Last Updated: July 1, 09:43
Wednesday, July 1, 2026
ރިޕޯޓް

"މޯލްޑިވިއަން"ގެ ރަމްޒީ ދަތުރު

މޯލްޑިވިއަންގެ އެއަބަސް ބޯޓުގައި ފަތުރުވެރިން ގަމަށް ފައިބަނީ. އައްޑޫލައިވް ފައިލް ފޮޓޯ: ޝަރަފް

ގަމުން ލަންކާއަށް ދަތުރު ކުރުމަށް އެދި އެދި ތިބި ބޭފުޅުންނަށް ފަހަރުގައި މާދަމާ އާ ހަބަރެއް ލިބިދާނެއެވެ. ގައުމީ އެއާލައިން "މޯލްޑިވިއަން" އިން ގަމުން ލަންކާއަށް ސީދާ ދަތުރު ފެށުން އިފްތިތާހް ކުރާ ވާހަކައެވެ.

ގަމުގެ ވައިގެ ބަނދަރުގެ ތަރައްޤީ އަކީ ކުރިއަށް އޮތް ރިއާސީ އިންތިހާބާއި ވަރަށް ބޮޑަށް ގުޅިފައިވާ މަޝްރުއުއެކެވެ. އަދި ގަމުގެ ވައިގެ ބަނދަރުން އުދުހޭ ބޯޓުތަކުގައި ސީދާ ކޮލަމްބޯ އަށް ދަތުރު ހަމަޖައްސައި ދިނުމަކީވެސް ސިޔާސީ ކަމެކެވެ.

މިފަހަރު މިކަމުގެ އެންމެ ބާރުގަދަ ފަރާތަކީ ރައީސް ކަމުގައި ހުންނެވި ޑރ. މުހައްމަދު ވަޙީދު ހަސަން މަނިކުއެވެ. ގަމުގެ އެއާޕޯޓްގެ ވީއައިޕީ ލައުންޖް ހުޅުއްވައިދެއްވަމުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓަރު ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވީ ލަސްތަކެއް ނުވެ ގަމުގެ ވައިގެ ބަނދަރުން ސްރީލަންކަންގެ ބޯޓު ފަހަރުގައި އައްޑޫ ރައްޔިތުންނަށް އުދުހެވޭނެކަމަށެވެ.

އެވާހަކަތަކާއި ގުޅުގެން ސްރީލަންކަންގެ މަތީ ފެންވަރުގެ ވަފްދެއް އައްޑޫއަށް ޒިޔާރަތްކޮށް ހުރި ފުރުސަތުތައް ބަލައި ދިރާސާކުރުމަށް ފަހު އުދުހުމުގެ ހުއްދައަށް ވަނީ އެދިފައެވެ. ސްރީލަންކަންގެ ބޯޓު ގަމަށް ދަތުރުކުރުމުގައި ގަމާއި މާލެ އާއި ދެމެދު ޑޮމެސްޓިކް ދަތުރުތައް ކުރުމުގެ ހުއްދައަށް އެދުމުން ގައުމީ އެއާލައިން ބަނގުރޫޓް ވެދާނެކަމަށް ބުނެ ވަނީ އަޑު އުފުލަން ފަށާފައެވެ.

އަދި މިހާރު ކުއްލިއަކަށް އަޑުއިވެމުން މިދަނީ މޯލްޑިވިއަން އިން ގަމާއި ލަންކާއާއި ދެމެދު ދަތުރު ފަށާ ވާހަކައެވެ. ކޮންމެ އަކަސް "ބަނގުރޫޓް" ވެދާނެކަމުގެ ބިރު ހީވެފައިވާ ގައުމީ އެއާލައިންއަށް ގަމާއި ލަންކާ އާއި ދެމެދު ފެށޭނީ "ރަމްޒީ" ދަތުރު ތަކެއް ކަން ކަށަވެރެވެ. މިކަން ކުރެވޭނީ އިންތިހާބާއި މިދޭތެރޭގައި ކަން ކަށަވަރެވެ.

މޯލްޑިވިއަން އިން ވަނީ މީގެ ކުރިން ލަންކާއަށް ދަތުރު ފަށާފައެވެ. ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ ވަނީ ދަތުރު ހުއްޓާލާފައެވެ. ޕެސިންޖަރުން ނުލިބުމުގެ ސަބަބުން އެ އެއާލައިނަށް އޮބި ނޯވެގެން ހުއްޓާލީއެވެ.

