Last Updated: June 7, 11:59
Sunday, June 7, 2026
ޚަބަރު

އަޅުގަނޑު ނިކުމެ ހުރީ ޖުމުލަ ހައްލަކަށް: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ވާދަކުރައްވަނީ ދިވެހި ރައްޔިތުންނަށް ޖުމުލަ ހައްލެއް ހޯދާ ދިނުމަށް ކަމަށް މައްޗަނގޮޅި މެދު ދާއިރާގެ އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވެފައިވަނީ ޕީއެސްއެމްގެ މަޖިލިސް ބަހުސްގައި ވާހަކަ ދައްކަވަމުންނެވެ. ކެންޑިޑޭޓުންނަށް އަރުވާ ފަހުބަސް އިއްވުމުގެ ފުރުސަތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ އެމަނިކުފާނު ނިކުމެ ހުރީ މައްޗަނގޮޅި މެދު ދާއިރާގެ ރައްޔިތުންގެ ހައްގުގައި ކަމަށާއި، މުޅި މާލެ އަދި މުޅި ދިވެހި ރާއްޖޭގެ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.

އެމްޑީޕީގެ ތިލަފަތަށް ވޯޓު ދެއްވުމުން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށާއި ވަޒީފާ ނުލިބުމުގެ މައްސަލައަށް ހައްލު ހޯދާ ދެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މިއަދު މި ދިވެހި ރާއްޖޭގައި ހައްލު ނުލިބި ހުރި ކޮންމެ ކަމަކަށް ހައްލު ހޯދާ ދެވޭނެ ކަމަށާއި އެޖެންޑާ 19 އަށް ވޯޓު ދެއްވުމަށް ހުރިހާ ރައްޔިތުންނަށް ނަޝީދު ގޮވާލާފައިވެއެވެ.

މިއަދުގެ ބަހުސްގައި ނަޝީދު ވަނީ ދީން ހަތިޔާރަކަށް ހަދައިގެން ވޯޓު ހޯދުމަށް މަސައްކަތް ނުކުރުމަށް ވެސް ގޮވާލާފައެވެ.