Last Updated: April 19, 13:47
Friday, April 19, 2024
ޚަބަރު

އަންހެނުން ބާރުވެރިކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެއް: ރައީސް

އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއެކު ރައީސް ބޭއްވެވި ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

އަންހެނުން ބާރުވެރިކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި ވަނީ އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އަންހެނުންގެ ކުރިއެރުމާއި، އަންހެނުން ބާރުވެރި ބަޔަކަށް ހެދުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަން ފާހަގަ ކުރެއްވިއެވެ. އަދި އަންހެނުންނަށް ކުރިމަތިވަމުންދާ ތަފާތު ގޮންޖެހުންތައް ސަރުކާރުން އަބަދުވެސް ވަރަށް ގާތުން ބައްލަވައި، ހައްލު ހޯދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރުން ވަނީ ކޮމިޓީގެ ޤާނޫނީ ޒިންމާ އަދާކުރުމުގައި ދިމާވަމުންދާ ދަތިތަކާއި، އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށްޓަކައި ކޮމިޓީން ރާއްވަވާފައިވާ ކަންކަމާ ބެހޭ މައުލޫމާތު ރައީސް އަށް އަރުވައިފަ އެވެ.

އެގޮތުން، މިހާރުވެސް ކޮމިޓީގެ އިސްނެންގެވުމާއެކު ކުރިއަށް ގެންދަވާ އެކިއެކި އިޖުތިމާއީ ހަރަކާތްތަކާއި، އަންހެނުންނަކީ ހުރިހާ ގޮތަކުންވެސް ބާރުވެރި، ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި ކޮމިޓީން ހިންގަވަން ރާއްވަވާފައިވާ ހަރަކާތްތަކާ ބެހޭ މައުލޫމާތު ރައީސް އާއި ހިއްސާ ކުރެއްވިއެވެ. އަދި އެކި ގޮތްގޮތުން ކޮމިޓީއަށާއި އައްޑޫ ސިޓީގެ އަންހެނުންނަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާމެދު މެންބަރުންގެ ހުރި ކަންބޮޑުވުންތަކާބެހޭ ތަފުސީލީ މައުލޫމާތު ރައީސް އަށް އެރުވިއެވެ.