މިހާރު އިންޑިއާއި ރާއްޖެ އާއި ދެމެދު އުފެދިފައިވާ މައްސަލަތަކާއި ހެދި އެކުންފުނިން ތްރިވެންތަޕޫރަމްއަށް ކުރާ ދަތުރު ތަކުންވެސް ގެއްލުންވާން ފަށައިފިއެވެ. އަދި އެގޮތަށް އެކަން ހުއްޓާ އިންޑިއާގެ މުމްބާއި އާއި ބަންގްލަދޭޝްގެ ޑާކާއަށް ވަނީ ދަތުރުތައް ފަށާފައެވެ. އަދި މިމަހުގެ ތެރޭ ޗައިނާއަށް ދަތުރުފެށުމަށް ވަނީ ނިންމާފައެވެ.

ގަމުގެ ވައިގެ ބަނދަރަުން ލަންކާއަށް ދަތުރު ފަށާއިރު މޯލްޑިވިއަން އަށް 'ބަނގުރޫޓް" ނުވެ ސަލާމަތްވާނެ ބާވައެވެ. މޯލްޑިވިއަންގެ ބޯޓަށް ދަތުރު ކުރެވޭނީ ކިތައް ޕެސިންޖަރުން ލިބިގެން ހެއްޔެވެ. ޝެޑިއުލް ކިތައް ފްލައިޓް ބޭއްވޭނެ ހެއްޔެވެ؟ މިހިރީ ހައްތާވެސް އުފެދޭ ސުވާލެވެ.

ދެން އޮތީ ސްރީލަންކަންގެ ވާހަކައެެވެ. ސްރީލަންކަން އަށް އައްޑޫ ހުޅުވާލުމުން ވާނީ ކިހިނެތް ހެއްޔެވެ. ސްރީލަންކަން އިން ދަތުރު ފެށުމުން ސްރީލަންކަންގެ ބޯޓު ފަހަރުން ސީދާ ޔޫރަޕުން ފަތުރުވެރިންނަށް ދަތުރުކުރެވޭނެއެވެ. އަދި ލަންކާއަކީ މި ސަރަހައްދުގެ ޓްރާންސިޓް ހަބެއްގެ ގޮތުގައި އޮތުމުން އެތަށް ފަތުރުވެރިންނަށް އައްޑޫއަށް އައުމަށް ފަސޭހަވާނެ ކަމަށް ބައެއް ތަޖުރިބާ ކާރުން ބުނެއެވެ.

ސްރީލަންކަން އިން ގަމާއި މާލެ އާއި ދެމެދު ދަތުރު ކުރުމަށް ބޭނުންވަނީ 6 މަސް ދުވަހު ކަމަށް މައުލޫމާތު ލިބެއެވެ. އެހެންވެއްޖެ ނަމަ ހަ މަސްދުވަހުގެ ދަތުރު ތަކުން މޯލްޑިވިއަން ބަނގުރޫޓްވާ ނަމަ ދެ މަސް ދުވަހަށްވެސް ލަންކާއަށް ދަތުރު ކުރެވޭނެބާވައެވެ.

ކޮންމެއަކަސް މޯލްޑިވިއަން އިން ގަމުން ލަންކާއަށް ދަތުރު ފަށަން އުޅޭ ވާހަކަ އަޑު އިވުމުން އައްޑޫގެ ބައެއް ފަރާތަކުން ވަނީ ސުވާލު އުފައްދާފައެވެ. "މޯލްޑިވިއަން" ގައި ނެތް ފެންވަރެއް އެމީހުން ދައްކާނީ ކޮން އުސޫލަކުންތޯ މީހުން ސުވާލުއެބަ ކުރެއެެވެ. ގިނަ ރައްޔިތުން ބުނާ ގޮތުން މިކަމަކީ އަދުގެ ސަރުކާރުން އައްޑޫ ރައްޔިތުންގެ ލޮލުގައި އަނެއްކާވެސް އަޅުވާ އަނދުނެކެވެ. އަދި މޯލްޑިވިއަންގެ ނާކާމިޔާބީ އާއި އެކު މިތަނަށް ޝައުގުވެރިވާން ތިބި އެހެން ފަރާތްތައްވެސް ދުރައްޖެހޭނެއެވެ.

އެހެންވެ ބައެއް ފަރާތަކުން ބުނާގޮތުން މިކަމަކީ ވަރަށް ނުރައްކާތެރި އަދި އެއްގޮތަކަށްވެސް ކުރުން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. މިކަމުގައި ސަރުކާރުގެ ކަމާއި ބެހޭ ފަރާތްތަކުން ފުންކޮށް ވިސްނާންވެއްޖެއެވެ. އަދި ވެރިކަމަށް ވަޑައިގަތުމަށް ރައީސް ވަޙީދު ކުރައްވާ ކެމްޕެއިންތަކަށް ވެސް މިކަމުގެ ބޮޑު "ހިޔަނި" އެޅިގެންދާނެއެވެ.

މޯލްޑިވިއަން އަށް ހަމަ ހަގީގަތުގައިވެސް ކުރެވޭނީ ދެތިން މަހުގެ ރަމްޒީ ދަތުރުތަކެވެ.