Last Updated: March 29, 02:52
Thursday, March 28, 2024
ޚަބަރު

އަންހެން ސިފައިންނަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ހިނގާލުމެއް ބާއްވަނީ

އަންހެން ސިފައިންގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަކުރުމަށް ޝަރަފުގެ ހިނގާލުމެއް މާލޭ ސިޓީގައި ބާއްވާން ނިންމައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ މިމަހުގެ 29 ވާ ހުކުރު ދުވަހުގެ ހަވީރު 16:15 ގައި ފެށުމަށް ހަމަޖެހިފައިވާ މި ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ ބަންޑާރަކޮށިން ނިކުމެގެން އަމީރުއަޙްމަދު މަގުން އިރަށްގޮސް، މެދުޒިޔާރަތްމަގުން އިރަށްގޮސް ޝަހީދު ޢަބްދުﷲ ޒުޙައިރު ހިނގުމުން އުތުރަށްގޮސް ބޮޑުތަކުރުފާނުމަގުން އިރަށް ގޮސް މޫންލައިޓް ހިނގުމުން ދެކުނަށްގޮސް ބޮޑުތަކުރުފާނުމަގުން ހުޅަނގަށްގޮސް ކަޅުތުއްކަލާކޮށްޓަށް ނިންމާގޮތަށް ކަމަށެވެ.

ޝަރަފުގެ މިހިނގާލުން ހުއްޓި ސިފައިންގެ ބޭންޑުގައި ރާގުތަށް ކުޅުމަށް ހަމަޖެހިފައިވަނީ މުލީއާގޭ ކުރިމަތީގައާއި، ރޯޝަނީ މަގާއި ބޮޑުތަކުރުފާނުމަގު ގުޅޭ ކަންމަތީގައާއި ސެނަހިޔަ ކުރިމަތީގައާއި ސްވިމިންގ ޓްރެކް ސަރަހައްދުގެ އިތުރުން ވިލާކޮލެޖް ކައިރީގައާއި މާލޭ ކުޅިވަރު އެކުވެނި ސަރަހައްދުގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މި ޝަރަފުގެ ހިނގާލުމުގައި މިހާރު ސިފައިންގެ ޚިދުމަތުގައި ތިއްބެވި އަންހެން ސިފައިންގެ އިތުރުން ސިފައިންގެ ޚިދުމަތަށް އެންމެ ފުރަތަމަ ވެންނެވި 65 އަންހެން ސިފައިންގެ ތެރެއިން 40 ކަނބަލުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ.