެވެ. ކެމްޕެއިންކުރާ ޖަމިއްޔާތަކުން ބުނާ ގޮތުގައި 2009 ވަނަ އަހަރަށްފަހު ގާޒާ އަށް އިސްރާއީލުން ދޭ ހަތަރުވަނަ ބޮޑު ހަމަލާ ލޯންޗްކުރަން އުޅޭކަމުގެ ބިރު ހީވެފައިވާ ކަމަށެވެ.

2008 ވަނަ އަހަރާއި 2009 ވަނަ އަހަރު އިސްރާއީލް އިން ލޯންޗްކުރި "އޮޕަރޭޝަން ކާސްޓް ލީޑް"ގައި 1300 އަށްވުރެ ގިނަ ފަލަސްތީންގެ ރައްޔިތުން ވަނީ މަރުވެފައެވެ. އަދި 2012 ވަނަ އަހަރު ކުރިއަށްގެންދިޔަ "އޮޕަރޭޝަން ޕިލާ އޮފް ޑިފެންސް"ގެ ސަބަބުން 160 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ދެ އަހަރު ފަހުން ހިންގި "އޮޕަރޭޝަން ޕްރޮޓެކްޓިވް އެޖް"ގައި އިސްރާއީލްގެ ސިފައިން ވަނީ ފަލަސްތީންގެ 2،200 ރައްޔިތުން މަރާލާފައެވެ.

އިސްރާއީލުން ގާޒާ އަށް އިއްޔެ ހަމަލާދީފައިވާއިރު، މީގެ ހަފްތާއެއް ކުރިން އދގެ ސިންސާނީ ޙައްޤުތަކާއި ބެހޭ ކައުންސިލް އިން ނެރުނު ރިޕޯޓެއްގައި ވަނީ ހަތިޔާރު ނާޅާތިބި ރައްޔިތުންނާއި ދެކޮޅަށް ހަނގުރާމަ ހިންގިކަމުގެ ތުހުމަތު އިސްރާއީލްގެ މައްޗަށް ކޮށްފައެވެ.

މިދިޔަ އަހަރުގެ މާޗު މަހުގެ 30 ވަނަ ދުވަހު "ގްރޭޓް މާޗް އޮފް ރިޓާން"ގެ ނަމުގައި ފަލަސްތީންގެ ރައްޔިތުން ގާޒާ ބޯޑަރުގައި މުޒާހަރާކުރަން ފެށީއްސުރެ މިހާތަނަށް 200 އަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، 27،000 އަށްވުރެ ގިނަ މީހުންނަށް ވަނީ އަނިޔާފައެވެ. މަރުވި މީހުންގެ ތެރޭގައި ނޫސްވެރިންނާއި ކުޑަކުދިންވެސް ހިމެނެއެވެ.

އދގެ އޮފީސް ފޯ ކޯޑިނޭޝަން އޮފް ހިއުމަނިޓޭރިއަން އެފެއާޒް (އޯސީއެޗްއޭ) އިން ނެރުނު "ޕްރޮޓެކްޝަން އޮފް ސިވިލިއަންސް" ރިޕޯޓުގައި ބުނެފައިވާ ގޮތުން 2019 ވަނަ އަހަރުގެ މިހާތަނަށް އިސްރާއީލްގެ ސިފައިން ވަނީ ވެސްޓް ބޭންކް އަދި ގާޒާގައި ފަލަސްތީންގެ 24 ރައްޔިތުން މަރާލާފައި ކަމަށެވެ.

އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބޮޑު މުޒާހަރާގައި އިނގިރޭސިވިލާތުގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް، އެއްވުން އިންތިޒާމްކުރާ ފަރާތްތަކުން ވަނީ ގޮވާލާފައެވެ. އިނގިރޭސިވިލާތުގެ 20 ސަރަޙައްދެއްގައި މުޒާހަރާ ކުރިއަށްގެންދިއުމަށް ވަނީ ނިންމައިފަ އެވެ.